ޗެމްޕިއަންސް ލީގުގެ ދެވަނަ ލެގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗަށް ރެއާލް މެޑްރިޑްގެ ޑިފެންޑަރުން ކަމަށްވާ ޑޭވިޑް އަލަބާ އަދި އެންޓޯނިއޯ ރުޑިގާ ފިޓްވެއްޖެ އެވެ.
ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޮޓީ ބުނި ގޮތުގައި މި ދެ ކުޅުންތެރިން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އަމިއްލަ ފަރިތަކުރުންތަކުގައި ބައިވެރިވާނެ އެވެ.
މި ދެ ކުޅުންތެރިންގެ އިތުރުން ލޫކަސް ވަޒްކެޒް ވެސް އަނިޔާއިން އެއްކޮށް ރަނގަޅުވެފައިވާ ކަމަށް އޭނާ ބުންޏެވެ.
"އެ ކުޅުންތެރިން އަމިއްލައަށް ތަމްރީންތައް ފުރިހަމަކުރާނެ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް. އަދި ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގައި އެ ކުޅުންތެރިން ހިމަނަން ފުރުސަތު ލިބޭނެ،" އެންޗެލޮޓީ ބުންޏެވެ.
ފުރަތަމަ ލެގްގައި މެންޗެސްޓަ ސިޓީގެ ދަނޑު -- އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ރެއާލް މެޑްރިޑް ވަނީ 3-2 އިން މޮޅުވެފަ އެވެ.
ދެވަނަ ލެގް ކުޅޭނީ ރެއާލްގެ ސެންޓިއާގޯ ބާނަބިއު ދަނޑުގަ އެވެ. މި މެޗުގައި ޕްރެޝަރު އޮތީ ސިޓީއަށް ކަމަށް ބެލެވެނީ، ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރަށް ސިޓީއަށް ދެވެން އޮތީ ރެއާލް ބަލިކޮށްގެން ކަމަށްވާތީ އެވެ.
މިރޭ ރެއާލް މެޑްރިޑް ނުކުންނާނީ ސްޕެއިންގެ ލަ ލީގާގައި އޮސަސޫނާއާ ދެކޮޅަށެވެ. ލީގުގައި ރެއާލް މިވަގުތު އޮތީ ކުޅުނު 23 މެޗުން ލިބުނު 50 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގަ އެވެ. ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ލިބެނީ 23 މެޗުން 49 ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް ބާސެލޯނާއަށް 23 މެޗުން ލިބިފައިވަނީ 48 ޕޮއިންޓެވެ.