މެންޗެސްޓާ ސިޓީ

ޔޫރަޕިއަން ޗެމްޕިއަންސް ލީގް ތަށި މެންޗެސްޓަ ސިޓީ އިން ކާމިޔާބުކޮށްފި

ޔޫރަޕްގެ ކްލަބް ތަކުގެ މެދުގައި ބޭއްވޭ އެންމެ ޝަރަފްވެރި މުބާރާތް ކަމުގައިވާ ޗެމްޕިއަންސް ލީގުގެ ތަށި އިނގިރޭސި ކްލަބް މެންޗެސްޓަ ސިޓީ އިން ކާމިޔާބުކޮށްފި އެވެ.

ތުރުކީގެ އިސްތަންބޫލްގައި ރޭ ދަންވަރު ކުޅުނު މި މެޗުން ސިޓީ މޮޅުވީ މި މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އައިސް ރޭ އިޓަލީގެ އިންޓަ މިލާނާއި ކުޅެ 1-0 ގެ ނަތީޖާ އަކުންނެވެ. ސިޓީ ވަނީ މި މުބާރާތުގައި 31 ގޯލް ޖަހައި ކްލަބަކުން ޖަހާފައިވާ އެންމެ ގިނަ ގޯލް ވެސް މިފަހަރު ދައްކައިދީފަ އެވެ.

ރޭގެ މެޗް ފަށައިގެން އިންޓަރ މިލާނުން ކުޅެމުން ގެންދިއައީ ވަރަށް ވަރުގަދަކޮށެވެ. ސިޓީ އެވަގުތު ފެނިގެންދިއައީ މެޗްތެރެއަށް ނުވަދެވިގެން އުޅުނު ތަނެވެ. މެދުތެރެއިން ވަރުގަދަ އަށް އިންޓަރ އިން އޮތީ ޑޮމިނޭޓް ކޮށްފަ އެވެ. އަދި އިންޓަރ ގެ މަސައްކަތުގެ ރޭޓް ސިޓީ އަށް ވުރެ ފެނުނީ މާ ވަރުގަދަކޮށެވެ.

އިންޓަރ ކުޅުނު މޮޅު ކުޅުމާއެކު ގޯލެއް ނުޖެހި ގިނަ އިރުވުމުން ޓީމް އެލި މެންޗެސްޓަރ ސިޓީ ދިއައީ މަޑު މަޑުން މެޗް ތެރެއަށް ވަންނަމުން ކައުންޓަރ ގައި ރަނގަޅު ކުޅުމެއްވެސް ދައްކަމުންނެވެ. ނަމަވެސް ދެ ޓީމުން ކުރެ ޓީމަކަށްވެސް ފުރަތަމަ ހާފް ނިމިގެން ދިއައިރު ގޯލެއް ޖެހިފައިނުވެ އެވެ. ސިޓީގެ މޮޅަށް ކުޅެމުންދިއަ ޑިބްރޭނާ އަށް މިހާފް ގައި އަނިޔާވެގެން ވަނީ ބާލުވާފަ އެވެ.

ދެވަނަ ހާފް ފެށިގެން ދާދި ހަމަ ހަމަ ކުޅުމެއް ކުޅެމުން ގޮސް 68 ވަނަ މިނެޓްގައި ސްޕޭންގެ ތަރި ރޮޑްރީ ވަނީ އިންޓަރ ޑިފެންސުން ސިލްވަރ ގެ ހުރަހެއް ސާފް ކޮށްލަން ޖެއްސި ބޯޅަ ޕެނަލްޓީ އޭރިއާ ތެރެއިން ތަންކޮޅެއް އެތެރެއިން ރޮނގުމަތިން ކަހަލަ ގޮތަކަށް ލިބުމުން އިންޓަރ ގެ ޑިފެންޑަރުން ތެރެއިން ތިރިތރިން ރީތިކޮށް ކުޑަ ކާވް އަކާ އެކު މޮޅަށް ޝޫޓް ކޮށް ގޯލް ޖަހާފަ އެވެ.

މުޅި މެޗްގައި ވެސް އެންމެ ރީތި ފުރުސަތެއް ފެނިގެންދިއައީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި އަރައި ލުކާކޫ ބޮލުން ފޮނުވާލި ހަމަލާ އެވެ. ނަމަވެސް ސިޓީގެ ކީޕަރުގެ ހުޝިޔާރު ކަމާއެކު ގޯލުގެ ރޮނގުމަތިން ކަހަލަ ގޮތަކަށް އެ ބޯޅަ ވަނީ ދިފާއުކޮށްފަ އެވެ. ރޭގެ މެޗްގައި ސިޓީގެ ކީޕަރު އެޑަސަން ވަނީ މެޗް ނިމިނިމި އޮއްވާ ދެ ހަމަލާއެއް ދިފާއުކޮށް ސިޓީއަށް ތަށި މަގުފަހިކޮށްދީފަ އެވެ. ސިޓީގެ ހާލަންޑަށާއި ފޯޑްން އަދި އިންޓަރގެ ލައުޓާޜޯ މާޓިނޭޒް އަށްވެސް ގޯލް ޖަހާނެ ރަނގަޅު ފުރުސަތު ވަނީ ލިބި ބޭނުން ނުކުރެވިފަ އެވެ.

