ހުރިހާ އެންމެނަށް ވެސް ފައިދާ ވާނީ އެކަކު އަނެކަކަށް ޕާސް ކޮށްގެން ކުޅުމުން ކަމަށް ޕީއެސްޖީގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ ބުނެފި އެވެ.
އާރުއެމްސީ ސްޕޯޓްސް އަށް ދިން އިންޓަވިއު އެއްގައި އެމްބާޕޭ ބުނީ ހިތްހަމަ ނުޖެހޭ ކަންތައް ވާނެ ކަމަށާއި އެކަމަކު ތިން ކުޅުންތެރިން (ނޭމާ، މެސީ އަދި އެމްބާޕޭ) ގެ ވެސް އަމާޒަކަށް ވާން ވާނީ ހުރިހާ އެންމެން ގުޅިގެން ޕީއެސްޖީއަށް ކާމިޔާބީ ހޯދައި ދިނުން ކަމަށެވެ.
"ދުނިޔޭގެ ފެންވަރުގެ އެންމެ މޮޅު އެފަދަ (މެސީ، ނޭމާ) ކުޅުންތެރިންނާއެކު ކުޅޭއިރު އެންމެންވެސް ވިސްނަން ޖެހޭނެ ކޭކު ކޮޅު އެންމެނަށް ބަހައިގެން ކާން. އޭރުން ހުރިހާ އެންމެނަށް ކެވޭނީ. ވަކި މީހަކަށް ބޯޅަ ޕާސް ކޮށްފަ އަނެކަކަށް ނުކުރާނަމޭ ނުބުނެވޭނެ." ޕީއެސްޖީގެ ތެރޭގައި ޕާސް ކުރުމާއި ގޯލު ޖެހުމާއި މެދު އެމްބާޕޭ ބުންޏެވެ.
މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު އެންމެ ގިނަ ފަހަރު ހޯދާފައިވާ ލައިނަލް މެސީ ޕީއެސްޖީ އާއި ގުޅުނު ފަހުން މެސީ އާއި ނޭމާގެ ކޮމްބިނޭޝަން އަނެއްކާ ވެސް ވަނީ ފެންނަން ފަށާފަ އެވެ. ބާސެލޯނާގައި އެއްކޮށް ކުޅުނު މި ދެ ރަހުމަތްތެރިން އެކަކު އަނެކަކަށް ގިނަ ޕާސްތަކެއް ކުރާއިރު އެމްބާޕޭއަށް ޕާސް ނުކުރާ ޝަކުވާ އޭނާ އަންނަނީ ކުރަމުންނެވެ.
އެގޮތުން މީގެ ކުރިން ޕީއެސްޖީ ކުޅުނު މެޗެއްގައި ބެންޗުގައި އިނދެފައި ނޭމާ އޭނާއަށް ބޯޅަ ޕާސް ނުކުރާ ކަމުގެ ޝަކުވާ އެމްބާޕޭ ކުރަނިކޮށް މީޑިއާ ތަކުގެ ލޮލުގައި ވަނީ އެކަން އަޅައިގަނެފަ އެވެ. އެކަމާއި ގުޅޭ ގޮތުން އެމްބާޕޭ ބުނީ "އެކަހަލަ ކަންތައް ވާނެ. އެހެން ބުނުމުގެ ކުރިން އަހަންނަށް ވިސްނާލެވުނު ނަމަ. އެކަމަކު އެހެން ބުނެވުނީމަ ދެރައެއް ނުވޭ. އެއީ ޓީމުގެ އެތެރޭގައި ވާކަންތައް އެނގޭނީ އަހަރެމެންނަށް" ކަމަށެވެ.
މެސި އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާކަން ފާހަގަ ކުރަމުން އެމްބާޕޭ ބުނީ މެސީއަށް ފުޓްބޯޅަ ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި އޭނާ އާއި އެކު ކުޅެން ވަރަށް ފަސޭހަ ކަމަށެވެ. އަދި ހުރިހާ ކުޅުންތެރިން ބީޓު ކޮށްފައި ގޯލު ޖަހަން ޖެހިއްޖެ ނަމަ މެސީ އެކަން ކުރާނެ ކަމަށާއި އަދި އެއް ޓަޗުން ޕާސް ކުރަން ޖެހޭ ހާލަތް ތަކުގަި އޭނާ އެކަން ވެސް ކުރާނެ ކަމަށެވެ.
އަޑުތައް ފެތުރިފައިވާ ގޮތުން މި ސީޒަން ނިންމުމަށްފަހު އެމްބާޕޭ ޕީއެސްޖީ ދޫކޮށް ރެއާލްއަށް ބަދަލުވާނެ އެވެ. އެންމެ ފަހުގެ ޓްރާންސްފާ މާކެޓުގައި ވެސް އެމްބާޕޭ ރެއާލްއަށް ބަދަލުވާން މަސައްކަތް ކުރި ނަމަވެސް ޕީއެސްޖީއިން ވަނީ އޭނާ ދޫނުކޮށްފަ އެވެ. އެހެން ކަމުން ދެން އަންނަ ޓްރާންސްފާ މާކެޓަށް އޭނާގެ ކޮންޓްރެކްޓް ހަމަވާއިރު ފްރީ ޓްރާންސްފާ އެއްގައި ރެއާލްއަށް ދިއުމުގެ ފުރުސަތު އެމްބާޕޭއަށް އޮންނާނެ އެވެ.