މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ އުންމީދަކީ ޗެމްޕިއަންސް ލީގުގައި މިރޭ މެންޗެސްޓާ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗަށް ލައިނަލް މެސީ ފިޓްވުން ކަމަށް ގާޑިއޯލާ ބުނެފި އެވެ.
މިރޭގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ މިރޭގެ މެޗަށް މެސީ ފިޓްވެ އޭނާއަށް ކުޅެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
ފްރާންސް ލީގުގައި ލިޔޯން އާއި ޕީއެސްޖީ ސެޕްޓެމްބަރު 19 ވަނަ ދުވަހު ބައްދަލުކުރި މެޗުގައި މެސީގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ މިވަގުތު ހުރީ ކުޅުމާއި ދުރުގަ އެވެ. އޭގެ ފަހުން ޕީއެސްޖީން ލީގުގައި ކުޅުނު ދެ މެޗުގައި ވެސް މެސީއަށް ނުކުޅެވުނެވެ. އެކަމަކު ހޯމަ ދުވަހުން ފެށިގެން މެސީ ވަނީ ޕީއެސްޖީގެ ޓްރެއިނިން ތަކުގައި ބައިވެރިވާން ފަށާފަ އެވެ. މިއީ މިރޭގެ މެޗުގައި އޭނާއަށް ކުޅެވިދާނެ ކަމުގެ އުންމީދު އާކޮށްދޭ ކަމެކެވެ.
ފުޓްބޯޅައިގެ ހަޔާތުގައި މެސީ އާއި ގާޑިއޯލާއާ ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއް އުފެދިފަ އެވެ. ބާސެލޯނާގައި މެސީ އެންމެ ވިދާލި ދުވަސްވަރު އޭނާ ކުޅުނީ ގާޑިއޯލާގެ ކޯޗު ކަމުގެ ދަށުންނެވެ. ގާޑިއޯލާ ބާސެލޯނާ ދޫކޮށް ދިޔަ ފަހުން ވެސް އެކި ފަހަރު މަތިން ވަނީ މެސީއަށް ތައުރީފުކޮށް އެކި ޕްލެޓްފޯމް ތަކުގައި ވާހަކަ ދައްކާފަ އެވެ.
މިރޭގެ މެޗަށް ނިކުންނައިރު ގާޑިއޯލާއަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ވަރުގަދަ ޗެލްސީ އަތުން ޖެހިޖެހިގެން ތިން މެޗުން ބަލިވެފައި ވަނިކޮށް އެންމެ ފަހުން ކުޅުނު މެޗުން ޗެލްސީގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ސިޓީ ކުރި ހޯދުމެވެ. މިއާއި އެކު ޓީމުގެ ކޮންފިޑެންސް ލެވެލް އޮތީ ބޮޑުތަނުން އިތުރުވެފަ އެވެ.
އަނެއްކޮޅުން ޗެމްޕިއަންސްލީގުގެ ގްރޫޕް އޭގެ އެއްވަނައިގައި ސިޓީ އޮތީ ކުޅުނު ފުރަތަމަ މެޗުން މޮޅުވެ ލިބުނު އެއް ޕޮއިންޓާއި އެކުގަ އެވެ. ސިޓީ އަތުން ފުރަތަމަ މެޗުގައި ބަލިވުމުން އާރުބީ ލެޕްޒިގް ގްރޫޕްގެ ފުލުގައި އޮތްއިރު، ޕީއެސްޖީ އާއި ކްލަބް ބްރޫގާ ބައްދަލުކުރި މެޗު ނިމުނީ އެއްވަރު ވެގެންނެވެ. ޕީއެސްޖީ ގްރޫޕްގެ ދެވަނައިގައި އޮތީ ހޯމް އެޑްވާންޓޭޖުންނެވެ.