ޗެމްޕިއަންސް ލީގް

ޗެމްޕިއަންސްލީގުގެ ވަރުގަދަ ކުރިމަތިލުމަށް ސިޓީއާއި މެޑްރިޑް ތައްޔާރު

ޔޫރަޕިއަން ފުޓްބޯޅައިގައި މިވަގުތު އެންމެ މަޝްހޫރު ދެ ކްލަބް ކަމުގައިވާ މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑް، ޗެމްޕިއަންސް ލީގުގެ ފޯރިގަދަވާނެ ދެވަނަ ސެމީގައި މިރޭ ކުރިމަތިލާނެ އެވެ.

މި ދެ ޓީމު ފުރަތަމަ ލެގްގައި ބައްދަލުކުރި މެޗް 1-1 އިން ވަނީ އެއްވަރުވެފަ އެވެ.

ޔޫރަޕްގައި އެންމެ ކާމިޔާބު ދެ ކޯޗުން ކަމުގައިވާ ޕެޕް ގާޑިއޯލާ އާއި ކާލޯ އެންޗެލޯއްޓީ މިރޭގެ މެޗުން މޮޅުވުމަށް ކުރާނެ ހުރިހާ ކަމެއް ކޯޗުންގެ ގޮތުގައި ކުރާނެ އެވެ. މިއިން ކޮންމެ ކޯޗަކު، ކުޅުންތެރިއެއްގެ ގޮތުގައި އަދި ކޯޗެއްގެ ގޮތުގައި، ޔޫރަޕިއަން ކަޕް ވަނީ ނުވަ ފަހަރު ހޯދާފަ އެވެ. ޕެޕާއި އެންޗެލޯއްޓީ އަކީ ޔޫރަޕިއަން ފުޓްބޯޅައިގެ ތާރީހީ ފޮތްތަކުގައި ރަން އަކުރުން ނަން ލިޔެފައިވާ ދެ ކޯޗުންނެވެ.

މި ދެކޯޗުންގެ ވާދަވެރިކަމަކީ ވެސް އެހާމެ އުހަށް ގޮސްފައިވާ ވާދަވެރި ކަމެކެވެ. ޕެޕްގެ ބެޔާން މިއުނިކް 2014 ގައި ހިތްދަތި ގޮތަކަށް 4-0 އިން ބަލިކުރީ އެންޗެލޯއްޓީގެ ރެއާލް މެޑްރިޑެވެ. އަދި މިދިޔަ ސީޒަންގައި މެންޗެސްޓާ ސިޓީ ޗެމްޕިއަންސް ލީގުގެ ސެމީގައި 91 ވަނަ މިނެޓާއި ހަމައަށް 5-4 ގެ ލީޑެއްގައި އޮވެ އެންމެ ފަހު ސިކުންތުކޮޅު ތެރޭގައި ވަނީ މެޑްރިޑުން އެއްވަރުކޮށް ސިޓީ ކަޓުވާލާފަ އެވެ. އެހެންކަމުން މިހިތް ދަތިކަމުން އަރައިގަންނަން ޕެޕް އަށް މި އޮތީ މިރޭގެ މެޗުން ރަނުގެ ފުރުސަތެއް ލިބިފަ އެވެ.

ނަމަވެސް ޕެޕް އަކީ ފާއިތުވި ތަނުގައި ޔޫރަޕިއަން ކަޕްގެ ސެމީގައި ބަދުނަސީބާ ވަރަށް ދޯޅު މީހެކެވެ. ފާއިތުވި ތަނުގައި 15 ސެމީގައި ހަ ފަހަރު ވަނީ ބަލިވުމާ ކުރިމަތިލާފަ އެވެ.

