ޗެމްޕިއަންސް ލީގް

ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ ބޮޑު ފައިނަލް މިރޭ އިސްތަންބޫލްގައި

ޔޫރަޕްގެ ކްލަބްތަކުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ ފައިނަލް ތުރުކީގެ އަތާތުރްކް އޮލިމްޕިކް ސްޓޭޑިއަމްގައި ރާއްޖެ ގަޑިން މިރޭ 12 ޖަހާ އިރު ފަށާނެ އެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކުރާނީ އިނގިރޭސި ލީގް ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި އިޓާލިއަން ލީގުގައި މިވަގުތު ތިން ވަނައިގައި އޮތް މަޝްހޫރު އިންޓަ މިލާނެވެ.

މެންޗެސްޓާ ސިޓީ ފައިނަލަށް އައިސްފައިވަނީ ސްޕޭނުގެ ބޮޑު ބާރު ރެއާލް މެޑްރިޑް، ދެ ލެގުން ބަލިކުރުމަށްފަހު އެވެ. އަނެއްކޮޅުން އިންޓަ މިލާން ފައިނަލަށް އައިސްފައިވަނީ އިޓަލީގެ ބޮޑު ބާރު އަދި އަވަށްޓެރި އޭސީ މިލާން ދެ ލެގުން ބަލިކުރުމަށްފަހު އެވެ.

އިންޓަ މިލާން އިން ވަނީ މި މުބާރާތް މަޝްހޫރު މެނޭޖަރު ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން 2010 ވަނަ އަހަރު ހޯދާފަ އެވެ. އެއިގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން އިންޓަ އިން ވަނީ މި މުބާރާތް ކާމިޔާބް ކޮށްފަ އެވެ. އިންޓަ އިން ކޮޕާ އިޓާލިއާ މި ސީޒަންގައި ހޯދާފައިވުމުން އިންޓަ އިންވެސް މިރޭގެ ތަށްޓާ އެކު ޑަބަލްއެއް ހެދުމަށް ވަނީ ކެތް މަދުވެފަ އެވެ.

އަބޫ ދާބީގެ ޝައިހް މަންސޫރު ބިން ޒައިދް އަލް ނަހްޔާން މެންޗަސްޓަ ސިޓީ ބައްލަވައިގެން ފަހުން އަންނަނީ ބޮޑެތި ކާމިޔާބީތައް ހޯދައި ޔޫރަޕްގެ އެހެނިހެން ކްލަބްތައް ސިޓީ ދެކެ ޖެހިލުން ކުރުވާ ވަރު ކުރުވަމުންނެވެ. ނަމަވެސް މިދިޔަ ތިން ސިޒންގައި ދެފަހަރެއްގެ މަތީން ފައިނަލް ކުޅުން ފިޔަވައި މިހާތަނަށް ސިޓީއަށް މި މުބާރާތުގެ ތަށި ލިބިފައެއް ނުވެ އެވެ. އެހެންކަމުން މިރޭގެ މެޗަކީ ސިޓީ އިން މި ތާރީހް ނިމުމަކަށް ގެނެސް ތަށި ފުރަތަމަ ފަހަރަށް އުފުލާލުމުގެ އުއްމީދު ބޮޑުކުރާނެ ރެއެކެވެ.

ސިޓީ އިން މިރޭގެ މެޗް ކާމިޔާބުކޮށްފިނަމަ އިނގިރޭސި ފުޓްބޯޅައިގައި މިހާތަނަށް މެންޗެސްޓާ ޔުނައިޓެޑުން އެއް ސީޒަނެއްގައި ހަމައެކަނި ހަދާފައިވާ ޓްރެބްލް ރިކޯޑް ދެވެނައަށް ހަދާ ކްލަބަށް ވެގެންވެސް ދާނެ އެވެ. އެއީ އެފްއޭކަޕް އާއި ލީގް ކަޕް އާއި އަދި މިރޭގެ ތަށި ލިބިއްޖެނަމަ އެވެ.

މިރޭގެ ފައިނަލް އިތުރަށް ޝައުގުވެރިވަނީ ސިޓީގެ ފޯވަޑްލައިންގައި އާޖެންޓީނާގެ ސްޓަރައިކަރު ހޫލިއަން އަލްވަރޭޒް ހިމެނޭއިރު އިންޓަގެ ސްޓްރައިކަރަކީ އާޖެންޓީނާގެ އަނެއް ސްޓްރައިކަރު ލައުޓާރޯ މާޓިނޭޒަށް ވުމެވެ. އެހެންކަމުން މިރޭގެ ފައިނަލަކީ އާޖެންޓީނާގެ ގައުމީ ޓީމުގެ މި ދެކުޅުންތެރިންގެވެސް ވާދަވެރި ކުރިމަތިލުމަކަށް ވަނީ ވެފަ އެވެ.

މިރޭގެ ޗެމްޕިއަންސް ލީގް ފައިނަލްގައި ކުޅޭ މި ދެޓީމުގައި ވެސް ދުނިޔޭގެ ނަން މަޝްހޫރު މިވަގުތު ތިބި އެންމެ މޮޅެތި ކުޅުންތެރިން ތިބުމުން ވާދަވެރި މޮޅު ފުޓްބޯޅަ ފެނިގެން ދިއުމުގެ އުއްމީދު ކުރެވެ އެވެ. ދެ ޓީމުންވެސް މި ބޮޑު ކާމިޔާބު ހޯދުމަށް ވަރުގަދަ ހަނގުރާމައެއް ކުރާއިރު ފޯރިގަދަ ފައިނަލެއް ފެންނާނެ ކަމަށް ޔަގީންކުރަމާތޯ އެވެ.