މެސީ

މެސީ އަނބުރާ އާޖެންޓީނާ ޓީމާ ގުޅިއްޖެ

ކޯޕާ އެމެރިކާގެ ފައިނަލްގައި ލިބުނު އަނިޔާއިން އަރައިގަތުމަށްފަހު، ލަޔޮނެލް މެސީ އާޖެންޓީނާގެ ގައުމީ ޓީމާ ގުޅިއްޖެ އެވެ.

އާޖެންޓީނާގެ ގައުމީ ޓީމާ ގުޅި، މެސީ ވަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ބޭއްވޭ ފަރިތަކުރުންތަކުގައިވެސް ބައިވެރިވެފަ އެވެ.

އެ ގޮތުން ވެނެޒުއޭލާއާ ދެކޮޅަށް ކުޅޭ މެޗަކަށް އާޖެންޓީނާ ތައްޔާރުވަމުންދާއިރު އިންޓަ މަޔާމީ ކުލަބުގެ ފަހުގެ މެޗުތަކުގައި މެސީ ވަނީ ފާހަގަކޮށްލެވޭ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. އާޖެންޓީނާގެ ކޯޗު ލަޔޮނެލް ސްކެލޯނީ ވަނީ ވެނެޒުއޭލާ އަދި ބޮލީވިއާއާ ދެކޮޅަށް ކުޅޭ މެޗުތަކަށް އެކުލަވާލި ސްކޮޑުގައި މެސީ ހިމަނާފަ އެވެ.

ވެނެޒުއޭލާއާ ދެކޮޅަށް ކުޅޭ މެޗުގެ ފަރިތަކުރުންތައް ބޭއްވެނީ މެސީގެ ކުލަބު އިންޓަ މަޔާމީގެ ދަނޑުގަ އެވެ. ކޯޗު ސްކެލޯނީ ވަނީ މެޗުގެ ކުރިން ވެނެޒުއޭލާއަށް ކުރިމަތިވެފައިވާ ހަރިކޭން މިލްޓަންގެ ނުރައްކަލާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ފުޓްބޯޅައިގެ ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި މިހާރު އޮތް އާޖެންޓީނާ ވަނީ ކޮލިފައިން މެޗުތަކުގެ ތެރެއިން މިހާތަނަށް ކުޅުނު އަށް މެޗުން 18 ޕޮއިންޓް ހޯދާފަ އެވެ. ދެވަނައިގައިވާ ކޮލަމްބިއާއަށް އަށް މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ.