ކުޅިވަރު

ޕޮޗެޓީނޯ އެމެރިކާގެ ފުޓުބޯޅަ ޓީމާ ހަވާލުވެއްޖެ

ޗެލްސީގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ، އެމެރިކާގެ ފިރިހެން ގައުމީ ޓީމުގެ ކޯޗަކަމާ ހަވާލުވާން ނިންމައިފި އެވެ.

ޕޮޗެޓީނޯއާ އެމެރިކާގެ ގައުމީ ކޯޗުކަން ހަވާލުކުރަން ނިންމީ، ގްރެގް ބާހޯލްޓާ އެ ގައުމުގެ ކޯޗުކަމުން ވަކިކުރުމާ ގުޅިގެންނެވެ.

އޭނާ މަގާމުން ވަކިކުރީ މި އަހަރު ކޮޕާ އެމެރިކާގައި އަމިއްލަ ގައުމުގައި އެ ޓީމުން ދެއްކި ދަށް ކުޅުމުގެ ސަބަބުންނެވެ.

އެމެރިކާ ޓީމުގެ ސްޕޯޓިން ޑިރެކްޓަރު، މެޓް ކްރޮކާއާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ޕޮޗެޓީނޯ މިހާރު ވަނީ އެމެރިކާގެ ކޯޗުކަމާ ހަވާލުވާން އެއްބަސްވެފަ އެވެ. އަދި ކުރިއަށް އޮތް ވޯލްޑް ކަޕްގެ ނިޔަލަށް އޭނާ އެ މަގާމުގައި ހުންނާނެ ކަމަށް އެމެރިކާ މީޑިއާތަކުން ބުނެ އެވެ.

ޕޮޗެޓީނޯ އެންމެ ފަހުން ހުރީ ޗެލްސީގެ ކޯޗަކަށެވެ. އެ ކްލަބާއެކު މިދިޔަ ސީޒަން ހޭދަކުރުމަށްފަހު ކްލަބާ ވަކިވި ފަހުން އޭނާ އަދި ހުރީ އެހެން ޓީމަކާ ހަވާލުނުވެ އެވެ.

ފްރާންސްގެ ޕީއެސްޖީގެ ކޯޗު ކަމުގައި ހުރެ ޕޮޗެޓީނޯ ވަނީ އެ ކްލަބަށް ތިން ތަށި ހޯދައިދީފަ އެވެ. އެއީ 2020/21ގެ ފްރެންޗް ސުޕަ ކަޕާއި ހަމަ އެއަހަރު ފްރެންޗް ކަޕްގެ އިތުރުން 2021/22ގެ ލީގު ވަން އެވެ.

އާޖެންޓީނާއަށް އުފަން ޕޮޗެޓީނޯގެ ކޯޗިން ކެރިއަރު ފެށިގެން ދިޔައީ ސްޕެއިންގެ އެސްޕަންޔޯލް އިންނެވެ. އެއީ 2009 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. އޭގެ ފަހުން 2013 ގައި ސައުތުހެމްޕްޓަންއަށް ކޯޗުކަން ކޮށްދިނުމަށްފަހު 2014 ގައި އޭނާ ބަދަލުވީ ޓޮޓެންހަމް އަށެވެ.

އުމުރުން 52 އަހަރުގެ ޕޮޗެޓީނޯގެ ކޯޗު ކަމުގެ ދަށުން ކުޅެވޭ ފުރަތަމަ ރަހުމަތްތެރިކަމުގެ މެޗު އެމެރިކާގެ ފިރިހެން ޓީމު ކުޅޭނީ ފެށޭ މަހުގެ ހަތްވަނަ ދުވަހު އެވެ. ކަނަސް ސިޓީގައި ކުޅޭ މި މެޗުގައި އެ ޓީމު ބައްދަލުކުރާނީ ކެނަޑާ އެވެ. އަދި ހަމަ އެމަހު 10 ގައި ނިއުޒިލެންޑާއެކު ވެސް ރަހުމަތްތެރިކަމުގެ މެޗެއް ކުޅެން ހަމަޖެހިފައިވެ އެވެ.