ބާސެލޯނާ

ބާސާއަށް ކާމިޔާބު އިންޓަނޭޝަނަލް މުބާރާތްތަކެއް

ބާސެލޯނާއަކީ ޔޫރަޕް ބައްރުގެ ކްލަބް ތަކުގެ ތެރެއިން އިންޓަނޭޝަނަލް މުބާރާތް ތަކުގައި އެންމެ ކާމިޔާބު ކުޅުންތެރިން ތަމްސީލު ކުރާ އެއް ކުލަބެވެ. އެގޮތުން މިހާރު ކުރިއަށްދާ ޔޫރޯ އަދި ކޮޕާ އެމެރިކާގައި ވެސް ބާސެލޯނާގެ ކުޅުންތެރިން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

މިފަދަ މުބާރާތް ތަކުގައި ބާސާގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދާ މޮޅު ކުޅުމުގެ ސަބަބުން ކްލަބަށް ސަޕޯޓަރުން ގިނަވުމުގެ އިތުރުން މާލީ ގޮތުން ވެސް ކުލަބަށް ބޮޑެތި ފައިދާތަކެއް ކުރުވަ އެވެ. އެކަމަކު ޑެމެބެލޭއަށް ދިމާވި ފަދަ އަނިޔާގެ މައްސަލަތައް ކުރިމަތި ވެއްޖެ ނަމަ ކްލަބަށް އޭގެ ގެއްލުން ބޮޑެވެ.

ނަމަވެސް ކަން ދިމާކުރި ގޮތުން މިފަހަރުގެ ޔޫރޯ 2020 ފައިނަލުގައި ބާސާގެ އެއް ވެސް ކުޅުންތެރިއެއް ނުކުޅޭނެ އެވެ. ނަމަވެސް ކޮޕާ އެމެރިކާ 2021 ގައި ބާސާގެ ތިން ކުޅުންތެރިން ވާދަ ކުރާނެ އެވެ. އެއީ ކްލަބުގެ ކެޕްޓަން ލިއޮނެލް މެސީ، ސާޖިއޯ އަގުއެރޯ އަދި އެމާސަން އެވެ.

ނިމިދިޔަ 2020/21 ސީޒަނަށް ފަހު ބާސާގެ ކުޅުންތެރިން ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ދައްކާފައިވާ ކުޅުމަށް ބަލާއިރު އާޖެންޓީނާގެ ކެޕްޓަން މެސީގެ އެންމެ ބޮޑު އަމާޒަކަށް ވެފައި އޮތީ އޭނާގެ ކެރިއާ ނިންމާލުމުގެ ކުރިން އާޖެންޓީނާއަށް ބޮޑު އިންޓަނޭޝަނަލް ޓްރޮފީއެއް ހޯދައިދިނުމެވެ. މެސީ ހުރީ އޭނާގެ ހުވަފެން ހަގީގަތަކަށް ހެދުމާއި މާދުރުގައެއް ނޫނެވެ. މިއަހަރުގެ ކޮޕަ އެމެރިކާ އަކީ މެސީ ގައުމީ ޓީމަށް އާދަޔާއި ހިލާފު މޮޅު ކުޅުމެއް ދައްކައިދީފައިވާ މުބާރާތެކެވެ. މިރޭ ފަތިހު އޮންނަ ފައިނަލުގައި ބްރެޒިލް ބަލިކޮށް މެސީގެ އެހުވަފެން ހަގީގަތަކަށް ހަދަން އޭނާ މަރުދޭނެ އެވެ.

ބާސާ އާއި އަލަށް ގުޅުނު ސާޖިއޯ އަގުއެރޯ ވެސް މިމުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައި ވާއިރު، މެސީ އާއި އެކު އަގުއެރޯގެ އަމާޒުވެސް ހުރީ އަގުއެރޯގެ ފުރަތަމަ ބޮޑު އިންޓަނޭޝަނަލް ޓްރޮފީ މިރޭ އުފުއްލާލުމަށެވެ. މީގެ އިތުރުން ބާސާ އާއި އަލަށް ގުޅުނު އެމާސަން އަށް ކޮޕަ އެމެރިކާގައި ކުޅެން ލިބުނީ އެންމެ 96 މިނެޓުގަ އެވެ. ބްރެޒިލްގެ ކޯޗު ޓިޓޭގެ ފުރަތަމަ 11 ގައި އެމަސަން ހިމަނާފައި ނުވާއިރު، އޭނާ އަށް ކުޅެން ލިބުނު ވަގުތުގައި ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ.

