ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު އެންމެ ގިނަ ފަހަރު ހޯދާފައިވާ ލައިނަލް މެސީ އިންޓާ މިއާމީއަށް ގެންދަން ފުޓްބޯޅަ ލެޖެންޑް ޑޭވިޑް ބެކަމް މަސައްކަތް ފަށައިފި އެވެ.
މެސީ ގެންދަން ގެންދަން އެޓީމުގެ ރައީސް އަދި ކޯއޯނަރު ބެކަމް މަސައްކަތް ފެށިއިރު މެސީ ޕީއެސްޖީއާއި ގުޅުނީ މިމަހުގެ ކުރީކޮޅުގަ އެވެ. ޕީއެސްޖީއާއި ގުޅުމަށްފަހު އެޓީމަށް އެންމެ މެޗެއް ވެސް މެސީ އަދި ނުކުޅެ އެވެ. ބެލެވޭ ގޮތުގައި ޕީއެސްޖީގައި މެސީ ފުރަތަމަ ފެނިލާނީ މި މަހުގެ 29 ވަނަ ދުވަހު ރެއިމްސް އާއި ބައްދަލު ކުރާ މެޗުގަ އެވެ.
މެސީ މިއާމީއަށް ގެންދަން މިހާރު ބެކަމް ވަނީ މެސީ އާއި ވާހަކަ ދައްކާފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. ބެކަމް ވާހަކަ ދައްކާފައި ވަނީ މިހާރު ޕީއެސްޖީ އާއިއެކު މެސީ ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުން ގެންދާށެވެ. ޕީއެސްޖީ އާއެކު މެސީ ހަދާފައި ވަނީ ދެ އަހަރުގެ ކޮންޓްރެކްޓް އެކެވެ. އަދި ދެފަރާތުން އެއްބަސް ވެއްޖެ ނަމަ ތިން އަހަރުގެ މުއްދަތަކަށް ކޮންޓްރެކްޓް ދިގު ދަމާލެވޭނެ އެވެ.
މިހާރުވެސް މެސީގެ އެތައް ބައިވަރު ލަގްޒަރީ އެޕާޓްމެންޓް ތަކެއް މިއާމީގައި އެބަހުރި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެހެން ކަމުން މިއީ ޕީއެސްޖީގައި ދެއަހަރު ކުޅުމަށް ފަހު އެ ކްލަބަށް މެސީ ބަދަލުވުމަށް އޮތް ފުރުސަތެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.
މެސީ އާއެކު ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެޓީމަށް ގެންދިއުމަށް މަސައްކަތް ކުރާ ކަމަށް މިއާމީގެ ކޯފައުންޑަރު ޖޯޖް މާސް ވަނީ ބުނެފަ އެވެ. އެކަން ފާހަގަ ކުރަމުން ޖޯޖް ބުނީ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރެވޭ މޮޅެތި ކުޅުންތެރިން ގެންގޮސް ވޯލްޑް ކްލާސް ޓީމެއް އެކުލަވާލުމަކީ ހުވަފެނެއް ކަމަށެވެ. ރޮނާލްޑޯ އާއި މެސީ އެއްޓީމަކަށް ކުޅޭތަން ބަލާލުމަކީ ދުނިޔޭގެ ގިނަ ފުޓްބޯޅަ ސަޕޯޓަރުންގެ ހުވަފެނެކެވެ.
ޕީއެސްޖީ އާއެކު މެސީ ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނީ 2023 ވަނަ އަހަރަށެވެ. އޭރު މެސީއަށް ވާނީ 36 އަހަރެވެ. ރޮނާލްޑޯއަށް ވާނީ 38 އަހަރެވެ. އެހެން ކަމުން އެ އުމުރުގައި އެންމެ މަތީ ފަންތީގެ ފުޓްބޯޅަ ކުޅުމުގެ ބަދަލުގައި މިއާމީ ފަދަ ޓީމަކުން މި ކުޅުންތެރިން ފެނުމަކީ އެކަށީގެންވާ ކަމެކެވެ.