ކުޅިވަރު

ބްރެޒިލް ބަލިކޮށް އެމެރިކާގެ އަންހެން ފުޓްބޯޅަ ޓީމުން ރަން މެޑަލް ހޯދައިފި

ޕެރިސް އޮލިމްޕިކްސްގެ އަންހެނުންގެ ފުޓުބޯޅައިގެ ފައިނަލްގައި ބްރެޒިލް ބަލިކޮށް އެމެރިކާއިން އިވެންޓްގެ ރަން މެޑަލް ހޯދައިފި އެވެ.

ރޭ ކުޅުނު ފައިނަލް މެޗު އެމެރިކާއިން ކާމިޔާބުކުރީ 1-0 އިންނެވެ. މެޗުގެ 57 ވަނަ މިނެޓުގައި އެމެރިކާގެ ހަމައެކަނި ލަނޑު ޖަހައިދިނީ މެލަރީ ސްވޮންސަން އެވެ.

މިއީ އެމެރިކާއިން އަންހެނުންގެ ފުޓުބޯޅައިގެ ރަން މެޑަލް ހޯދި ފަސްވަނަ ފަހަރެވެ. މީގެކުރިން އެ ގައުމުން މި އިވެންޓްގެ ރަން މެޑަލް ހޯދާފައިވަނީ 1996، 2004، 2008 އަދި 2012 ވަނަ އަހަރު އެވެ.

އޮލިމްޕިކްސްގައި ބްރެޒިލްގެ އަންހެން ފުޓުބޯޅަ ޓީމުން ވަނީ މީގެކުރިން ދެ ފަހަރެއްގެ މަތިން ރިހި މެޑަލް ހޯދފަ އެވެ. އެ ދެ ފަހަރުވެސް ފައިނަލްގައި އެ ގައުމު ބަލިވީ އެމެރިކާ އަތުންނެވެ.

މި އަހަރުގެ ގޭމްސްގެ ލޯ މެޑަލް ހޯދީ ޖަރުމަނެވެ. އެ ގައުމުން މެޑަލް ހޯދީ 1-0 އިން ސްޕެއިންގެ މައްޗަށް ކުރި ހޯދައިގެންނެވެ.