ކޯޕާ އެމެރިކާ

ފަހުގެ ޗެމްޕިއަން އާޖެންޓީނާ ފައިނަލަށް، މެސީގެ ގޯލެއް ފެނިއްޖެ

އެމެރިކާގައި ކުޅެމުންދާ ކޯޕާ އެމެރިކާގެ ސެމީ ފައިނަލްގައި އާޖެންޓީނާ އާއި ކެނެޑާ ބައްދަލުކުރި މެޗުން އެ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ މޮޅުވެ މުބާރާތުގެ ފައިނަލްގެ ފުރަތަަމަ ޖާގަ ކަށަވަރުކޮށްފި އެވެ.

މިމެޗުގައި މެސީގެ ގޯލެއް ފުރަތަަމަ ފަހަރަށް މިމުބާރާތުގައި ޖަހައި އޭނާގެ ގޯލަކަށް ކުރަމުންދާ އިންތިޒާރު ނިމުމަކަށް ގެނެސްފައިވެ އެވެ.

މީގެ ކުރިން ގްރޫޕް ސްޓޭޖުގައިވެސް މިދެޓީމު ބައްދަލުކުރި އެވެ. އެފަހަރު ވެސް މޮޅުވީ އާޖެންޓީނާ އެވެ. ރޭ ފަތިހު 5 ޖެހިއިރު ފެށި މެޗު ވެސް ނިމުނީ ކުރީ މެޗުގެ ސްކޯގައި، 2-0 ގައި އާޖެންޓީނާ މޮޅުވެގެންނެވެ.

މި މެޗުގައި ހުރިހާ ގޮތަކުން ވެސް މޮޅަށް ކުޅެފައިވަނީ އާޖެންޓީނާ އެވެ. އާޖެންޓީނާގެ ޓީމުން ފެނުނީ ތަށި ދިފާއުކުރުމަށް ފެންބޮވައިގެންފައިވާ ފަދަ ކުޅުމެކެވެ.

މެޗުގެ ފުރަތަަމަ ގޯލު ޖަހާފައިވަނީ ފުރަތަމަ ހާފުގެ ކުޅުން ދެބައި ވާން އުޅެނިކޮށް އާޖެންޓީނާގެ ޖާޒީ ނަމްބަރު 9 ޖޫލިއަން އަލްވަރޭޒް ކީޕަރުގެ ދެފައި ދޭތެރެއިން ފޮނުވާލި ބޯޅައަކުންނެވެ.

އެގޯލަށް ފަހު ކެނެޑާގެ ޓީމުން މެޗުގެ ތެރެއަށް ވަންނަން މަސައްކަތް ކޮށްފައިވެ އެވެ. އެހެންނަމަވެސް އާޖެންޓީނާގެ ޑިފެންޑަރުން، ކެނެޑާގެ ކުޅުންތެރިން ގޯލާ މާކައިރި ވާނެ ފުރުސަތު ދީފައެއް ނުވެ އެވެ.

ފުރަތަަމަ ހާފުގެ ކުޅުން ނިމުނީ 1-0 އިން އާޖެންޓީނާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ގޮސް 51 ވަނަ މިނެޓުގައި އެންޒޯ ފެނާންޑެޒް ދިން ބޯޅއަކުން އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ ވަނީ އިތުރު ގޯލެއް ޖަހާ މެޗުގެ ލީޑް ފުޅާކޮށްދީފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވީ އާޖެންޓީނާ 2-0ގެ ތަފާތަކުން ކުރީގައި އޮވެގެންނެވެ.