މެސީ

ލަނޑު ނުޖެހުނަސް އެހާ ކަންބޮޑެއް ނުވޭ: މެސީ

ލަނޑު ނުޖެހުނަސް އެހާ ކަންބޮޑުނުވާ ކަމަށް އާޖެންޓީނާ އާއި ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފި އެވެ.

ބާސެލޯނާ އާއި އާޖެންޓީނާ އާއެކު އެންމެ ފަހުން ކުޅުނު މެޗުތަކުގައި ވެސް މެސީގެ ލަނޑުގެ ރޭޓް އުޅުނީ ދަށް ކޮށެވެ. އެހެން ނަމަވެސް މެސީގެ ދައުރު ޓީމުގައި ފެނުނީ ބޮޑު ކޮށެވެ.

ހާއްސަކޮށް ނިމިދިޔަ އިންޓަނޭޝަނަލް ބުރޭކްގައި އާޖެންޓީނާގެ ގައުމީ ޓީމުގައި އޭނާގެ މުހިންމުކަން ވަރަށް ބޮޑަށް ފެނުނެވެ. ކުޅުނު ތިން މެޗުން ވެސް މޮޅުވެ އާޖެންޓީނާ އޮތީ ޕޮއިންޓްގެ ގޮތުން ބްރެޒިލްއާ އެއްވަރެއްގަ އެވެ. ބްރެޒިލަށް ކުރި ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ބޮލީވިއާގައި ކުޅުނު އުނދަގޫ މެޗުގައި ވެސް އާޖެންޓީނާ ވަނީ ފަހަތުން އަރައި މޮޅުވެފަ އެވެ. އެކްއެޑޯ އާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗުގައި އާޖެންޓީނާ މޮޅު ކޮށްދިން ލަނޑު ކާމިޔާބު ކުރީ މެސީ އެވެ. އެއީ ގައުމީ ޓީމަށް އޭނާ ޖަހައިދިން 71 ވަނަ ލަނޑެވެ.

"އަހަންނަށް ލަނޑު ނުޖެހިގެން މިހާރު އަހަރެން ކަންބޮޑުވާ ވަރު ކުޑަ ވެއްޖެ،" އާޖެންޓިނާގެ މަޖައްލާއަކަށް ދިން އިންޓަވިއުގައި މެސީ ބުންޏެވެ. "އަހަރެން މަސައްކަތް ކުރަނީ އަހަންނަށް ވީ އެންމެ މަތީ ދަރަޖައަކުން ޓީމަށް އެންމެ ރަނގަޅުވާނެ ގޮތަށް."

މެސީ ވަނީ ކޮރޯނާ ވައިރަސްގެ ހާލަތާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ. އޭނާ ބުނީ ކޮވިޑް ހާލަތުގައި ހުރިހާ އެންމެންނަށް ހަމަހަމަ ކަމާއެކު އަސާސީ ހިދުމަތް ފޯރުކޮށް ދޭން ޖެހޭ ކަމަށެވެ. އަދި މި ހާލަތުގައި ވެސް އާޖެންޓީނާގެ ރައްޔިތުންނަށް މޫދާއި އަތިރިމަތީ ސަރަހައްދަށް ދެވި ހިތްހަމަޖެހުން ހޯދަން ފުރުސަތު ލިބިފައި އޮތުމަކީ އުފާ ކުރާ ކަމެއް ކަމަށް އޭނާ ބުންޏެވެ.