ކުޅިވަރު

ޕީއެސްޖީގެ ތާރީހީ ރެކޯޑެއް އެމްބާޕޭ މުގުރާލައިފި

ޕީއެސްޖީގެ ތާރީހުގައި އެ ކްލަބަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފް 24 އަހަރުގެ ފްރާންސް ފޯވާޑް ކިލިއަން އެމްބާޕޭ އަށް ލިބިއްޖެ އެވެ.

ހުނަރުވެރި ފޯވާޑް މި ރެކޯޑް ހެދީ ރޭ ޕީއެސްޖީ އިން އަމިއްލަ ދަނޑުގައި 2-4 އިން ނޯންޓްސް ބަލިކުރި މެޗުގައި ގޯލު ޖަހައިގެންނެވެ.

އެމްބާޕޭ ގޯލު ރެކޯޑް ހެދީ އެޓީމަށް ކުޅުނު 247 މެޗުގައި 201 ގޯލު ޖަހައިގެންނެވެ. މީގެކުރިން އެ ރެކޯޑް އޮތީ 200 ގޯލު ޖެހި އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ އަތުގަ އެވެ.

އެންމެ އަގުބޮޑު ޓީނޭޖް ކުޅުންތެރިޔާގެ ގޮތުގައި މޮނާކޯ ދޫކޮށް އެމްބާޕޭ ޕީއެސްޖީ އަށް ބަދަލުވީ 2017 ވަނަ އަހަރު އެވެ. އެޓީމަށް ބަދަލުވުމަށް ފަހު އެމްބާޕޭ ވަނީ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް އެންމެ ފަހުގެ ހަތަރު ސީޒަނުގައި ވެސް ހޯދާފަ އެވެ.

ރޭގެ މެޗުގައި އެމްބާޕޭ ގޯލު ޖެހީ އިތުރުވަގުތުގަ އެވެ. ރެކޯޑް ގޯލަށް ފަހު އެމްބާޕޭ ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ. އަދި، މެޗަށް ފަހު އެމްބާޕޭ އަށް ޓީމުން ވަނީ ހާއްސަ ޓްރޮފީއެއް އަރުވާފަ އެވެ.

އެމްބާޕޭގެ އިތުރުން ޕީއެސްޖީ އަށް ރޭ ގޯލު ޖަހައިދިނީ ލިއޮނެލް މެސީ އާއި ޑެނީލޯ ޕެރެއިރާ އެވެ. އަނެއް ގޯލަކީ ނޯންޓްސްގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މި ސީޒަނުގައި އެމްބާޕޭ ވަނީ މިހާތަނަށް 30 ގޯލު ޖަހައިފަ އެވެ. އެމްބާޕޭ އަކީ އެޓީމުން އެންމެ ބޮޑަށް ހިފަހައްޓަން ބޭނުންވާ އެއް ކުޅުންތެރިޔާ އެވެ. އެމްބާޕޭ ގެންދިއުމަށް އެންމެ ބޮޑަށް ޝައުގުވެރިވަނީ ރެއާލް މެޑްރިޑެވެ.

ކްލަބުގެ އިތުރުން ގައުމީ ޓީމުގައި ވެސް އެމްބާޕޭ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ފްރާންސާ އެކު 2018 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް އެމްބާޕޭ ކާމިޔާބު ކުރިއިރު އެ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމް ހޯދި އެވެ. އަދި މިދިޔަ އަހަރު ގަތަރުގައި އޮތް ވޯލްޑް ކަޕްގެ ފައިނަލުގައި އާޖެންޓީނާ ކޮޅަށް އެމްބާޕޭ ހެޓްރިކް ހެދި އެވެ. ގަތަރު ވޯލްޑް ކަޕްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ އެމްބާޕޭ އެވެ.

ރޭ ޕީއެސްޖީ ހޯދި މޮޅާ އެކު އެޓީމު ވަނީ ލީގު އެއްވަނައިގެ ލީޑު ފުޅާކޮށްފަ އެވެ. އެޓީމަށް 26 މެޗުން 63 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް މާސޭ އަށް 25 މެޗުން ލިބިފައިވަނީ 52 ޕޮއިންޓެވެ.

ފްރެންޗް ލީގުގައި ރޭ ލެންސް އާއި ލިލް ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. 51 ޕޮއިންޓާ އެކު ލެންސް މިހާރު އޮތީ ތިންވަނައިގަ އެވެ. ލިލް އަށް 45 ޕޮއިންޓް ލިބިފައިވާއިރު އެޓީމު އޮތީ ހަ ވަނައިގަ އެވެ.