ކޯޕާ އެމެރިކާ

ބްރެޒިލްގައި ކޮޕާ އެމެރިކާ ބޭއްވީ ކީއްވެ؟

ކޮޕަ އެމެރިކާ 2021 ބާއްވަން އަސްލު ހަމަ ޖެހިފައި އޮތީ އާޖެންޓީނާ އަދި ކޮލަމްބިއާގަ އެވެ.

ނަމަވެސް މުބާރާތް ފަށަން ދެ ހަފްތާއަށް ވެފައި ވަނިކޮށް މުބާރާތް ބާއްވާ ގައުމު ބަދަލުކޮށް ބްރެޒިލްގައި މުބާރާތް ބާއްވަން ވަނީ ނިންމާފަ އެވެ. އެއީ މުބާރާތް ބޯމަތިވެފައި ވަނިކޮށް ކޮލަމްބިއާ އަދި އާޖެންޓީނާއަށް ކޮވިޑްގެ ބޮޑު ރާޅެއް އަރައި އެ ދެ ގައުމުގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުންނެވެ. އެހެން ކަމުން އެ ދެ ގައުމުގައި މުބާރާތް ނުބޭއްވި ބްރެޒިލްއަށް މުބާރާތް ބަދަލު ކުރީ އެ ދެގައުމަށް ވުރެ ބްރެޒިލްގެ ހާލަތު ރަނގަޅު ކަމަށް ބުނެ އެވެ.

ދެ ގައުމެއްގައި މުބާރާތް ބާއްވަން ނިންމީ ކީއްވެ؟

ކޮޕަ އެމެރިކާގެ ދިގު ތާރީހުގައި މިހާތަނަށް ދެ ގައުމެއްގައި މުބާރާތް ބާއްވާފައެއް ނުވެ އެވެ. ކޮންމެ މުބާރާތެއް ވެސް ބާއްވަނީ ކޮންމެސް އެއް ގައުމެއްގަ އެވެ. ނުވިތާކަށް މުބާރާތް ބާއްވަން ގަސްތު ކުރި ދެ ގައުމަކީ އެ ކޮންޓިންޖެންޓުގެ ދެކޮޅުގައި އޮންނަ ދެ ގައުމެވެ. އެހެން ކަމުން ފްލައިޓެއްގައި ދަތުރު ކުރި ނަމަވެސް މި ދެގައުމު ދޭތެރޭގައި ހަ ގަޑިއިރު ހޭދަވާނެ އެވެ.

މި ހުރިހާ ކަމަކީ ވެސް ސިޔާސީ ކަންތައް ގަނޑެކެވެ. މި މުބާރާތަކީ އަސްލު ކޮޕަ އެމެރިކާ ބާއްވާ އުސޫލުގެ އިތުރުން ބާއްވާ މުބާރާތެކެވެ. އެހެން ކަމުން އާންމު ގޮތެއްގައި މި މުބާރާތް އޮންނަ ގޮތަށް މިފަހަރު ބާއްވާކަށް ނުޖެހޭނެތާ އެވެ.

އާޖެންޓީނާއިން ހުރީ 2030 ވަނަ އަހަރު އޮންނަ ފީފާ ވޯލްޑް ކަޕް ހޯސްޓު ކުރަން ފޫގަޅައިގެންނެވެ. އެމީހުންގެ އުންމީދަކީ ފީފާ ވޯލްޑް ކަޕަށް 100 އަހަރު ފުރޭ މުބާރާތް އެންމެ ފުރަތަމަ ވޯލްޑް ކަޕް ބޭއްވި އުރުގުއޭ ގައި ބާއްވާއިރު މުބާރާތް ހޯސްޓު ކުރުމުގައި ބައިވެރި ވުމެވެ. މިފަހަރުގެ ކޮޕަ އެމެރިކާ އާޖެންޓީނާ އިން ހޯސްޓު ކުރަން ބޭނުންވީ 2030 ވޯލްޑް ކަޕުގެ ކުރިން 2018 ވަނަ އަހަރު އެގައުމުގައި ހިނގި ހަމަނުޖެހުމުގެ ލައްގަނޑު ފިލުވައިލުމެވެ. އެއީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓު ކުރުމުގެ ބިޑަށް ލިބޭނެ ބާރަކަށް ވާތީ އެވެ.

މިއީ ކޮލަމްބިއާ އިން މާ ގަޔާވާ ކަމަކަށް ނުވި އެވެ. އާޖެންޓީނާގައި 2011 ވަނަ އަހަރު ކޮޕަ އެމެރިކަ ބޭއްވި އިރު ކޮލަމްބިއާގައި މުބާރާތް ބެއްވި އެންމެ ފަހަރަކު އެވެ. އެއީ 2001 ވަނަ އަހަރުގަ އެވެ. އަނެއް ކޮޅުން ކޮލަންބިއާ ވެސް އޮތީ 2030 ގެ ވޯލްޑް ކަޕް ހޯސްޓު ކުރުމަށް ޝައުގުވެރިކަން ފާޅު ކޮށްފަ އެވެ.

