ކޯޕަ އެމެރިކާ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ބްރެޒިލް އާއި އެމެރިކާ ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގައި، ބްރެޒިލް އަތުން ބަލިނުވެ އެމެރިކާ އިން މެޗް ހިފަހައްޓައިފި އެވެ.
ކޯޕާ އެމެރިކާ މުބާރާތް ނުވަ ފަހަރު ކާމިޔާބުކޮށްފައިވާ ބްރެޒިލް އަކީ ފުޓުބޯޅައިގެ ރަސްގެފާނު ކަމަށް ގިނަ ބަޔަކު ދެކެ އެވެ. އެއީ ފަސް ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށް އެމުބާރާތް އެންމެ ގިނަ ފަހަރަށް ކާމިޔާބު ކުރި ޓީމަށްވެސް ވާތީ އެވެ.
އެމެރިކާގެ އޯލާންޑޯގައި މިދިޔަ ބުދަ ދުވަހު ކުޅުނު ބްރެޒިލް އާއި އެމެރިކާގެ އެކުވެރިކަމުގެ މެޗު ނިމުނީ 1–1 އަކުން އެއްވަރުވެގެންނެވެ. އެމެރިކާގެ ސަޕޯޓަރުން އަންނަނީ މިއީ އެމެރިކާއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ސިފަކުރަމުންނެވެ.
މި މެޗުން ބްރެޒިލް އެއްވަރުވުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑިކިޔުން އަންނަނީ އެ ޓީމަށް އަމާޒުވަމުންނެވެ.
ބްރެޒިލްގެ މީޑިއާ އިން އަންނަނީ ވަކިވަކި ކުޅުންތެރިންނަށް އަމާޒުކޮށްވެސް ފާޑު ކިޔަމުންނެވެ.
ކޯޕަ އެމެރިކާގައި ވާދަކުރާ ބްރެޒިލްގެ ޓީމުގައި މުހިއްމު ބައެއް ކުޅުންތެރިން ހިމެނިފައި ނުވާތި މީޑިއާއިން އެކަން ސިފަކުރީ ވާދަވެރި އާޖެންޓީނާއަށް [ހިލޭ] ތަށި ދިނުން ކަހަލަ ކަމެއް ކަމަށެވެ.
އެމެރިކާއިން އެންމެ ފަހުން ކުޅުނު އެކުވެރިކަމުގެ މެތުގައި އެޓީމުން ވަނީ 5–1 އިން ކޮލަމްބިޔާ އަތުން ތަފާތު ބޮޑުކޮށް ބަލިވެފަ އެވެ. އެހެންނަމަވެސް އެޓީމުން ފުޓުބޯޅައިގެ [ރަސްގެފާނު] އަތުން ބަލިނުވެ މިވަނީ ހިފަހައްޓާފަ އެވެ.
ކޯޕާ އެމެރިކާ މުބާރާތް މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާނީ އެމެރިކާގައެވެ. މުބާރާތުގައި ބްރެޒިލްގެ ފުރަތަމަ މެޗު އޮތީ މިމަހުގެ 23 ވަނަ ދުވަހު ކޯސްޓާރިކާއާއި އެއްކޮށެވެ.
ބްރެޒިލް އަކީ ވަރަށް ގިނަ އަދަދެއްގެ ދިވެހިންގެ ލޯބިވެސް ހޯދާފައިވާ ޓީމެކެވެ. އަބަދުވެސް ބްރެޒިލްގެ މެޗުތަކަށް ގިނަ ދިވެހި ފުޓުބޯޅައިގެ ސަޕޯޓަރުންގެ ޝައުގުވެރިކަން ހުރެ އެވެ. އެހެންކަމުން ދަންވަރު ހޭލާ ތިބެގެންވެސް މި މުބާރާތް ގިނަ ބަޔަކު ބަލާނެ ކަމަށް ބެލެވެ އެވެ. އާންމު ގޮތެއްގައި ކޯޕާ އެމެރިކާ މުބާރާތް ރާއްޖެއަށް ފެންނަނީ ރޭގަނޑުގެ އެންމެ ދަން ގަޑިތަކުގައެވެ.