ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) ގައި ޕެނަލްޓީ ޖަހާނެ ކުޅުންތެރިން ގިނަވެ، މެޗު ތަކުގައި ޓީމުގެ ޕެނަލްޓީ ޖަހާނީ ކޮން ކުޅުންތެރިއެއްތޯ އެ ކުލަބްގެ ސަޕޯޓަރުންގެ މެދުގައި ބަހުސް ކުރަން ފަށައިފި އެވެ.
ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ޕީއެސްޖީގެ ޕެނަލްޓީ ޖެހުމަށް އެންމެ ގާބިލު މީހަކަށް މިވަގުތު ހުރީ ޓީމާއި އެންމެ ފަހުން ގުޅުނު ލައިނަލް މެސީ އެވެ. ނަމަވެސް އަނެއް ބަޔަކު ގަބޫލު ކުރާ ގޮތުގައި މިކަމަށް އެންމެ އެކަށީގެން ވަނީ ކުރީގެ ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް އެވެ. މީގެ އިތުރުން ނޭމާ ޕެނަލްޓީ ޖެހުމަށް ބޭނުންވާ އެތަށް ބަޔަކު ތިބި އިރު، މި ބަހުސްގެ ތެރެއަށް އެއް ބަޔަކު ގެންނަނީ ޒުވާން ތަރި އެމްބާޕޭ އެވެ.
މި ހަތަރު ކުޅުންތެރިންނަކީ ވެސް ދުނިޔޭގެ އެންމެ ނަން ހިނގާ ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިންނެވެ. އަދި ޕެނަލްޓީ ޖެހުމުގައި އެކަކަށް ދޫނުކުރާ ވަރުގެ ކާމިޔާބު ކުޅުންތެރިންނެވެ.
ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި މިކަމަށް އެކަށީގެންވަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު އެންމެ ގިނަ ފަހަރު ހޯދާފައިވާ މެސީ އެވެ. ކޮންމެ އަކަސް މި ބަހުސްގެ އެންމެ ކުރީގައި ހިމެނެނީ މެސީ އާއި ރާމޯސް އެވެ.
އެންމެ ފަހުން މި ކުޅުންތެރިން ޖަހާފައިވާ 10 ޕެނަލްޓީއަށް ބަލާނަމަ ކުރީގައި އުޅެނީ ރާމޯސް އެވެ. ރާމޯސް ވަނީ އެންމެ ފަހުން ޖެހި 10 ޕެނަލްޓީ ވެސް ކާމިޔާބު ކޮށްފަ އެވެ. ނޭމާ އާއި އެމްބާޕޭއަށް ކާމިޔާބު ކުރެވުނީ ނުވަ ޕެނަލްޓީ އެވެ. މި ރޭހުގެ އެންމެ ފުލުގައި މެސީ އޮތީ އަށް ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ. ނަމަވެސް މިއީ އެންމެ ފަހުން ޖެހި 10 ޕެނަލްޓީ އެކަންޏެވެ.
މި ހަތަރު ކުޅުންތެރިންނާއި މެދު ކުރެވޭ އިތުރު އެހެން ބަހުސްއެއް ވެސް އެބައޮތެވެ. އެއީ ޓީމަށް ލިބޭ ހިލޭ ޖެހުންތައް ޖަހާނީ ކޮން ކުޅުންތެރިއެއްތޯ އެވެ. މި ރޭހުގެ އެންމެ ކުރީގައި ވާދަ ކުރަނީ މެސީ އެވެ. އޭގެ ފަހަތުގައި ނޭމާ އާއި އެމްބާޕޭ އެވެ.
އެހެން ކަމުން ގިނަ ބަޔަކު މިހާރު އިންތިޒާރު ކުރަމުންދަނީ ޕީއެސްޖީގެ ޕެނަލްޓީ އަދި ހިލޭ ޖެހުންތައް ޖަހާނީ ކޮން ކުޅުންތެރިއެއްކަން ހޯދުމަށެވެ. މިކަމަށް ވަކި ކުޅުންތެރިއެއް އައްޔަން ކުރުމުގެ ބަދަލުގައި ކުޅުމުގެ ތެރެއިން ކުޅުންތެރިންގެ މެދުގައި އެކަން ނިންމަން ކޯޗު ދޫކޮށްލަފާނެ އެވެ. އެހެން ކަމަށް ވެއްޖެ ނަމަ ނޭމާ ޕީއެސްޖީއަށް ބަދަލުވި ފުރަތަމަ ދުވަސްކޮޅުގައި ފެނުނު ފަދަ މަންޒަރެއް ފެނުން އެކަށިގެންވެ އެވެ. އޭރު ޕެނަލްޓީ ޖަހާނެ މީހަކާއި މެދު ކަވާނީ އާއި ނޭމާ އާއި ދޭތެރޭގައި ދަނޑުމަތީގައި ނުރުހުންވުންތަކެއް ހިނގި އެވެ.