ޗެމްޕިއަންސް ލީގް

ވާދަވެރި ކުޅުމަކަށްފަހު އިންޓަ މިލާނުން އާސެނަލް ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ރޭ ކުޅުނު މެޗުގައި އިޓަލީގެ އިންޓަ މިލާނުން އިނގިރޭސި ކުލަބު އާސެނަލް ބަލިކޮށްފި އެވެ.

ގޫސެޕެ މެއަޒާ ސްޓޭޑިއަމްގައި ކުޅުނު މި މެޗު އިންޓަ މިލާނުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ހަމައެކަނި ގޯލު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އިންޓަ މިލާނަށް ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ވަރަށް ފުރިހަމައަށް ނިންމާލީ ހަކަން ކަލަނޮގުލޫ އެވެ.

ދެވަނަ ހާފުގައި އާސެނަލަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވި އެވެ.

މި މެޗާ ހަމައަށް އިންޓަ މިލާނުން ވަނީ ހަތަރު މެޗު ކުޅެ 10 ޕޮއިންޓް ހޯދާފަ އެވެ. މިއާއެކު އެ ޓީމު އޮތީ ޓޭބަލްގެ ފަސްވަނައިގައެވެ.

އާސެނަލުން ވަނީ ހަތަރު މެޗުން ހަތް ޕޮއިންޓް ހޯދާފަ އެވެ. އަދި މިވަގުތު އެ ޓީމު އޮތީ 12 ވަނަ ގައެވެ.