ރީތި ފުޓްބޯޅައެއް ފެނިގެން ދިއަ ޗެމްޕިއަންސް ލީގް މެޗް ސިޓީ އިން ކާމިޔާބްކޮށް މިވަނީ ފުރަތަމަ ފަހަރަށް މި ތަށި ހޯދައި ތާރީހު ލިޔެފަ އެވެ. މީގެ އިތުރުން ސިޓީ އިން މި ސީޒަންގައި ތިން ތަށި ހޯދައި ހަމައެކަނި 1998-1999 ގެ ސީޒަންގައި މެންޗެސްޓަރ ޔުނައިޓެޑުން މިހާތަނަށް ހަދާފައިވާ 25 އަހަރުވެފައިވާ ޓްރެބްލް ރެކޯޑާވެސް ވަނީ އަރައި ހަމަހަމަ ކޮށް މިސީޒަންގައި ސިޓީގެ ކާމިޔާބުތައް ރަން އަކުރުން ލިޔެލާފަ އެވެ.

ސިޓީގެ ކާމިޔާބްތައް މިފަހަކުން އަންނަންފަށާފައިވަނީ ސިޓީ ގެ މޮޅު ކޯޗް ޕެޕް ގާޑިއޯލާގެވެސް މަސައްކަތުންކަމަށްވާއިރު ސިޓީގެ މާލީ ހާލަތު ބަލަހައްޓަމުން އަންނަ ކްލަބްގެ ވެރިއާ އަބޫ ދާބީ ގެ ޝައިހް މަންސޫރު ބިން ޒައިދު އަލް ނަހްޔާން ގެ ކްލަބް ހިންގުންވެސް މިކާމިޔާބުގައި ބޮޑު ހިއްސާއެއް އަދާކުރެ އެވެ.

"މި ކާމިޔާބު ވަނީ ތަރިތަކުގައި ލިޔެވިފައި. މިއީ އަހަރެމެންގެ ހައްގެއް.. މި މިޗްގައި އަހަރެމެންގެ މޮޅު ލެވެލްގައި ނުކުޅެވުނު. ވޯލްޑް ކަޕަށްފަހު އަހަރެމެންވަނީ މަސައްކަތަކެއް ކޮށްފައި. މިއީއަކީ އަހަރެމެންގެ އެންމެ ރަނގަޅު ކުޅުމެއް ނޫން." މެޗަށްފަހު މަޝްހޫރު ކޯޗް ޕެޕް ގާޑިއޯލާ ބުނެފައިވެ އެވެ.

ސިޓީ ގެ ހަމައެކަނި ގޯލް ޖެހި ކުޅުންތެރިޔާ ރޮޑްރީ އަކީ 2021 ވަނަ އަހަރު ސިޓީ ޗެމްޕިއަންސް ލީގް ފައިންލްގައި ޗެލްސީއާއި ދެކޮޅަށް ކުޅުނު މެޗްގައި ޓީމަށް ޕެޕް ގާޑިއޯލާ ނުނެގުމުން މިހާތަނަށްވެސް އެވާހަކަ ދެކެވޭ އަދި މިދިއަ ހަފްތާގައި ޕްރެސްގައި އެކަމާ ގާޑިއޯލާ އާއި ސުވާލްކޮށްފައިވާ ކުޅުންތެރިއެކެވެ. އޭނާ އަށް ރޭގެ މެޗްގައި ފުރުސަތު ދިނުމުން ވަނީ ނަސީބް ދައްކައި މުހިންމު ގޯލް ސިޓީ އަށް ކާމިޔާބުކޮށްދީ މުޅި ޓީމަށާއި ކޯޗަށް ބޮޑު ކާމިޔާބް ހޯދުމުގެ އެންމެ ބޯޑު ހިއްސާ އަދާކޮށްދީފަ އެވެ. އޭނާ ވަނީ މި މުބާރާތުގެ ކުއާޓާ ފައިނަލްގައި ބެޔާން މިއުނިކް ކޮޅަށްވެސް ލަނޑު ޖަހާފަ އެވެ.

"މިއީ ހުވަފެނެއް ސީދާ ވުން. މި ހުރިހާ އެއްމެން އިންތިޒާރު ކުރަމުން އަންނަތާ އަހަންނަކަށް ނޭނގެ ކިތައް އަހަރުވެއްޖެކަމެއްވެސް...ބައެއް މީހުން 30 އަހަރަށް ވުރެ ދިގު އިންތިޒާރެއްގައި. މިދިއަ އަހަރު އަހަރެމެން މި ތައްޓާއި ވަރަށް ގާތަށް ޖެހިލިން. އެންމެފަހުން ހެއްދެވި އިލާހުގެ ނިންމުން މިއީ،" މެޗްގެ މޮޅު ކުޅުންތެރިއާ އަދި މި މުބާރާތުގެ ފައިނަލެއްގައި ލަނޑުޖެހި ސްޕޭންގެ ދިހަ ވަނަ ކުޅުންތެރިއާ މެޗަށްފަހު ބުނެފައިވެ އެވެ.