ފްރާންސް ލީގުގައި އާދީއްތަ ދުވަހުގެ ރޭ ޕީއެސްޖީ އާއި މޮންޓްޕިލިއާ ބައްދަލުކުރާ މެޗުގައި އާޖެންޓީނާގެ ތަރި ލައިނަލް މެސީއަށް ނުކުޅެވޭނެ އެވެ.
މޮންޓްޕިލިއާ މެޗުގައި މެސީއަށް ނުކުޅެވޭނީ އޭނާގެ ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން މެޗަށް ފިޓް ނުވާތީ އެވެ. އުމުރުން 34 އަހަރުގެ މެސީގެ ކަކުލަށް އަނިޔާވީ ސެޕްޓެމްބަރު 19 ވަނަ ދުވަހު ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރި މެޗުގެ ތެރެއިންނެވެ. އަނިޔާގެ ސަބަބުން ބުރާސްފަތި ދުވަހު މެޓްޒް އަތުން 2-1 ގެ ނަތީޖާ އަކުން ޕީއެސްޖީ މޮޅުވި މެޗުގައި ވެސް މެސީއަށް ނުކުޅެވުނެވެ.
ޕީއެސްޖީން ހުކުރު ދުވަހު ބުނީ އާދީއްތަ ދުވަހުގެ ރޭ މެޓްޒް އާއި ދެކޮޅަށް ބައްދަލުކުރާ މެޗަށް މެސީ ފިޓް ނުވާނެ ކަމަށެވެ. އަދި މިއަންނަ ބުދަ ދުވަހު ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އާއި މެންޗެސްޓާ ސިޓީ ބައްދަލުކުރާ މެޗުގައި މެސީއަށް ކުޅެވޭނެތޯ ބެލުމަށް އާދީއްތަ ދުވަހު މެޑިކަލް ޓެސްޓެއް ހަދާނެ ކަމަށް ޕީއެސްޖީން ބުންޏެވެ. ޕީއެސްޖީން ބުނާ ގޮތުގައި އާދީއްތަ ދުވަހުގެ މެޗަށް މެސީ މުޅިން ފިޓް ނުވި ނަމަވެސް މިހާރު އޭނާ ވަނީ ޓްރެއިނިންގެ ރަނިން އެކްސަސައިޒް ތަކުގައި ބައިވެރިވާން ފަށާފަ އެވެ.
މެސީ ޕީއެސްޖީއަށް ބަދަލުވުމަށް ފަހު މިހާތަނަށް ކުޅުނީ ތިން މެޗެވެ. އޭނާގެ ފުރަތަމަ މެޗުގައި 2-0 ގެ ނަތީޖާ އަކުން ރެއިމްސް އަތުން މޮޅުވި އިރު، ކްލަބް ބްރޫގާ އާއި 1-1 އިން އެއްވަރުވި މެޗުގައި ވެސް މެސީ ކުޅުނެވެ. އަދި ޕީއެސްޖީގެ ދަނޑުގައި 2-1 އިން ލިޔޯންގެ މައްޗަށް ކުރިހޯދި މެޗުގައި މެސީ ކުޅުނު ނަމަވެސް މެޗުން މޮޅުވި ގޯލު ޖެހިއިރު އޭނާ ވަނީ އަނިޔާގެ ސަބަބުން ބާލާފަ އެވެ.
މެސީގެ އިތުރުން މާކޯ ވެރާޓީ އާއި ޓީމާއި މި ސީޒަނުގައި އަލަށް ގުޅުނު ސާޖިއޯ ރާމޯސް ވެސް މިވަގުތު ހުރީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގަ އެވެ. ޕީއެސްޖީއަށް ބަދަލުވި ފަހުން ސާޖިއޯ ރާމޯސްއަށް އަދި އެންމެ މެޗެއް ވެސް ނުކުޅެވެ އެވެ.