އެހެން ކަމުން ކޮލަމްބިއާ އިން އައީ މިކަމަށް ހައްލެއް ހޯދައިގެންނެވެ. އާންމު ގޮތެއްގައި ކޮޕަ އެމެރިކާ ކުޅެނީ ސައުތު އެމެރިކާގެ 10 ޓީމަކާއި ގެސްޓް ދެޓީމެއް ހިމަނައިގެންނެވެ. ނަމަވެސް ވޯލްޑް ކަޕް ކޮލިފިކޭޝަން ކުޅެން ޖެހުމުން ގެސްޓް ދެ ގައުމު (އިސްޓްރޭލިއާ، ގަތަރު) އަށް މި މުބާރާތުގައި ބައިވެރި ނުވެވުނެވެ. ކޮލަމްބިއާ އިން އެދުނީ ކޮބަ އެމެރިކާ 2021 ކޮލަމްބިއާ އާއި އާޖެންޓީނާއަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށެވެ. އެއީ ދެ ގްރޫޕްގެ މެޗުތައް ދެ ގައުމަށް ބަހާލައިގެންނެވެ.

މުބާރާތް ކުރިއަށް ގެންދަނީ ކީއްވެ؟

މިއަންނަ އަހަރު އޮންނަ ވޯލްޑް ކަޕަށް ޓީމުތައް ތައްޔާރު ވަމުން އަންނަ އިރު ސައުތު އެމެރިކާގެ ޓީމުތައް އޮތީ އެހެން ގައުމު ތަކާއި އަޅާ ބަލާއިރު ކޮލިފިކޭޝަން ރޭހުގެ ފަހަތުގަ އެވެ. ކޮވިޑުގެ ހާލަތާއި އެކު އެމީހުންނަށް ވަނީ ވޯލްޑް ކަޕަށް ތައްޔާރުވަން ގިނަ ގޮންޖެހުން ތަކަކާއި ކުރިމަތިލާން ޖެހިފަ އެވެ. އެހެން ކަމުން މި މުބާރާތް އެމީހުން ބޭނުން ކުރަނީ ގެއްލުނު ބައި ފޫބައްދަން ގެންދާ މުބާރާތެއްގެ ގޮތުގަ އެވެ.

ކޮޕަ އެމެރިކާ އަކީ ބޮޑު މުބާރާތަކަށް ވެފައި ގާތް ގަނޑަކަށް 120 މިލިއަން ޑޮލަރުގެ ފައިދާ މި މުބާރާތުން ވާނެ އެވެ. މި މުބާރާތް ކުރިއަށް ގެންދަނީ ސަޕޯޓަރުންނާއި، ގެސްޓު ޓީމު ތަކުގެ ބައިވެރި ވުމާއި ނުލާ ކަމަށް ވާތީ މި މުބާރާތުން ބޮޑު ގެއްލުމެއް ވާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް މުބާރާތް ކުރިއަށް ނުގެންގޮސްފި ނަމަ ލިބޭ ގެއްލުން އަދި މާބޮޑު ވެދާނެ އެވެ. އެއީ އޭރު ހުރިހާ ކޮންޓްރެކްޓެއްގައި ސޮއި ކުރެވި ހުރިހާ ކަމެއް އިންތިޒާމުވެފައި ކަމަށް ވުމުންނެވެ.

ކީއްވެ ބްރެޒިލްގައި؟

މުބާރާތުގައި ބައިވެރިވާ ގައުމުތަކުގެ ހާލަތަށް ބަލައި މިފަހަރު ބްރެޒިލް ނޫން އެހެން ތަނެއްގައި މުބާރާތް ބޭއްވޭކަށް ނެތެވެ. ވަގުތު ނެތުމާއި އެކު ވިސާ ހަމަ ޖެއްސުން ފަދަ ކަންތައް އުނދަގޫ ވާނެތީ ސައުތު އެމެރިކާ އިން ބޭރުގައި މުބާރާތް ބޭއްވުންވި ނާދިރު ކަމަކަށެވެ.

ކޮލަމްބިއާގައި ކުރިއަށް ގެންދަން ހަމަޖެހިފައި ހުރި މެޗުތައް ޗިލި ފަދަ ގައުމެއްގައި ކުރިއަށް ގެންދެވުނީހެވެ. ނަމަވެސް ހާލަތު ދިމާ ކުރި ގޮތުން މުބާރާތުގެ ހުރިހާ މެޗެއް އެއް ގައުމެއްގައި ބާއްވަން ޖެހުމުން 28 މެޗު ޗިލީއަށް އިިންތިޒާމު ކުރެވޭނެ ކަމާއި މެދު ޗައްކު އުފެދުނެވެ.

އެހެން ކަމުން ވަގުތަށް ބަލައި އެންމެ ރަނގަޅު ވާނީ ބްރެޒިލްގައި ބާއްވަން ކަމަށް ބުނި އިރު ބްރެޒިލްގެ ރައީސް ވަނީ ކޮވިދްގެ ހާލަތު އެންމެ ރަނގަޅު ނޫނަސް އެގައުމުގައި މުބާރާތް ބޭއްވުމަށް ޝައުގުވެރިކަން ފާޅު ކޮށްފަ އެވެ. ނަތިޖާ އަކަށްވީ ބްރެޒިލްގައި މުބާރާތް ބާއްވާ ގޮތަށް ނިމުމެވެ.