ކުޅިވަރު

ޕީއެސްޖީ މޮޅުވި މެޗުގައި އެމްބާޕޭ އަށް އަނިޔާވެއްޖެ

ފްރެންޗް ލީގުގައި ރޭ ރަށުން ބޭރުގައި މޮންޕެލިއޭއާ ވާދަކުރި މެޗުން 3-1 އިން ޕީއެސްޖީ މޮޅުވިއިރު، އެޓީމުގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭ އަށް އަނިޔާވެއްޖެ އެވެ.

އެމްބާޕޭ އަށް އަނިޔާވެގެން ބަދަލުކުރީ މެޗުގެ 21 ވަނަ މިނެޓުގަ އެވެ. މެޗަށް ފަހު ޕީއެސްޖީގެ ކޯޗު ކްރިސްޓޯފް ގެލްޓިއޭ ބުނީ އެމްބާޕޭގެ އަނިޔާ ސީރިއަސް ކަމަށް ނުބެލެވޭ ކަމަށާއި އިތުރަށް އެއްޗެއް ބުނެވޭނީ ހާލަތު ބެލުމަށް ފަހު ކަމަށެވެ.

"ބައިވަރު މެޗުތަކެއް ހުރިއިރު ކުޅުންތެރިން ކުޅުވައިގެން ރިސްކެއް ނަގާކަށް ބޭނުމެއް ނޫން. އެމްބާޕޭގެ އަނިޔާ ނުބެލެވޭ އެހާ ސީރިއަސް ކަމަކަށް. އަނިޔާގެ ތަފްސީލް ނޭނގުނަސް އަހަރެން އެހާ ކަންބޮޑެއް ނުވޭ" ގަލްޓިއޭ ބުންޏެވެ.

އެމްބާޕޭ އަށް އަނިޔާވިއިރު މި މަހު ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކާ ދެކޮޅަށް ޕީއެސްޖީ ނުކުންނާނެ އެވެ. އެ ދެޓީމުގެ ފުރަތަމަ ލެގްގެ މެޗު ޕީއެސްޖީގެ ދަނޑުގައި އޮންނާނީ މި މަހުގެ 14 ވަނަ ދުވަހު އެވެ.

އަނިޔާވުމުގެ އިތުރުން ރޭ އެމްބާޕޭ އަތުން ދެ ޕެނަލްޓީ ވަނީ ބޭކާރުވެފަ އެވެ. މެޗު ފަށައިގެން އަށް ވަނަ މިނެޓުގައި ޕީއެސްޖީ އަށް ލިބުނު ޕެނަލްޓީ އެމްބާޕޭ ފޮނުވާލުމުން މޮންޕެލިއޭގެ ގޯލްކީޕަރު ވަނީ އެ ބޯޅަ މަތަކޮށްފަ އެވެ. އެކަމަކު އެ ޕެނަލްޓީ އަލުން ޖަހަން ޖެހުމުން ދެވަނަ ފަހަރަށް އެމްބާޕޭ ފޮނުވާލި ބޯޅަ އަމާޒުވީ ދަނޑި އަށެވެ. ދަނޑީގައި ޖެހިފައި ނުކުތް ބޯޅަ ވެސް ލިބުނީ އެމްބާޕޭ އަށެވެ. އެކަމަކު ހުސްކޮށް ހުރެ އެމްބާޕޭ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ.

މެޗުގެ ހުރިހާ ގޯލެއް ވެސް ފެނުނީ ދެވަނަ ހާފުގަ އެވެ. ފުރަތަމަ ގޯލު 55 ވަނަ މިނެޓުގައި ޖެހީ ޕީއެސްޖީގެ ފަބިއަން ރުއިޒް އެވެ. އޭގެފަހުން 72 ވަނަ މިނެޓުގައި ލިއޮނެލް މެސީ ވަނީ ޕީއެސްޖީގެ ލީޑު ފުޅާކުރި ގޯލު ޖަހައިފަ އެވެ. ދެ ގޯލުގެ ލީޑެއްގައި އޮއްވައި 89 ވަނަ މިނެޓުގައި އާނައުޑް ނޯވިން ވަނީ މޮންޕެލިއާ އަށް ގޯލެއް ޖަހައިދީފަ އެވެ. އެކަމަކު އިތުރު ވަގުތުގައި ޕީއެސްޖީގެ ޒުވާން ތަރި ވަރެން ޒައިރޭ އެމެރީ ވަނީ ތިންވަނަ ގޯލު ޖަހައި މޮޅު ކަށަވަރުކޮށްދީފަ އެވެ.

ރޭ ހޯދި މޮޅާ އެކު ޕީއެސްޖީ ވަނީ އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެޓީމަށް 21 މެޗުން ލިބިފައިވަނީ 51 ޕޮއިންޓެވެ. ދެވަނައިގައި އޮތީ 46 ޕޮއިންޓް ލިބިފައިވާ މާސޭ އެވެ. މާސޭ އިން ރޭ ވަނީ ރަށުން ބޭރުގައި 2-0 އިން ނޯންޓްސް ބަލިކޮށްފަ އެވެ.