ޕީއެސްޖީ

ޕީއެސްޖީއަށް ތާރިޙީ ރެޔެއް

ފްރާންސް ލީގުގައި މިރޭ ޕީއެސްޖީ ކުޅޭ މެޗަކީ އެ ޓީމަށް ތާރީހީ މެޗަކަށް ވާނެ އެވެ.

ޕީއެސްޖީއާއި ރެއިމްސް މިރޭ ބައްދަލު ކުރަން ހަމަޖެހިފައި ވާއިރު، ޕީއެސްޖީ އާއި އަލަށް ގުޅިނު، ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު އެންމެ ގިނަ ފަހަރު ހޯދާފައިވާ ލައިނަލް މެސީ މިރޭގެ މެޗުން ފެންނާނެ އެވެ. މެސީގެ ފުރަތަމަ ފެނިލުން ޕީއެސްޖީގައި މިރޭ ހަދާނެ އިރު، އޭނާ ކުޅެން ނުކުންނާނީ މެޗުގެ ކިހާ ހިސާބަކުން ކޮން ކުޅުންތެރިއެއްގެ ބަދަލުގައި ކަމެއް އަދި ނޭނގެ އެވެ.

މިރޭގެ މެޗު ސްކޮޑް ޕީއެސްޖީން އާންމު ކޮށްފައި ވާއިރު، މެސީގެ އިތުރުން މި ސީޒނަށް ޓީމާއި އަލަށް ގުޅުނު އިޓަލީގެ ކީޕަރު ޑޮނަރޫމާ ވެސް ވަނީ ސްކޮޑުގައި ހިމަނާފަ އެވެ. މީގެ އިތުރުން ޓީމުން ވަކިވެ ސްޕެއިންގެ ރެއާލް މެޑްރިޑަށް ގުޅެން މަސައްކަތް ކުރަމުން އަންނަ ޕީއެސްޖީގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ ވެސް ވަނީ މިރޭގެ މެޗަށް ޓީމްގެ ސްކޮޑުގައި ހިމަނާފަ އެވެ.

މެޗުގެ ފުރަތަމަ 11 އަށް ނުކުންނާނެ ކުޅުންތެރިން ޕީއެސްޖީން އަދި އާންމު ކޮށްފައެއް ނުވެ އެވެ. ބެލެވޭ ގޮތުގައި މެސީ މިރޭގެ މެޗުގައި ކުޅެން ނުކުންނާނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އެއީ ކޮޕާ އެމެރިކާއަށް ފަހު ގިނަ ދުވަސްތަކެއް ޗުއްޓީގައި ހޭދަ ކުރުމާއި، ޓީމާއި އެކު ގިނަ ދުވަސްތަކެއް ފަރިތަ ކުރެވިފައި ނުވާތީ އެވެ.

މިރޭގެ މެޗުގައި ސެންޓްރަލް ފޯވާޑަކަށް އެމްބާޕޭ އަދި ވާތު ފަޅިން ކުރިއަށް ނޭމާ ކުޅޭނެ ކަމަށް ބެލެވޭއިރު، މެސީ ކުޅޭނެ ކަމަށް ލަފާ ކުރެވެނީ ކަނާތު ފަޅިން ކުރިއަށެވެ. އެކަމަކު އިކާޑި މިވަގުތު އަނިޔާގައި ހުރުމުން މެދުތެރެއަށް މެސީ ކުޅުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ޕީއެސްޖީގައި މެސީގެ ފުރަތަމަ ޑިބަޓް މިރޭ ފެންނާނެ ކަމަށް ބެލެވޭއިރު، ގިނަ ބަޔަކު އަންނަނީ މި މެޗަށް އިންތިޒާރު ކުރަމުންނެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅު ތަކުން މިރޭގެ މެޗު ބެލުމަށް މީހުން އަންނަނީ ޓިކެޓު ގަންނަމުންނެވެ.

އެމްބާޕޭ ޓީމުން ވަކިވަން މަސައްކަތް ކުރަނިކޮށް ޓީމުގެ ސްކޮޑުގައި ވަނީ ހިމަނާފަ އެވެ. މިކަމާއި ގުޅިގެން ޕީއެސްޖީގެ ކޯޗު ޕޮޗެޓީނިއޯ ބުނީ ޓީމުން ވަކިވަން ބޭނުންވާ ކަމަށް އެމްބާޕޭ އޭނާ ކައިީގައި ބުނެފައި ނުވާ ކަމަށެވެ. އަދި ޓީމުގެ ފަރިތަކުރުން ތަކުގައި އެމްބާޕޭގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބި އޭނާ އަންނަނީ ވަރަށް ރަނގަޅަށް ފަރިތަކުރުންތައް ކުރިއަށް ގެންދަމުން ކަމަށެވެ.