މިރޭ ފަތިހު ރާއްޖޭ ގަޑީން 5:00 ޖަހާއިރު ބްރެޒިލާއި އާޖެންޓީނާ ކޮޕާ އެމެރިކާގެ ފައިނަލުގައި ވާދަކުރާ މެޗަކީ އެ ދެ ގައުމަށް ވަރަށް ބޮޑު، އަދި ދެ ގައުމުގެ ތަރިން ކަމަށްވާ މެސީ އާއި ނޭމާއަށް ވެސް ވަރަށް ބޮޑު ރެޔެކެވެ.
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ މި ދެ ކުޅުންތެރިންނަށް މިހާތަނަށް ބޮޑު އިންޓަނޭޝަނަލް ޓްރޮފީއެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. އެހެން ކަމުން މިރޭގެ މެޗުގައި މި ދެ ކުޅުންތެރިންނާއި ޓީމު، އެމީހުންގެ ގައުމުގެ ހުވަފެންތައް ހަގީގަތަކަށް ހަދަން މަރު ދޭނެ އެވެ.
މިހާތަނަށް މެސީއަށް ބައިންލްއަގްވާމީ ގޮތުން ކާމިޔާބު ކުރެވިފައި ވަނީ 2005 ވަނަ އަހަރު ކުޅުނު ފީފާ ވޯލްޑް ޔޫތު ޗެމްޕިއަންޝިޕެވެ. ނޭމާ ވަނީ ކޮންފެޑެރޭޝަން ކަޕް 2013 އާއި ރިއޯ އޮލިމްޕިކްސް 2016 ކާމިޔާބު ކޮށްފަ އެވެ. ކޮޕާ އެމެރިކާ 2019 ބްރެޒިލުން ކާމިޔާބު ކުރި އިރު ނޭމާއަށް އަނިޔާގެ ސަބަބުން ޓީމާއި ބައިވެރި ނުވެވުނެވެ.
ކޮޕަ އެމެރިކާ 2021 ގައި އާޖެންޓީނާ އަދި ބްރެޒިލްގެ ފަރާތުން ވެސް ތަފާތު މޮޅު ކުޅުމެއް ފެނިފައި ވާއިރު އެންމެ ބޮޑު ދައުރެއް އަދާ ކޮށްފައި ވަނީ ނޭމާ އާއި މެސީ އެވެ.
މި މުބާރާތުގައި މެސީގެ ފަރާތުން ދުވަހަކު ވެސް ގައުމީ ޓީމަށް ނުކުޅޭ ފަދަ މޮޅު ކުޅުމެއް ފެނިފައިވެ އެވެ. އެގޮތުން މި މުބާރާތުގައި މެސީ ވަނީ ހަ މެޗު ކުޅެ ހަތަރު ގޯލު ވެސް ޖަހާފަ އެވެ. މީގެ އިތުރުން ފަސް ގޯލު ޖެހުމަށް އެހީތެރިވެފައި ވާއިރު މެސީ ވަނީ ހަތަރު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފަ އެވެ. ހަމަ އެހެންމެ މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއާގެ މަގާމަށް، ލިސްޓުގެ އެންމެ ކުރީގައި ވާދަ ކުރަނީ މެސީ އެވެ. އާޖެންޓީނާ ފައިނަލަށް ގެންގޮސް ދިން ސެމީ ފައިނަލުގެ ދެވަނަ ހާފުން ފެށިގެން މެސީ ކުޅުނީ ފައިގެ ކުޑަ ހުޅަށް އަނިޔާވެފައި ހުރެ އެވެ.
ކޮޕާ އެމެރިކާ ކާމިޔާބު ކުރުމަކީ މެސީއަށް ހަތްވަނަ ބެލެންޑޯ ހޯދުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތަކަށް ވާނެއިރު، މިއީ ތާރީހުގައި ފަވާލެވޭނެ ކަމަކަށް ވެސް ވާނެ އެވެ. އެންމެ ފަހުން އާޖެންޓީނާއިން ކޮޕާ އެމެރިކާގެ ތަށި ނަގާފައި ވަނީ 1993 ވަނަ އަހަރު އެވެ. އެހެން ކަމުން ގައުމުގެ 28 އަހަރު ގެ އުންމީދު ފުރިހަމަ ކޮށްދިނުމަކީ ވެސް މެސީގެ އަމާޒަކަށް ވާނެ އެވެ.
އަނެއްކޮޅުން ނޭމާ ހުރީ ވަކި ދޫކުރާ ގޮތަކަށް ނޫނެވެ. ނޭމާ ބުނީ މެސީއަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި އަދި އެހާމެ ގާތް ރަހުމަތްތެރިއެއް ކަމަށެވެ. ނަމަވެސް މިރޭގެ ފައިނަލަށް ނުކުންނާނީ މެޗުން މޮޅުވެ ފުރަތަމަ ފަހަރަށް ކޮޕާ އެމެރިކާގެ ތަށި އުފުލާލުމަށް ކަމަށެވެ.
މެސީ އެކޭ އެއްފަދައިން ނޭމާއަށް ވެސް މިހާތަނަށް ކޮޕާ އެމެރިކާ ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.
މި މުބާރާތުގައި ނޭމާ ކުޅުނު ފަސް މެޗުގައި އޭނާ ވަނީ ދެ ގޯލު ޖަހައި ތިން އެސިސްޓު ކޮށްދީފަ އެވެ. އަދި މުޅި ޓީމު ކުޅުވުމުގައި އޭނާގެ ދައުރު ވަރަށް ބޮޑެވެ.
ބްރެޒިލުން އެންމެ ފަހުން ބޭއްވި ކޮޕަ އެމެރިކާ ކާމިޔާބު ކޮށްފައި ވާއިރު ޖެހިޖެހިގެން ދެވަނަ ފަހަރަށް އަމިއްލަ ވަޒަނުގައި މޮޅުވުމަކީ އެމީހުންގެ އެންމެ ބޮޑު އެއް އަމާޒެވެ.
ކޮޕާ އެމެރިކާގެ ފައިނަލެއްގެ އިތުރުން މި މެޗު ހާއްސަވާ ވަރަށް ބައިވަރު ސަބަބުތަކެއް އެބަހުއްޓެވެ. އެގޮތުން މިރޭގެ ފައިނަލުގެ ނަތީޖާ ނުކުންނަ އިރު މެސީ ނުވަތަ ނޭމާއަށް ފުރަތަމަ ފަހަރަށް ބޮޑު އިންޓަނޭޝަނަލް ޓްރޮފީއެއް ލިބޭނެ އެވެ. އަނެެއްކޮޅުން ވަރުގަދަ ބްރެޒިލާއި އާޖެންޓީނާ ކުޅޭ މެޗަކަށް ވާތީ ދުނިޔޭގެ ހުރިހާ ފުޓްބޯޅަ ސަޕޯޓަރުން މިރޭގެ މެޗު ބެލުމަށް އިންތިޒާރު ކުރާނެ އެވެ.