ޗެމްޕިއަންސް ލީގް

ޕީއެސްޖީ މޮޅުކޮށްދީ މެސީ ވިދާލައިފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އާއި މެންޗެސްޓާ ސިޓީ ބައްދަލު ކުރި މެޗުން ޕީއެސްޖީ މޮޅުވެއްޖެ އެވެ.

ޕީއެސްޖީގެ ދަނޑުގައި ރޭ ކުޅުނު މި މެޗު ޕީއެސްޖީން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގައި ގޯލު ޖެހުމުގެ އިތުރުން މޮޅު ކުޅުމެއް ދައްކައި، ޕީއެސްޖީ އާއި މި ސީޒަނުގައި ގުޅުނު ލައިނަލް މެސީ ވަނީ ވިދާލާފަ އެވެ. މެސީގެ ފުރަތަމަ ޕީއެސްޖީ ގޯލު ރޭ ކާމިޔާބުކުރި އިރު، އޭނާ ރޭގެ މެޗަށް ކުޅެން ނުކުތީ ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން ޕީއެސްޖީގެ ދެ މެޗު ނުކުޅެ ހުރުމަށް ފަހު އެވެ.

މެސީގެ އިތުރުން އިޓަލީގެ ކީޕަރު ޑޮނަރޫމާ ވެސް ވަނީ ރޭގެ މެޗުގެ ފުރަތަމަ 11 އިން ޖާގަ ހޯދާފަ އެވެ. ޔޫރޯ 2020 ގައި އެންމެ މޮޅު ކީޕަރުގެ މަގާމު ހޯދައިގެން މި ސީޒަނުގައި ޕީއެސްޖީ އާއި ގުޅުނު ޑޮނަރޫމާއަށް ޓީމުގެ ފުރަތަމަ 11 އިން ގިނަ މެޗު ތަކުގައި ފުރުސަތު ނުލިބޭތީ އޭނާ ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. އެކަމަކު ރޭގެ މެޗުގައި ޑޮނަރޫމާގެ ފަރާތުން މޮޅު ކުޅުމެއް ފެނުނެވެ.

މެޗުގެ ފުރަތަމަ ފަސް މިނެޓުގައި ސިޓީން ޑޮމިނޭޓް ކުރި ނަމަވެސް ޕީއެސްޖީން ވަނީ ކުޅުމުގެ ތެރެއަށް ވަދެ މެޗުގެ އޮއެވަރު އަނބުރާލާފަ އެވެ. ނަތީޖާއަކަށްވީ ފުރަތަމަ ހާފުގެ އަށް ވަނަ މިނެޓުގައި ޕީއެސްޖީން ގޯލެއް ޖަހައި ލީޑު ނެގުމެވެ. މި ގޯލަކީ ނޭމާ ދިން ޕާހަކުން އިދްރީސާ ގޭ ކާމިޔާބު ކޮށްދިން ގޯލެކެވެ.

ފުރަތަމަ ހާފުގައި ގޯލު ޖަހަން ސިޓީއަށް މުޅިން ހުސް ފުރުސަތެއް ލިބުނެވެ. މަތިމަތިން އައި ހުރަހެއް ޑިބްރައިނާގެ ބޮލުން ޖަހައި ގޯލަށް ފޮނުވާލި ނަމަވެސް ހުރަސް ދަނޑީގައި ޖެހިފައި ބޯޅަ ނިކުތީ ބޭރަށެވެ. އެ ބޯޅަ ބާނާޑޮ ސިލްވާ ހުސް ގޯލަށް ފޮނުވާލަން މަސައްކަތް ކުރި ނަމަވެސް އަމާޒުވީ ހުރަސް ދަނޑިއާ އެވެ. ފުރަތަމަ ހާފު ނިމުނީ 1-0 އިން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.

ޕީއެސްޖީގެ ދެވަނަ ގޯލު މެސީ ޖަހައިދިނީ ދެވަނަ ހާފުގެ 74 ވަނަ މިނެޓުގަ އެވެ. މި ގޯލަކީ އެމްބާޕޭއާ އެކު އަންޓޫ ޕާހެއް ހެދުމަށްފަހު ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން މެސީ ކާމިޔާބު ކުރި ވަރަށް ހިތްގައިމު ގޯލެކެވެ.

މި ނަތީޖާއާ އެކު ޕީއެސްޖީ ގްރޫޕް އޭގެ އެއް ވަނައިގައި އޮތީ އެއް މެޗުން މޮޅުވެ އަނެއް މެޗުން އެއްވަރު ވެގެން ލިބުނު ހަތަރު ޕޮއިންޓާއި އެކުގަ އެވެ. އަދި އާރުބީ ލެޕްޒިގް އާއި ކްލަބް ބްރޫގާ ރޭ ބައްދަލުކުރި މެޗުން 2-1 ގެ ނަތީޖާ އަކުން ބްރޫގާ މޮޅުވުމުން އެޓީމު އޮތީ ގްރޫޕްގެ ދެ ވަނައިގަ އެވެ. އަދި ތިން ޕޮއިންޓާއި އެކު ސިޓީ ތިން ވަނައިގައި އޮތްއިރު، އާރުބީ ލެޕްޒިގް ގްރޫޕްގެ ފުލުގައި އޮތީ ދެ މެޗުން ބަލިވެ ޕޮއިންޓެއް ނުލިބި އެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗު ތަކަށް ބަލާއިރު، ޕޯޓޯ އަތުން ލިވަޕޫލް 5-1 އިން މޮޅުވި އިރު އތުލެޓިކޯ މެޑްރިޑުން އޭސީ މިލާން ބަލިކުރީ 2-1 ގެ ނަތީޖާ އަކުންނެވެ. އިންޓާ މިލާން އާއި ޝަކްތާ ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަަކަށް ގޯލެއް ނުޖެހި އެއްވަރު ވެގެންނެވެ. އަދި އަޔަކްސް އިން ބެސިކްޓަސް 2-0 އިން ބަލިކުރި އިރު، ސްޕޯޓިން އަތުން ޑޯޓްމަންޑް މޮޅުވީ 1-0 ގެ ނަތީޖާ އަކުންނެވެ. ވަރުގަދަ ރެއާލް މެޑްރިޑް ޝެރިފް އަތުން ބަލިވީ 2-1 އިންނެވެ.