ކުޅިވަރު

އާޖެންޓީނާގެ ސްކޮޑުން މެސީއަށް ފުރުސަތެއް ނުލިބުނު

އަންނަ މަހު އޮންނަ ފީފާ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް ނެގި އާޖެންޓީނާގެ ސްކޮޑުން އެ ޓީމުގެ ކެޕްޓަން، ލިއޮނަލް މެސީ ބާކީކޮށްފި އެވެ.

މެސީ، 37، އަށް އަނިޔާވީ މިދިޔަ ޖުލައި މަހު ނިމުނު ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައެވެ. ފައިގެ ކުޑަހުޅަށް ލިބުނު މި އަނިޔާއަށް މިވަގުތު މެސީ އަންނަނީ ފަރުވާ ހޯދަމުންނެވެ.

އާޖެންޓީނާގެ ކޯޗު، ލިއޮނަލް ސްކަލޯނީ ނެގި ސްކޮޑުގައި މިފަހަރު ނުހިމެނުނު އިތުރު ކުޅުންތެރިންގެ ތެރޭގައި ދާދިފަހުން ގައުމީ ޓީމުން ރިޓަޔާކުރި އެންހެލް ޑި މާރިއާ އާއި ރިވާ ޕްލޭޓްގެ ގޯލްކީޕަރު ފްރޭންކޯ އަރްމާނީ ހިމެނެ އެވެ.

މި ފަހަރުގެ ސްކޮޑުން މުޅިން އަލަށް ޖާގަ ދީފައިވާ ކުޅުންތެރިންގެ ތެރޭގައި މިޑްފީލްޑަރު އެޒެކީލް ފެނާންޑޭޒް އާއި ސްޓްރައިކަރު ވަލެންޓިން ކަސްޓެޔާނޯސް ހިމެނެ އެވެ.

މީގެއިތުރުން މިހާތަނަށް ބައިނަލްއަގުވާމީ މަދު މެޗުތަކެއް ކުޅެފައިވާ ޒުވާން ކުޅުންތެރިން ކަމަށްވާ އަލެހަންދްރޯ ގަނާޗޯ، ވެލެންޓިން ކާބޯނީ، ވެލެންޓިން ބާކޯ އާއި މަތިއަސް ސޫލްއަށް މި ފަހަރުގެ ސްކޮޑުން ޖާގަ ދީފައިވެ އެވެ.

ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިންގައި މިހާތަނަށް ކުޅުނު ހަ މެޗަށްފަހު އާޖެންޓީނާ އޮތީ 15 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ.

އާޖެންޓީނާ އިން އެންމެ ފުރަތަމަ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި އަންނަ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހު އަމިއްލަ ދަނޑުގައި ޗިލީއާ ދެކޮޅަށް ނިކުންނައިރު އޭގެ ފަސް ދުވަސް ފަހުން ރަށުން ބޭރުގައި އެ ޓީމު ނިކުންނާނީ ކޮލަމްބިއާ އާ ދެކޮޅަށެވެ.