ފްރެންޗް ލީގުގައި ރޭ އަމިއްލަ ދަނޑުގައި 1-2 އިން ނީސް ބަލިކޮށް ޕީއެސްޖީ ލީގުގައި ބަލިނުވުމުގެ ރެކޯޑް ދަމަހައްޓައިފި އެވެ.
ރޭގެ މެޗާ އެކު ޕީއެސްޖީ ވަނީ ލީގުގައި ބަލިނުވެ ކުޅުނު މެޗުގެ އަދަދު 18 އަށް އަރުވާފަ އެވެ. މި ސީޒަނުގައި ކުޅުނު 9 މެޗުގެ ތެރެއިން 8 މެޗު ކާމިޔާބު ކުރިއިރު އެއްވަރުވީ އެއް މެޗެވެ.
ލީގުގެ އެއްވަނައިގައި ޕީއެސްޖީ އޮތީ 25 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް މާސޭ އަށް ލިބިފައިވަނީ 23 ޕޮއިންޓެވެ. މާސޭ ވެސް ލީގުގައި އަދި ބަލިވެފައެއްނުވެ އެވެ. މާސޭ ހަތް މެޗުން މޮޅުވިއިރު ދެ މެޗު ވަނީ އެއްވަރުވެފަ އެވެ.
ލީގުގެ ތިން ވަނައިގައި 18 ޕޮއިންޓާ އެކު ލޮރިއެންޓް އޮތްއިރު ހަތަރު ވަނައިގައި އޮތީ 18 ޕޮއިންޓް ހޯދާފައިވާ ލެންސް އެވެ. ޕީއެސްޖީ އަތުން ބަލިވި ނީސް އޮތީ 8 ޕޮއިންޓާ އެކު 13 ވަނައިގަ އެވެ.
ރޭގެ މެޗުގެ ފުރަތަމަ ގޯލު ޖެހި ލިއޮނަލް މެސީ އެވެ. މިއީ 20 ޔާޑު ދުރުން ލިބުނު ހިލޭ ޖެހުމަކުން މެސީ ކާމިޔާބުކުރި ލަނޑެކެވެ. ނީސް އިން ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގައެޓަން ލަބޯޑް އެވެ. މިއީ ނީސް އަށް ބަދަލުވުމަށް ފަހު ލަބޯޑް ޖެހި ފުރަތަމަ ލަނޑެވެ. ބެންޗުން ކުޅެން އަރައި އެމްބާޕޭ، ޕީއެސްޖީ މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ 83 ވަނަ މިނެޓުގަ އެވެ.
ޕީއެސްޖީގެ މިހާރުގެ ކޯޗު ކްރިސްޓޯފް ގެލްޓިއޭ އަކީ މިދިޔަ ސީޒަނުގައި ނީސް އަށް އިރުޝާދުދިން ކޯޗެވެ. މައުރީސިއޯ ޕޮޗެޓީނޯ ޕީއެސްޖީގެ ކޯޗުކަމުން ވަކިކޮށް ގެލްޓިއޭ އެޓީމަށް ހަވާލުވި ފަހުން ޕީއެސްޖީ އަދި ބަލިވެފައެއްނުވެ އެވެ.