ފީފާ ވޯލްޑް ކަޕްގެ ފައިނަލުން ބަލިވިތާ ތިން ދުވަސް ތެރޭ ފްރާންސްގެ ކިލިއަން އެމްބާޕޭ ޕީއެސްޖީގެ ފަރިތަކުރުންތަކަށް ނުކުމެއްޖެ އެވެ.
އެމްބާޕޭ މިއަދު ކްލަބުގެ ފަރިތަކުރުންތަކަށް ދިޔަ މަންޒަރު ދައްކުވައިދޭ ވީޑިއޯ މިހާރު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. ވޯލްޑް ކަޕް ފައިނަލުގައި އާޖެންޓީނާ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވިތާ ތިން ދުވަސް ތެރޭ އެމްބާޕޭ ޕީއެސްޖީގެ ފަރިތަކުރުންތަކާ ގުޅުމުން އޭނާ އަށް ގިނަ ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ.
ވޯލްޑް ކަޕަށް ފަހު ގިނަ ކުޅުންތެރިން ދަނީ ޗުއްޓީ ހޭދަކޮށްލުމަށް ދުނިޔޭގެ އެކި ހިސާބުތަކަށް ޒިޔާރަތްކުރަމުންނެވެ. އޭގެތެރޭގައި ދުނިޔޭގެ މަޝްހޫރު އެތައް ތަރިންނެއް ރާއްޖެ ވެސް ވަނީ އައިސްފަ އެވެ.
ވޯލްޑް ކަޕް ފައިނަލަށް ފްރާންސް ގެންގޮސްދިނުމުގައި އެމްބާޕޭ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. މުބާރާތުގައި އަށް ގޯލު ޖެހައި ރަން ބޫޓު ވެސް ހާސިލްކުރީ އެމްބާޕޭ އެވެ.
ފައިނަލުގައި އެމްބާޕޭ ވަނީ އާޖެންޓީނާ ކޮޅަށް ހެޓްރިކް ހަދައި އެއްވަރުވެގެން ޖެހި ޕެނަލްޓީ ވެސް ވައްދާލާފަ އެވެ. އެމްބާޕޭ ވެފައިވަނީ ވޯލްޑް ކަޕް ފައިނަލެއްގައި ހެޓްރިކް ހެދި ދެވަނަ ކުޅުންތެރިޔާ އަށެވެ. އަނެއްކޮޅުން އެމްބާޕޭ އަކީ ވޯލްޑް ކަޕްގެ ތާރީހުގައި ފައިނަލުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. 2018 ވަނަ އަހަރު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ފްރާންސް ހޯދިއިރު ފައިނަލުގައި އެމްބާޕޭ އެއް ގޯލު ޖެހި އެވެ. މިފަހަރުގެ ހެޓްރިކާ އެކު ފައިނަލުގައި އެމްބާޕޭ ޖެހި ގޯލުގެ އަދަދު މިހާރު ވަނީ ހަތަރަށް އަރާފަ އެވެ.
އެމްބާޕޭއާ އެކު ޕީއެސްޖީ އަށް ކުޅޭ ލިއޮނެލް މެސީ މިވަގުތު ހުރީ އުފާފާޅުކުރުންތަކުގައި ބައިވެރިވުމަށް އާޖެންޓީނާގަ އެވެ. ވޯލްޑް ކަޕްގެ ބްރޭކަށް ފަހު ކްލަބް ފުޓްބޯޅަ ޕީއެސްޖީ އިން އަލުން ފަށާނީ އަންނަ ބުދަ ދުވަހު އެވެ. އެދުވަހު ޕީއެސްޖީ ނުކުންނާނީ ސްޓްރާސްބާގާ ދެކޮޅަށެވެ. ފްރެންޗް ލީގުގެ އެއްވަނައިގައި ޕީއެސްޖީ މިވަގުތު އޮތީ ފަސް ޕޮއިންޓުގެ ލީޑެއްގަ އެވެ.
ވޯލްޑް ކަޕްގެ ދުވަސްވަރު ޕީއެސްޖީ އިން ވަނީ އެކުވެރިކަމުގެ ބައެއް މެޗުތައް ކުޅެފަ އެވެ. މި މެޗުތަކުގައި އެމްބާޕޭގެ އެއްބަނޑު އެއްބަފާ ކޮއްކޮ އީތަން އެމްބާޕޭ ވަނީ ޕީއެސްޖީގެ ސީނިއާ ޓީމުގައި ހިމަނާފަ އެވެ. އަދި އެއް މެޗުގައި އީތަން ވަނީ ބެންޗުން ކުޅެން އަރައިފަ އެވެ.
އެމްބާޕޭ ކްލަބާ ގުޅުނީ އަންގާރަ ދުވަހު އޭނާގެ 24 ވަނަ އުފަންދުވަސް ފާހަގަކުރުމަށް ފަހު އެވެ.