ޕެރޫ ބަލިކޮށް ބްރެޒިލް ކޮޕާ އެމެރިކާ 2021 އިގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފި އެވެ.
ބްރެޒިލްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ފަތިހު ކުޅުނު ސެމީ ފައިނަލުން ބްރެޒިލް މޮޅުވީ 1-0 ގެ ނަތީޖާ އަކުންނެވެ. މި ނަތީޖާ އާއެކު ޕެރޫއަށް މުބާރާތް ނިމުނު އިރު ބްރެޒިލް ވަނީ ފައިނަލަށް ދަތުރު ކޮށްފަ އެވެ.
މި މެޗުގައި ބްރެޒިލްގެ ފަރާތުން އެހެން މެޗުތަކާއި ތަފާތު ކަމެއް ފެނުނެވެ. ކޮޕަ އެމެރިކާ 2021 ގައި ބްރެޒިލްގެ ކުޅުން ރަނގަޅަށް ފެންނަނީ ދެވަނަ ހާފުގަ އެވެ. ފުރަތަމަ ހާފުގައި ގޭމުގެ ތެރެއަށް އެންމެ ރަނގަޅަށް ނުވަދެވުނު ނަމަވެސް ދެވަނަ ހާފު އެމީހުން ފެންނަނީ ތަފާތު މޮޅު ކުޅުމެއްގަ އެވެ. ނަމަވެސް ރޭގެ މެޗުގައި އެމީހުން ވަނީ ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. ދެވަނަ ހާފުގައި ބޮޑަށް ނުރައްކާ ކުރީ ޕެރޫ އިންނެވެ.
ފުރަތަމަ ހާފުގައި ގޯލު ޖެހުމަށް ބްރެޒިލްއިން ރަނގަޅު ފުރުސަތު ތަކެއް ތަނަވަސް ކުރި އެވެ. އެގޮތުން ޕަކޭޓާ ތިިރިތިރިން ނަގައިދިން ބޯޅާއެއް ކުޑަ އޭރިއާ ކައިރީގައި ހުރެފައި ނޭމާ ފޮނުވާލި ނަމަވެސް ކީޕަރު އަތުން ޖަހާ ބޭރު ކޮށްލުމުން އަނެއްކާ ރިޗާލްސަން އެބޯޅަ ގޯލަށް ފޮނުވާލި އެވެ. ނަމަވެސް އެބޯޅަވެސް ކީޕަރު ވަނީ މަތަކޮށްފަ އެވެ.
ފުލުފުލުގައި ގިނަ ހަމަލަތަކެއް އުފައްދައި ބްރެޒިލް އިން ވަނީ ޕެރޫ ގޯލަށް ނުރައްކާ ކޮށްފަ އެވެ. ނަތީޖާ އަކަށްވީ ހަމަލާތަކަށް ކެތް ނުކުރެވި ޕެރޫގެ ގޯލު ފޫއެޅުމެވެ.
ބްރެޒިލް އަށް ލީޑު ނަގައިދިނީ މެޗުގެ 35 ވަނަ މިނެޓުގައި ލުކަސް ޕަކޭޓާ އެވެ. މި ގޯލަކީ ތިން ކުޅުނތެރިން ކައިރިން ނައްޓާލުމަށްފަހު ނޭމާދިން ކަަޓް ޕާހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޕަކޭޓާ ކާމިޔާބު ކުރި ގޯލެކެވެ. މިއީ މި މުބާރާތުގައި ޕަކޭޓާ ޖެހި ދެވަނަ ލަނޑެވެ. މިއާއި އެކު އޭނާ ވަނީ މުބާރާތުގެ ދެވަނައަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓަށް އަރާފަ އެވެ. މުބާރާތުގައި ހަތަރު ގޯލާއި އެކު މިހާތަނަށް އެންމެ ގިނަ ގޯލު ޖަހާފައި ވަނީ އާޖެންޓީނާގެ މެސީ އެވެ.
ދެވަނަ ހާފުގައި ނަތީޖާ ހަމަ ކުރަން ޕެރޫއަށް ގިނަ ފުރުސަތު ތަކެއް ލިބުނެވެ. ނަމަވެސް އޭގެ ބޭނުން އެމީހުންނަށް ހިފޭ ގޮތެއް ނުވި އެވެ. އެގޮތުން ލަޕަޑުލާ ފޮނުވާލި ބާރު ބޯޅަ ބްރެޒިލްގެ ކީޕަރު މަތަކުރި އިރު، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުން ގާސިއާ ފޮނުވާލި ހަމަލާ ގޯލާއި އަމާޒު ނުވި އެވެ.
މި ނަތީޖާ އާއި އެކު ބްރެޒިލް ފައިނަލަށް ދަތުރު ކޮށްފައި ވާއިރު ފައިނަލުގައި ބްރެޒިލް އާއި ވާދަ ކުރާނެ ޓީމެއް އެނގޭނީ މާދަމާ ފަތިހު އާޖެންޓީނާ އާއި ކޮލަމްބިއާ ބައްދަލު ކުރާ މެޗުންނެވެ. އެ މެޗުގައި މޮޅުވާ ޓީމެއް ފައިނަލުގައި ބްރެޒިލް އާއި ވާދަ ކުރާނެއިރު ބަލިވާ ޓީމެއް ޕެރޫ އާއި ވާދަ ކުރާނީ ތިންވަނަ ހޮވާ މެޗުގަ އެވެ.