އެއްވެސް މެޗަކުން ބަލި ނުވެ ކޮޕާ އެމެރިކާގައި ބްރެޒިލްގެ މިސްރާބު ހުރީ ބާރަށް ކުރިއަށެވެ.
ބްރެޒިލްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ޗިލީއާއި ބައްދަލުކޮށް ރޭ ފަތިހު ކުޅުނު ކުއާޓާ ފައިނަލުން ބްރެޒިލް މޮޅުވީ 1-0 އްގެ ނަތީޖާ އަކުންނެވެ. މި މެޗުން ބްރެޒިލް މޮޅުވި ނަމަވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ޗިލީ ޓީމުންނެވެ. ބްރެޒިލް އިން ކުޅުނީ އެމީހުންގެ އާންމު އުސޫލުން ގިނައިރު ބޯޅަ ހިފެހެއްޓުމުގެ ބަދަލުގައި، އަވަސް ކުޅުމެއް ކުޅެ އިދިކޮޅު ގޯލަށް ނުރައްކާ ކުރުމަށެވެ.
ފުރަތަމަ ޙާފު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި 0-0 އިން އެއްވަރު ވެގެންނެވެ. ދެޓީމަށް ވެސް ގޯލު ޖަހަން ރަނގަޅު ފުރުސަތު ތަކެއް ލިބުނު ނަމަވެސް އޭގެ ބޭނުން ހިފިފައެއް ނުވެ އެވެ. އެގޮތުން ނޭމާ ނަގައިދިން ހުރަސް ރޮބާޓޯ ފިރިމީނިއޯގެ ފަޔަށް ރަނގަޅަށް ނާރާ ދިޔައިރު، އޭރިއާ ބޭރުން ޑެނީލޯ ފޮނުވާލި ބާރު ހަމަލާ ދިޔައީ ޗިލީ ގޯލުގެ މަތީ ދަނޑި ކައިރިން ބޭރަށެވެ. އަދި ކައުންޓާ އެޓޭކުގައި ވަރަށް ހުސްކޮށް އަރާ ޗިލީގެ އެކުއާޑޯ ވާގަސް ގޯލުގެ ތިރީ ކަނަށް ފޮނުވާލި ބޯޅަ ބްރެޒިލްގެ ކީޕަރު އެޑާސަން މޮރާއިސް ވަނީ ދިފާއު ކޮށްފަ އެވެ. މި މެޗުގައި އެޑާސަންގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފަ އެވެ.
މެޗުގެ ދެވަނަ ހާފު ފެށި ދެވަނަ މިނެޓުގައި ބްރެޒިލްއަށް ލީޑު ހޯދައި ދިނީ ލުކަސް ޕަކޭޓާ އެވެ. މި ގޯލަކީ ފައިގެ ބޭރު ފަރާތުން ނޭމާ ޖައްސާލި ޕާހެއް ކީޕަރާއި ވަރަށް ކައިރީގައި ހުރެފައި ނުހަނު ބާރަށް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ލުކަސް ކާމިޔާބު ކުރި ގޯލެކެވެ.
އޭގެ ދެމިނެޓު ފަހުން ޗިލީގެ ޔުގީނިއޯ މެނާއަށް ގެބްރިއަލް ޖީސަސް ކުރި ނުރައްކާތެރި ފައުލާއި އެކު އޭނާއަށް ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. މަތިމަތިން އައި ބޯޅައެއް މެނާ ބޮލުން ޖަހަން އުޅެނިކޮށް ޖީސަސް ވަނީ ފުންމައިގެން އަރާ މެނާގެ ކޮނޑުގައި ފައިން ޖަހާފަ އެވެ.
އޭގެ ފަހުން ނަތީޖާ ހަމަ ކުރުމަށް ޗިލީގެ އެރިކް އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް ޕެނަލްޓީ އޭރިއާ ކައިރިން އޭނާ ފޮނުވާލި ހިލޭ ޖެހުން ދިޔައީ ގޯލާއި އަމާޒު ނުވެ މާ މަތިންނެވެ. އޭގެ ފަހުން މަތިން ހުރަސް ވެގެން އައި ބޯޅައެއް ޗިލީގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުން ބެން ބޮލުން ޖަހާ ގޯލަށް ފޮނުވާލި ނަމަވެސް ބްރެޒިލްގެ ކީޕަރު އެޑާސަން ވަނީ ހުށިޔާރު ކަމާއި އެކު ދިފާއު ކޮށްފަ އެވެ.
ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުން މޮޅުވެ ބްރެޒިލް ވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފަ އެވެ.
މުބާރާތުގައި ރޭ ކުޅުނު އަނެއް ކުއާޓާ ފައިނަލުން ޕެރޫ މޮޅުވީ 3-3 އިން ޕެރެގުއޭ އާއި އެއްވަރުވެ ޕެނަލްޓީ ޖަހައިގެންނެވެ. ފޯރިގަދަ މި މެޗުގައި ފުރަތަމަ ގޯލު ޖަހައި ކުރި ހޯދީ ޕެރެގުއޭގެ ގުސްޓާވޯ ގޮމެޒް އެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން އޭނާ އަތުން ބައިކޮޅަށް ވަން ގޯލާއި އެކު ޕެރޫ ވަނީ ނަތީޖާ ހަމަ ކޮށްފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ގުސްޓާވޯ ކުރި ފައުލަކާއި ގުޅިގެން އޭނާ އަށް ވަނި ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.
ޕެރޫއިން ކުޅުން ރަނގަޅުކޮށް ދެވަނަ ހާފު ނިމެން ދިޔައީ 3-2 ކުން ޕެރޫ މޮޅުކޮށެވެ. ނަމަވެސް މެޗުގެ 90 ވަނަ މިނެޓުގައި ގެބްރިއެލް އަވަލޮސް ވަނީ ގޯލެއް ޖަހައި ޕެރެގުއޭ އަށް ނަތީޖާ ހަމަ ކޮށްދީފަ އެވެ. އިތުރު ވަގުތުގެ ދެހާފުގައި ނަތީޖާ ނުނެރެވުމުން ޕެރޫ މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ. މި ނަތީޖާ އާއި އެކު ޕެރޫ ސެމީ ފައިނަލުން ޖާގަ ހޯދިއިރު ޕެރެގުއާއީ ވަނީ މުބާރާތާއި އަލްވަދާއު ކިޔަން ޖެހިފަ އެެވެ.