ޔޫރޯ 2020 ގެ ކުރިން މެންޗެސްޓާ ސިޓީގައި ހުރިއިރު ގިނަ ފާޑުކިއުންތަކެއް އަމާޒުވެފައިވާ އެރިކް ގާސިއާ ޔޫރޯގައި ވަނީ މޮޅު ކުޅުމެއް ދައްކައި ބާސާއިން އޭނާ އެކްލަބަށް ގެނައުން އެއީ ރަނގަޅު ނިންމުމެއް ކަން ސާބިތު ކޮށްދީފަ އެވެ. އަދި ހަމަ ސްޕެއިން ޓީމުގައި ޖޯޑީ އަލްބާވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. ނަމަވެސް މެސީއާއި އޭނާއާއި ދެމެދު އޮންނަ އަންޑަސްޓޭންޑިން ސްޕެއިންގެ ކުޅުންތެރިންނާއި ނެތްކަން ފާހަގަވި އެވެ.

މުބާރާތުގެ ދުވަސްކޮޅެއް ކުރިން ކޮވިޑް ޖެހުނު ނަމަވެސް ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ވަނީ ސާޖިއޯ ބުސްކަޓްސް އަށް އިތުބާރުކޮށް އޭނާ ޓީމުގައި ހިމަނާފަ އެވެ. އެހެން ކަމުން ބަލިން ރަނގަޅުވެ ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި އޭނާ ވަނީ ވަރަށް މޮޅު ކުޅުމެއް ދައްކާފަ އެވެ. އަދި އޭނާގެ އެނބުރި އައުމާއި އެކު ސްޕެއިންގެ ޓީމުން "ބުސްކަޓްސް އިފެކްޓް" ފެނި ޓީމުގެ ކުޅުމަށް ބޮޑު ކުރިއެރުމެއް ލިބުނެވެ. އަދި އުމުރުން ހަގު ނަމަވެސް ޕެޑްރީ ވަނީ ބުސްކަޓްސް އާއި އެކު ޓީމުގެ މެދުތެރެއިން މޮޅު ކުޅުމެއް ދައްކައި ގިނަ ފުރުސަތު ތަކެއް ތަނަވަސް ކޮށްދީފަ އެވެ.

މީގެ އިތުރުން ފްރެންކީ ޑިޔޯންގް ވަނީ ނެދަލެންޑްސްގެ އެންމެ މުހިންމު އެއް ކުޅުންތެރިއެއްގެ ރޯލު މިފަހަރުގެ ޔޫރޯގައި އަދާކޮށްފަ އެވެ. މިފަހުން ބާސާގެ ފުރަތަމަ 11 އިން ޖާގަ ނުލިބުނު ނަމަވެސް ޑިޔޯންގް ޔޫރޯގައި މޮޅު ކުޅުމެއް ދެއްކި އެވެ. އަދި ބާސާގެ ފުރަތަމަ 11 އިން ފުރުސަތު ނުލިބޭ ބްރެތުވެއިޓު ވަނީ އޭނާގެ ފަރާތުން އާންމުކޮށް ފެންނަ ވަރަށްވުރެ މޮޅު ކުޅުމެއް ދައްކައި މިމުބާރާތުގައި ޑެންމާކު ސެމީ ފައިނަލަށް ގެންގޮސްދީފަ އެވެ.

ޔޫރޯ 2020 ގައި ގްރީޒްމެންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ނަމަވެސް އޭނާއަށް ވަނީ ސަޕޯޓަރުންނާއި ޓީމުގެ ފަރާތުން އޭނާއަށް ކުރެވުނު އުންމީދުތަކާއި އަރާ ހަމަކުރެވިފައެއް ނުވެ އެވެ. އަނެއްކޮޅުން ކުޅުން ރަނގަޅު ނަމަވެސް ފްރާންސްގެ ދެވަނަ މެޗުގައި ހަންގޭރީ އާއި ބައްދަލު ކުރި މެޗުގައި އަނިޔާވެ ޑެމްބެލޭ ވަނީ މުބާރާތާއި ވަކިވާން ޖެހިފަ އެވެ.