ލައިނަލް މެސީ ޕީއެސްޖީއަށް ކުޅޭ ފުރަތަމަ މެޗް ކުޅެފި އެވެ.
މެސީ އޭނާގެ ފުރަތަމަ މެޗު ޕީއެސްޖީއަށް ކުޅެދީފައި ވަނީ ރެއިމްސްގެ ދަނޑުގައި ޕީއެސްޖީ އާއި ރެއިމްސް ރޭ ބައްދަލު ކުރި މެޗުގެ ދެވަނަ ހާފުގަ އެވެ. މެސީ ކުޅެން އެރީ އޭނާގެ ގާތް އެކުވެރިޔާ ނޭމާގެ ބަދަލުގަ އެވެ. މިއީ ބާސެލޯނާ ފިޔަވައި އެހެން ކްލަބަކަށް މެސީ ކުޅުނު ފުރަތަމަ ފަހަރެވެ. މެސީގެ މުޅި ކެރިއާ އޭނަ ހޭދަކޮށްފައި ވަނީ ބާސެލޯނާގަ އެވެ. އެކާވީސް އަހަރު ބާސެލޯނާގައި ހޭދަ ކުރި އިރު އޭގެ ތެރެއިން 18 އަހަރު މެސީ ކުޅެފައި ވަނީ ބާސެލޯނާގެ ސީނިއާ ޓީމަށެވެ.
ޕީއެސްޖީއަށް މެސީ ބަދަލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އަދި މެސީ ބޭނުން ވެއްޖެ ނަމަ ތިން އަހަރަށް ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރެވޭނެ އެވެ.
މި މެޗުން ޕީއެސްޖީ މޮޅުވީ 2-0 ގެ ނަތީޖާ އަކުންނެވެ. ޕީއެސްޖީއަށް ދެ ގޯލު ވެސް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ އެވެ.
މެޗުގައި މޮޅު ކުޅުމެއް ދެއްކި އެމްބާޕޭގެ ފުރަތަމަ ގޯލަކީ އެންހެލް ޑިމާރިއާ ނަގައިދިން ހުރަހެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ވައްދާލައިގެން ކާމިޔާބު ކުރި ގޯލެކެވެ. އޭގެ ފަހުން ރެއިމްސްގެ މާޝަލް މުނެޓްސީ ވަނީ ގޯލެއް ޖަހާފަ އެވެ. ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑް ގޯލެއް ކަމަށް ނިންމާފަ އެވެ. އެމްބާޕޭގެ ދެވަނަ ލަނޑު ކާމިޔާބު ކުރީ މި ޓްރާންސްފާ މާކެޓުގައި ޓީމާއި ގުޅުނު އަޝްރަފް ހަކީމީ ނަގައިދިން ހުރަހެއް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.
ރޭގެ މެޗުގެ ތަރިއެއްގެ ގޮތުގައި އެމްބާޕޭ ފެނުނު ނަމަވެސް މިއީ އޭނާ ޕީއެސްޖީއަށް ކުޅޭނެ ފަހު މެޗު ކަމަށް ވެދާނެ އެވެ. ސްޕެއިންގެ ރެއާލް މެޑްރިޑުން އަންނަނީ އެމްބާޕޭ ހޯދަން މަސައްކަތް ކުރަމުންނެވެ. ޕީއެސްޖީން ރެއާލްގެ ފުރަތަމަ ހުށަހެޅުމަށް ނޫނެކޭ ބުނުމުން ރެއާލުން ވަނީ އަނެއްކާ އާ ހުށަހެޅުމެއް ހުށަހަޅާފަ އެވެ.
އަނެއްކޮޅުން އެމްބާޕޭ ވެސް ބޭނުންވަނީ ޕީއެސްޖީ ދޫކޮށް ރެއާލްއަށް ބަދަލުވާށެވެ. ޕީއެސްޖީން ތިން ފަހަރެއްގެ މަތިން އެމްބާޕޭގެ ކޮންޓްރެކްޓް އާ ކުރަން މަސައްކަތް ކުރި ނަމަވެސް އޭނާ ވަނީ އެކަމަށް އިންކާރު ކޮށްފަ އެވެ. އެހެންކަމުން މާދަމާ ޓްރާންސްފާ މާކެޓު ބަންދު ވުމުގެ ކުރިން އެމްބާޕޭ ޕީއެސްޖީ ދޫކޮށް ރެއާލްއަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ.