ދެކުނު އެމެރިކާ ބައްރުގެ ފީފާ ވޯލްޑް ކަޕް ކޮލިފައިން މެޗުގައި ބޮލީވިއާ އަތުން 6-0ގެ ތަފާތު ބޮޑު ނަތީޖާއަކުން އާޖެންޓީނާ މޮޅުވެއްޖެ އެވެ.
މި މެޗުގައި ދުނިޔެ ދުށް އެންމެ ހުނަރުވެރި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހެޓްރިކެއް ހެދި އެވެ.
މި ނަތީޖާއާއެކު، ދެކުނު އެމެރިކާ ބައްރުގެ ވޯލްޑް ކަޕް ކޮލިފައިން ގްރޫޕްގެ އެއްވަނައިގައި އާޖެންޓީނާ އޮތީ 10 މެޗުން 22 ޕޮއިންޓާ އެކު އެވެ. ދެވަނައިގައިވާ ކޮލަމްބިއާއަށް ވުރެ އާޖެންޓީނާއަށް 3 ޕޮއިންޓް އިތުރަށް ލިބިފައިވެ އެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖެހީވެސް މެސީ އެވެ. އޭނާ މި ލަނޑު ޖެހީ މެޗުގެ 19 ވަނަ މިނެޓުގަ އެވެ. ފުރަތަމަ ހާފު ނިމުނުއިރު އާޖެންޓީނާއިން ވަނީ 3 ލަނޑު ޖަހާފަ އެވެ. މެޗުގެ ދެވަނަ ހާފުގައި އާޖެންޓީނާއިން އިތުރު 3 ލަނޑު ޖެހި އެވެ.
މެސީ މި މެޗުގައި ޖެހި 3 ލަނޑާއެކު، އޭނާ ގައުމީ ޓީމަށް ޖަހާފައިވާ ލަނޑުގެ އަދަދު 112 އަށް ވަނީ އިތުރުވެފަ އެވެ. އަދި މިއީ މެސީ ގައުމީ ޓީމުގައި ކާމިޔާބު ކުރި 10 ވަނަ ހެޓްރިކެވެ.
މި މެޗުގައި އާޖެންޓީނާއަށް ލަނޑު ޖެހި އެހެން ކުޅުންތެރިންގެ ތެރޭގައި ލަޓާރޯ މާޓިނޭޒް، ހޫލިއަން އަލްވަރޭޒް އަދި ތިއާގޯ އަލްމާޑާ ހިމެނެ އެވެ.
ދެކުނު އެމެރިކާ ބައްރުގެ ކޮލިފައިންގައި ކުޅުނު އެހެން މެޗުތަކުގައި، ޕެރަގުއޭ ވަނީ ވެނެޒުއެލާ އަތުން 2-1 އިން މޮޅުވެފަ އެވެ. އަދި އުރުގުއޭ އާއި އެކުއެޑޯ ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ.