މެންޗެސްޓާ ސިޓީ

ރެއާލް ބަލިކޮށް ޔޫރަޕްގެ ބޮޑު ފައިނަލަށް ސިޓީ

ޔޫރަޕިއަން ޗެމްޕިއަންސް ލީގުގައި ސްޕޭންގެ ރެއާލް މެޑްރިޑް ބަލިކޮށް އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ ފައިނަލަށް ދަތުރުކޮށްފި އެވެ.

މި މެޗުން ގާޑިއޯލާގެ ސިޓީ މޮޅުވީ އަންޗެލޯއްޓީގެ ރެއާލް 4-0 އިން ބަލިކުރުމަށްފަހު އެވެ. މީގެކުރިން 2014 ވަނަ އަހަރު ޔޫރަޕިއަން ޗެމްޕިއަންސް ލީގުގައި އަންޗެލޯއްޓީ އޭރު ކޯޗު ކަން ކޮށްދެމުން ދިޔަ ބަޔާން މިއުނިކް އިން ވަނީ ގާޑިއޯލާގެ ސިޓީ 4-0 ގެ ނަތީޖާއަކުން ބަލިކޮށްފަ އެވެ. އެހެންކަމުން ގާޑިއޯލާއަށް ރޭގައި ލިބުނު މޮޅަކީ އަންޗެލޯއްޓޫ އަތުން ހިފުނު ރަނގަޅު ބަދަލުހިފުމެކެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެންޗެސްޓާ ސިޓީ އިން ވަނީ މޮޅު ކުޅުމެއް މުޅި ގޭމުގައި ވެސް ދައްކާފަ އެވެ. ޕޯޗުގަލްގެ ތަރި ސިލްވާ އާއި ބެލްޖިއަމްގެ ޑިބްރޭނާ، ނޯވޭގެ ހާލަންޑް އަދި އިންގްލެންޑްގެ ގްރީލިޝް އާދަޔާއި ހިލާފް މޮޅު ކުޅުމެއް ރޭގެ މެޗްގައި ވަނީ ދައްކާފަ އެވެ. ވަކީން ހާއްސަކޮށް ސިލްވާގެ މޮޅު ކުޅުން ފާހަގަވެގެން ދިޔަ އެވެ.

ޕޯޗުގަލްގެ ތަރި ސިލްވާގެ މޮޅު ކުޅުމާއެކު އޭނާ ވަނީ ރޭގެ މެޗުގައި ފުރަތަމަ ގޯލް، ރެއާލްގެ ކީޕަރަށް އެއްވެސް ފުރުސަތެއް ނުދީ މެޗުގެ 23 ވަނަ މިނެޓްގައި ޖަހާފަ އެވެ. އޭގެ 14 މިނެޓް ފަހުން ސިލްވާ ވަނީ އަނެއްކާވެސް ރީބައުންޑެއްގައި ބޮލުންޖަހާ މޮޅު ގޯލެއް ޖަހާފަ އެވެ.

މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 2-0 ގެ ލީޑުގައި ސިޓީ އޮވެ އެވެ. ދެވަނަ ހާފް ގައިވެސް ސިޓީ މޮޅަށް ކުޅެ އިންތިހާއަށް ޕްރެޝަރު ބޮޑުކުރުމުގެ ނަތީޖާއެއްގެ ގޮތުން ސިޓީގެ އަކަންޖީގެ މޮޅު ހުރަހެއް ސާފްކުރަން އުޅުމުގެ ތެރޭގައި ބަޔާންގެ އެޑާ މިލިޓާއޯ އަތުން ވަނީ ބައިކޮޅަށް ގޯލެއް ވަދެފަ އެވެ.

މި ހާފްގައި ރެއާލުން ގިނަ ބަދަލުތަކެއް ގެނެސް ގޭމް ރަނގަޅުކުރެވޭތޯ މަސައްކަތް ކޮށްފައިވެ އެވެ. ނަމަވެސް ސިޓީގެ މޮޅު ކުޅުން އެއްގޮތަކަށްވެސް ރެއާލްއަށް ހުއްޓުވާލެވޭ ގޮތެއް ނުވި އެވެ. ނަތީޖާއަކަށްވީ ސިޓީގެ ބަދަލު ކުޅުންތެރިޔާ އަދި އާޖެންޓީނާގެ ވޯލްޑް ކަޕްތަރި އަލްވަރޭޒް މެޗު ނިމެން ދެމިނެޓަށްވެފައި ވަނިކޮށް ކޯޓުއާގެ ގޯލުގެ ފޫ އަނެއްކާވެސް ދުއްވާލައި އެހާމެ މޮޅު ގޯލެއް ސްކޯ ކޮށް ސިޓީގެ ނަތީޖާ 4-0 އަށް ބަދަލުކޮށްލި އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރޭގެ މުޅި މެޗުގައިވެސް ވަރަށް މޮޅު ކުޅުމެއް ދެއްކި ޕޯޗުގަލް ތަރި ބާނާޑޯ ސިލްވާ އެވެ.

ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މެންޗެސްޓާ ސިޓީ ބައްދަލުކުރަނީ އިޓަލީގެ ވަރުގަދަ ބާރު އިންޓަ މިލާންއާ އެވެ.

ޔޫރަޕިއަން ޗެމްޕިއަންސް ލީގުގައި އިންޓަ ވަނީ 2010 ގައި ފައިނަލަށް ދަތުރުކޮށް ތަށި ވެސް ހޯދާފަ އެވެ. މެންޗެސްޓާ ސިޓީ އިން ވަނީ 2021 ގައި ފައިނަލުގައި ކުޅެ ބަލިވެފަ އެވެ. އެހެންކަމުން ސިޓީ އިން މި ތަށި އަލަށް ހޯދުމަށް ފުރުސަތު އަނެއްކާވެސް ތަނަވަސްކޮށްފައިވާއިރު އިންޓަ މިލާނުން ދެވަނަ ފަހަރަށް މިތަށި ހޯދުމަށްވެސް މިވަނީ ފުރުސަތު ހޯދާފަ އެވެ.

ޗެމްޕިއަންސް ލީގުގެ ފޯރިގަދަ ފައިނަލް މެޗު އޮންނާނީ އަންނަ ޖޫން 10 ވާ ހޮނިހިރު ދުވަހު ރާއްޖޭގެ ގަޑިން ރޭގަނޑު 12:00 ގަ އެވެ.