މިރޭގެ މެޗު ޕެޕްގެ ސިޓީ އަށް ވުރެ ގަދައަށް ހިފަނީ އެންޗެލޯއްޓީގެ މެޑްރިޑުންނެވެ. މެޑްރިޑުން ފާއިތުވި ތަނުގައި 15 ފަހަރު ޔޫރަޕްގެ ތަށި ހޯދާފައިވާއިރު މިލާނާ އެކު އެންޗެލޯއްޓީ ވަނީ ހަތް ފަހަރު ތަށި ހޯދާފަ އެވެ. އެހެންކަމުން މިއީ އެންޗެލޯއްޓީގެ އުފަން ހައްގެއް ކަމުގައިވަނީ ހަދާފަ އެވެ. އަނެއްކޮޅުން އިނގިރޭސިންނަށް ބޮޑަށް މުހިންމު ވަނީ ލީގް ޓައިޓްލް ކަމުގައި ވަނީ ވެފަ އެވެ. އެގޮތުން ސިޓީގެ ތަރި ޑިބްރޭން އެފަދަ މޭރުމުން ވާހަކަދައްކާފައިވާއިރު ހުދު ޕެޕްވެސް ވަނީ އެހެން ކަމަކަށްވުރެ މުހިއްމީ ލީގު ކަމަށް ބުނެފަ އެވެ.

ފުޓްބޯޅައިގައި އެންޗެއްލޯޓީ ޔޫރަޕުގެ ތަހުތުގައި ކުރަމުން އަންނަ ރަސްކަން ދަމަހައްޓަން މިރޭ ގަދައަށް މަސައްކަތްކުރާއިރު ކެޓާލާންގެ ފުޓްބޯޅައިގެ ޕްރިންސް ދެ ޓީމެއްގައި ހުރެގެން ލީގް، ޑޮމެސްޓިކް ކަޕް އަދި ޔޫރަޕިއަން ކަޕް ކޯޗެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ހޯދުމަށް ވަރުގަދަ ހަނގުރާމައެއް ކުރާނެ އެވެ.

ކޯޗް ޕެޕްއަކީ ހަލުވި ޕާސްތަކާއި އެކު މޮޅަށް ކުޅެ އެޓޭކްކޮށް ސްކޯކުރަން ބޭނުންވާ ކޯޗަކަށްވާއިރު އެންޗެލޯއްޓީއަކީ އެތިބި ކުޅުންތެރިންގެ ބޭނުން ރަނގަޅު ވަގުތުގައި އެންމެ ބޮޑަށް ހިފަން އެނގޭ މޮޅު ކޯޗެކެވެ.

މި ދެޓީމުވެސް ފާއިތުވި ތަނުގައި ޔޫރަޕިއަން ޗެމްޕިއަންޝިޕުގައި ހިތްދަތި ނާކާމިޔާބުތަކާއި ކުރިމަތިލައި ނިދިކޮޅު މަހުރޫމުކޮށްލައި މާޔޫސް ކުރުވާފައިވިޔަސް އަނެއްކާވެސް ދެ ޓީމު މިއޮތީ މިރޭ އެކަމަށް ތައްޔާރަށެވެ.

ދެ ޓީމުގައިވެސް ތިބީ ޔޫރަޕުގައި ކުޅެމުން އަންނަ އެންމެ މޮޅެތި ކުޅުންތެރިންނެވެ. މެޑްރިޑްގައި ބްރެޒިލްގެ ތަރި ވިނީޝަސް ޖޫނިއާ، ފްރާންސްގެ ކަރީމް ބެންޒެމާ، ޖާމަނީގެ ކުރޫޒް އަދި ކްރޮއޭޝިއާގެ މޮޑްރިޗް ހިމެނެ އެވެ. ސިޓީގައި ވޭލްސްގެ ހާލަންޑް، ބެލްޖިއަމްގެ ޑިބްރޭން، ޕޯޗުގަލްގެ ސިލްވާ އަދި ޖާމަނީގެ ގުންޑުއާން ހިމެނެ އެވެ.

މިރޭގެ މި މެޗް ފަށާނީ ރާއްޖެ ގަޑިން މެންދަމު 12:00 ޖަހާއިރު އެވެ.