ޗެމްޕިއަންސް ލީގްގެ ގުރޫޕް ސްޓޭޖުގައި، ޔުވެންޓަސް އާއި ބާސެލޯނާ އެއް ގުރޫޕެއްގައި ލައްވައިލައިފި އެވެ.
މިފަހަރުގެ ޗެމްޕިއަންސް ލީގްގެ ގުރޫޕް ސްޓޭޖުގައި އެންމެ ވާދަވެރި ކުރިމަތިލުމަކަށް ވާނީ، ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ ހިމެނޭ މި ދެ ޓީމުގެ ކުރިމަތިލުމެވެ. އޯގަސްޓް 2018 ގައި ރޮނާލްޑޯ، ރެއާލް މެޑްރިޑް ދޫކޮށްލި ފަހުން ދެ ކުޅުންތެރިންގެ މެދުގައި ވާދަވެރި އެއްވެސް މެޗެއް ފެނިފައެއް ނުވެ އެވެ. އެހެން ނަމަވެސް މިދިޔަ އަހަރުގެ ޔޫއެފާ އެވޯޑް ނައިޓްގައި ދެ ކުޅުންތެރިން އެކީގައި ވަނީ ވަގުތުތަކެއް ހޭދަކޮށްފަ އެވެ.
ފުޓްބޯޅައިގެ އެންމެ ބޮޑު ވާދަވެރި ކަމެއް، މީޑިއާ އިންނާއި ފުޓްބޯޅަ ސަޕޯޓަރުންގެ މެދުގައި އުފެދިފައިވާ ދެ ކުޅުންތެރިންނަކީ ވެސް އެ ދެ ކުޅުންތެރިންނެވެ. ރެއާލް މެޑްރިޑްގައި ރޮނާލްޑޯ ހޭދަ ކުރި ނުވަ އަހަރު އެލްކްލެސިކޯ މެޗުތައް ވެސް ވެފައި ވަނީ މި ދެކުޅުންތެރިންގެ ކުރިމަތިލުންތަކެއްގެ ގޮތުގަ އެވެ. ޔުވެންޓަސް އާއ ބާސެލޯނާ އާއެކު ގުރޫޕް ޖީގައި ދެން ހިމެނެނީ، ޔޫކްރޭންގެ އެންމެ ކާމިޔާބު ކުލަބު ޑައިނަމޯ ކިއޭވް އާއި ހަންގޭރީގެ ޗެމްޕިއަން ފެރެންސްވަރޯސް ޓީސީ އެވެ.
ގުރޫޕް ޖީ އަށް ފަހު، ދެން އެންމެ ފޯރިގަދަ ގުރޫޕަކީ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މުޔުނިކާއި، އެތުލެޓިކޯ މެޑްރިޑް ހިމެނޭ ގުރޫޕް އޭ އެވެ. އެ ގުރޫޕްގައި ދެން ހިމެނެނީ، އޮސްޓްރިއާގެ ސަލްޒްބާގް އާއި ރަޝިއާގެ ލޮކޮމޯޓިވް މޮސްކޯ އެވެ.
އެންމެ ފަހުގެ ރަނަރަފް ޕެރިސް ސެއިންޓް ޖާމަން އާއި މެންޗެސްޓާ ޔުނައިޓެޑް ހިމެނޭ ގުރޫޕް އެޗް ވެސް ވެގެންދާނީ ފޯރިގަދަ ގުރޫޕަކަށެވެ. އެ ގުރޫޕްގައި ދެން ހިމެނެނީ، ޖަރުމަންގެ ލައިޕްޒިގް އަދި ތުރުކީގެ އިންސްތަންބޫލް ބަޝްކްޝީއާ އެވެ.
ޗެމްޕިއަންސް ލީގްގެ ކުރީގެ ޗެމްޕިއަންނުން ކަމަށްވާ ލިވަޕޫލާއި އަޔެކްސް ހިމެނޭ ގުރޫޕަކީ ވެސް ފޯރި ކުޑަ ގުރޫޕެއް ނޫނެވެ. އެ ދެ ޓީމާއެކު ގުރޫޕް ޑީގައި ދެން ހިމެނެނީ އެޓަލާންޓާ އާއި ޑެންމާކުގެ މިޓިލޭޏްންޑް އެވެ. ގުރޫޕް ބީ ވެސް ވެގެންދާނީ ފޯރިގަދަ ގުރޫޕަކަށެވެ. ރެއާލް މެޑްރިޑް އިންޓަ މިލާން ބުރޫޝިއާ މޮންޗެންގުލެޖްބާކް ހިމެނޭ ގުރޫޕްގައި ދެެން އޮތީ ޔޫކްރޭންގެ ޗެމްޕިއަން ޝަކްޓާ ޑޮނެސްކް އެވެ.
ޔޯރޮޕާ ލީގްގެ އެންމެ ފަހުގެ ދެ މުބާރާތް ކާމިޔާބު ކުރި ސެވިއްޔާ އާއި ޗެލްސީ ލައްވާލީ ގުރޫޕް އީ ގަ އެވެ. އެ ގުރޫޕްގައި ހިމެނެނީ ރަޝިއާގެ ކްރަސްނަޑާ އާއި ފްރާންސްގެ ރެން އެވެ. ޕޯޓޯ، މެންޗެސްޓާ ސިޓީ، މާސޭ އަދި ގްރީސްގެ އޮލިމްޕިއާކޯސް ލައްވާލީ ގުރޫޕް ސީގަ އެވެ. ރަޝިއާގެ ޒެނިޓް ސެއިންޓް ޕީޓާސް ބާގް، ބުރޫޝިއާ ޑޯޓަްމުންޑް ލާޒިއޯ އަދި ބެލްޖިއަމްގެ ކުލަބު ބުރޫޖް ހިމެނޭ ގުރޫޕް އެފްގެ މެޗުތައްވެސް ފޯރިގަދަ ވާނެ އެވެ.
ޗެމްޕިއަންސް ލީގްގެ ގުރޫޕް ސްޓޭޖު މެޗުތައް ފަށާނީ މި މަހު 21 ގަ އެވެ.