ލައިނަލް މެސީ ޕީއެސްޖީގައި ކުޅޭ ފުރަތަމަ މެޗު ބަލަން ބާސެލޯނާގެ ކެޕްޓަން ޖެރާޑް ޕީކޭ ލީގު 1 ގެ ބްރޯޑްކާސްޓިން ރައިޓްސް ގަނެފި އެވެ.
އާދީއްތަ ދުވަހު ޕީއެސްޖީއާއި ރެއިމްސް ބައްދަލު ކުރާ މެޗުގައި ޕީއެސްޖީ ޓީމަށް މެސީ ކުޅޭ ފުރަތަމަ މެޗު ބަލަން ބްރޯޑްކާސްޓިން ރައިޓްސް ގަނެފައި ވަނީ ޕީކޭގެ ކޮސްމޯސް ހޯލްޑިން ކޮމްޕެނީންނެވެ. މި ކުންފުނިން ބްރޯޑްކާސްޓިން ރައިޓްސް ގަނެފައި ވަނީ ތިން އަހަރުގެ މުއްދަތަކަށެވެ. މެސީ އާއެކު ޕީއެސްޖީން ހަދާފައި ވަނީ ދެ އަހަރުގެ އެއްބަސްވުމެކެވެ. އަދި ދެފަރާތުން އެއްބަސްވެއްޖެ ނަމަ ތިން އަހަރަށް ކޮންޓްރެކްޓް ދިގު ދަމާލެވޭނެ އެވެ.
ޕީއެސްޖީ އާއި ރެއިމްސް ބައްދަލު ކުރާ މެޗު ސްޕެއިންގެ ސްޓްރީމާ އީބައި ޔާނޯސް އިން އެ ގައުމުގެ ހުރިހާ ފަރާތްތަކަށް ހިލޭ ބެލޭނެ ގޮތަށް އެއާ ކުރާނެ އެވެ. އަދި ބައެއް ރިޕޯޓުތައް ބުނާ ގޮތުން ސްޕެއިންގެ ޓީވީ ޗެނަލް ޓެލެސިންކޯއަށް ވެސް މިމެޗު ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ވަނީ ލިބިފަ އެވެ.
މީގެ ކުރިން ލީގު 1 ގެ މެޗުތައް ސްޕެއިންގައި ދައްކަމުން އައީ ސްޕެއިންގެ މޫވީސްޓާ ޓީވީ ޗެނަލްއިންނެވެ. ރިޕޯޓުތައް ބުނާ ގޮތުން ޕީކޭގެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ ސަބް ލައިސަންސް ކޮށްގެން މި ޓީވީ ޗެނަލްއިން ނުވަތަ ސްޕެއިންގެ އެންމެ ޓޮޕް މީޑިއާ ތަކުން ލީގު 1 ގެ މެޗުތައް ދެއްކުމަށެވެ.
ޕީއެސްޖީގައި މެސީގެ ފުރަތަމަ ފެނިލާނެ ކަމަށް ބެލެވެނީ އާދީއްތަ ދުވަހުގެ ރޭ ރެއިމްސްގެ ދަނޑުގައި ޕީއެސްޖީ އާއި ރެއިމްސް ބައްދަލުކުރާ މެޗުގަ އެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނީ މި މެޗު ބެލުމަށް އިންތިޒާރު ކުރަމުންނެވެ. އެގޮތުން ރެއިމްސްގެ ޓިކެޓް އޮފީސް މެނޭޖަރު އަލެކްސާންޑްރާ ޖީނިން ބުނީ މި މެޗު ބެލުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ޓިކެޓު ގަންނަމުން އަންނަ ކަމަށެވެ.
މެސީ ޕީއެސްޖީއާއި ގުޅުނީ ބާސެލޯނާއިން މެސީ އިތުރަށް އެކުލަބުގައި ނުބެހެއްޓޭނެ ކަމަށް ބުނުމުންނެވެ. ބާސާއިން އެގޮތަށް ނިންމީ އެޓީމުގެ މާލީ ހާލަތު މެސީ ބެހެއްޓުމަށް ތަންނުދޭތީ އެވެ.
ޕީއެސްޖީއާއި ގުޅުނު ފަހުން މެސީއަށް އަދި އެއްވެސް މެޗެއް އެޓީމަކަށް ނުކުޅެވެ އެވެ. އެއީ އެއްވެސް ޕްރީ ސީޒަން މެޗެއްގައި ބައެިވެރި ވެފައި ނުވާތީ އާއި ޓީމާއި އެކު މަދި ފަރިތަކުރުން ތަކެއް ކުރެވިފައި ވާތީ އެވެ.