މެސީ

ޕީއެސްޖީއަށް ދެވުނީތީ ދެރައެއް ނުވޭ: މެސީ

ޕީއެސްޖީއަށް ދެވުނީތީ ދެރަ ނުވާ ކަމަށް އެޓީމާ ދާދި ފަހުން ގުޅުނު ލައިނަލް މެސީ ބުނެފި އެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު އެންމެ ގިނަ ފަހަރު ހޯދާފައިވާ މެސީ ޕީއެސްޖީއަށް ބަދަލުވީ މީގެ ދުވަސްކޮޅެއް ކުރިން އޮތް ޓްރާންސްފާ މާކެޓުގަ އެވެ. އެކަމަކު ޕީއެސްޖީއަށް ބަދަލުވި ފަހުން މެސީގެ ފަރާތުން ކުރީގެ މޮޅު ކުޅުން ނުފެންނަ ކަމުގެ ޝަކުވާ ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ.

މީގެ އިތުރުން ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯ އެނބުރި މެންޗެސްޓާ ޔުނައިޓެޑަށް ގޮސް އެޓީމުގައި ވިދާލި އިރު، މެސީގެ ފަރާތުން އެފަދަ ކުޅުމެއް ނުފެންނާތީ ގިނަ ބައެއްގެ ފާޑުކިޔުން ވެސް މެސީއަށް އަމާޒުވެފައިވެ އެވެ.

ރޮނާލްޑޯ ޔުނައިޓެޑަށް ބަދަލުވި ފަހުން ތިން ގޯލު ޖަހާފައި ވާއިރު، މެސީއަށް މި ސީޒަނުގައި އަދި ޖެހުނީ އެންމެ ގޯލެކެވެ.

މިކަމާ ގުޅިގެން ފްރާންސްގެ މީޑިއާ އަށް ދިން އިންޓަވިއު އެއްގައި މެސީ ބުނީ ޕީއެސްޖީއަށް ބަދަލު ވެވުމުން އެކަމާ ދެރަ ނުވާ ކަމަށެވެ. މީގެ ފުލް އިންޓަވިއު މީޑިއާތަކަށް އާންމު ކުރާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ފުޓްބޯޅަ ދިރާސާ ކުރާ މީހުން ފާހަގަކުރާ ގޮތުގައި މެސީއަށް ޕީއެސްޖީގައި ކުޅެން ދަތި ތަކެއް ކުރިމަތިވެފައި ވަނީ ފްރާންސް އަދި ލީގު އެކެއްގެ ކުޅުމާއި ބާސާ އާއި ލަލީގާގެ ކުޅުމުގެ ވައްޓަފާޅި ތަފާތު ވުމުންނެވެ. އެހެންކަމުން އެ ވައްޓަފާޅިއަށް މެސީ ހޭނެން ދުވަސް ނަގާނެ ކަމަށެވެ.

މެސީ އާއި ހިލާފަށް ރޮނާލްޑޯ ކުރިންވެސް ޔުނައިޓެޑްގައި ކުޅެފައި ހުރުމުން އޭނާއަށް ޔުނައިޓެޑަށް ކުޅުން މާ އުނދަގޫ ކަމަކަށް ނުވާނެ އެވެ. އަނެއްކޮޅުން ރޮނާލްޑޯ ފުޓްބޯޅައިގައި ވިދާލީ ވެސް ޔުނައިޓެޑުންނެވެ.