ޗެމްޕިއަންސް ލީގް

ރޮނާލްޑޯއަށް ޓީމު ސަލާމަތް ނުކުރެވުނު، ބާސާގައި މެސީގެ ޖާދޫ

Apr 17, 2019

ކްއާޓާ ފައިނަލުގެ ދެ ވަނަ މެޗުގައި، ޔުވެންޓަސްގެ މައްޗަށް 2-1 ން ބަލިކޮށް އަޔެކްސް މުބާރާތުގެ ސެމީފައިނަލަށް ދަތުރު ކޮށްފި އެވެ.

އަނެއްކާވެސް އަޔެކްސްއިން މިވަނީ ރަށުން ބޭރުގައި އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފަ އެވެ. ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގައި، ރެއާލް މެޑްރިޑްގެ މައްޗަށް ވެސް އަޔެކްސްއިން ކުރި ހޯދީ، ރެއާލްގެ ދަނޑުގަ އެވެ.

އެމްސްޓަޑަމްގައި ކުޅުނު މެޗު، 1-1 އެއްވަރުވެ، ރޭ ގެ މެޗަށް ނިކުތްއިރު، އެޑްވާންޓޭޖު އޮތީ، ޔުވެންޓަސްއަށެވެ. އެއީ އެ ޓީމު އަތުގައި އަވޭގޯލެއްގެ ހިތްހަމަޖެހުން އޮތުމުންނެވެ. އެ ހިތްހަމަޖެހުމާއެކު، މެޗަށް ނިކުތް ޔުވެންޓަސްއިން ފުރަތަމަ ލީޑްވެސް ނެގި އެވެ. އެ ޓީމުގެ ލަނޑު މެޗުގެ 28 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

އެހެންނަމަވެސް، މެޗުގެ ނަތީޖާ އަޔެކްސް ކޮޅަށް އަނބުރާލުމަށްޓަކައި، ޒުވާން ޓީމަށް އުނދަގޫ ކަމަކަށް ނުވި އެވެ. ޔުވެންޓަސްއިން ލީޑް ނަގައިގެން 10 މިނެޓް ނުވަނިސް، އަޔެކްސްއިން ނަތީޖާ ހަމަހަމަ ކުރި އެވެ. އެ ޓީމުގެ ލަނޑު 34 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ޑޮނީ ވެން ޑީ ބީކް އެވެ.

ދެ ވަނަ ހާފުގައި، އަޔެކްސްއިން ބުރަކޮށް މަސައްކަތް ކުރި އެވެ. ނަތީޖާވެސް އެނބުރުނީ އެ ޓީމު ކޮޅަށެވެ. މެޗުގެ 64 ވަނަ މިނެޓްގައި މަޓިސް ޑި ލިޓް ވަނީ އަޔެކްސްއަށް ލީޑް ނަގައިދިފަ އެވެ. ޔުވެންޓަސްއިން މެޗުގެ ފަހު ކޮޅުގައި ކުޅުން ރަނގަޅު ކުރި ނަމަވެސް އަޔެކްސްގެ ގޯލް ފޫއަޅުވާ ނުލެވުނެވެ.

ޗެމްޕިއަންސް ލީގް ހަތަރު ފަހަރަށް ހޯދި އަޔެކްސްއިން ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލުން ޖާގަ ހޯދީ 22 އަހަރު ފަހުންނެވެ.

ރޭ އެންމެ ވާދަވެރި ކުރިމަތިލުމަކީ، މެންޗެސްޓާ ޔުނައިޓަޑާއި، ބާސެލޯނާގެ ކުރިމަތި ލުމެވެ. ފުރަތަމަ ލެގް މެޗު ޔުނައިޓަޑްގެ ދަނޑު އޯލްޑްޓްރަފާޑް ގައި ކުޅެ ބާސާ މޮޅުވީ 1-0 ންނެވެ. އެހެންނަމެވެސް، ބާސާގެ ކޭމްޕްނޯ ސްޓޭޑިއަމްގައި ކުޅުނު މެޗު، ބާސާއިން ޑޮމިނޭޓްކޮށް ޔުނެއިޓަޑް ލަދު ގަންނަވާލި އެވެ.

މެސީ، ދެ ލަނޑު ޖެހިއިރު، ހެޓްރިކާކާ ވަރަށް ގާތަށް އޭނާއަށް ދެވުނެވެ. ބާސާގެ އަނެއް ލަނޑު ކާމިޔާބު ކުރީ ފިލިޕޭ ކްޓީނިއޯ އެވެ.