ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ސްޕޯޓިން އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު ފަސޭހަކަމާއެކު 5-1ގެ ނަތީޖާއަކުން ކާމިޔާބުކޮށްފި އެވެ.
އާސެނަލް އާ ދެކޮޅަށް ސްޕޯޓިން އިން ކުޅުނު މެޗަކީ އެޓީމުގެ ކޯޗު ކަމުން ރުބެން އަމޮރިމް ވަކިވި ފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. އަދި މި ސީޒަނުގައި މިހާތަނަށް ހުރިހާ މުބާރާތެއްގައި ސްޕޯޓިން 17 މެޗު ކުޅެފައިވާއިރު ބަލިވި ފުރަތަމަ ފަހަރުވެސްމެ އެވެ.
ޗެމްޕިއަންސް ލީގުގައި ސްޕޯޓިން އެންމެ ފަހުން ކުޅުނު މެޗުގައި އެ ޓީމު ވަނީ މެންޗެސްޓަ ސިޓީ 4-1 ގެ ނަތީޖާއަކުން ބަލިކޮށްފަ އެވެ.
މި ނަތީޖާއާއި އެކު އާސެނަލް އަށް ވަނީ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުން 10 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނަ ލިބިފަ އެވެ. އަދި ސްޕޯޓިން އަށްވެސް 10 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމު އަށްވަނައިގައި އޮތީ އާސެނަލް އާއި ދެމެދުގައި އޮތް ގޯލުގެ ތަފާތުންނެވެ.
ރޭ ކުޅުނު އަނެއް މެޗުގައި މެންޗެސްޓާ ސިޓީން ތިން ގޯލުގެ ލީޑެއް ނެގިއިރު އަމިއްލަ ދަނޑުގައި ފެޔަނޫޑާ 3-3 އިން ވަނީ އެއްވަރުވެފަ އެވެ.
ޖުމްލަ 36 ޓީމު ވާދަކުރާ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބުރުގައި މިހާތަނަށް މެންޗެސްޓާ ސިޓީ ފަސް މެޗު ކުޅެފައިވާއިރު އެ ޓީމަށް ލިބިފައިވާ 8 ޕޮއިންޓާއެކު އޮތީ ތާވަލުގެ 15 ވަނައިގައެވެ.
މި ނަތީޖާއާއިއެކު އަންނަ ހޮނިހިރު ދުވަހު ލިވަލޫލް އާއި ދެކޮޅަށް ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ ނިކުންނައިރު އެ ޓީމަށް ވަނީ އިތުރު ޕްރެޝަރެއް ކުރިމަތިވެފަ އެވެ.