ޖަޕާންގެ ފުކޮއޮކާގައި މިވަގުތު ކުރިއަށް ދާ ވޯލްޑް އެކުއަޓިކް ޗެމްޕިއަންޝިޕްގައި ފެތުމުގެ 800 މީޓަރު ރޭހުން އެމެރިކާގެ މަޝްހޫރު ފެތުންތެރިޔާ ކޭޓީ ލެޑެކީ ހޯދި ކާމިޔާބާއެކު ދުނިޔޭގެ ފެތުމުގެ ރަސްގެފާނު -- މައިކަލް ފެލްޕްސް އަށްވުރެވެސް ކުރިއަށް ޖެހިލައިފި އެވެ.
އެމެރިކާގެ ފެތުންތެރިޔާ މައިކަލް ފެލްޕްސް ދުނިޔޭގެ ޗެމްޕިއަން ކަން ހޯދި ރޭސްތަކަށްވުރެ ގިނައިން ކޭޓީ ކުރިއަށް މިޖެހިލީ ފެތުމުގެ ދުނިޔޭގެ އެއްވަނަ 16 ރޭހަކުން ކާމިޔާބުކޮށް ރަން މެޑަލް ހޯދައިގެންނެވެ.
ކޭޓީ މި ހޯދި ކާމިޔާބާ އެކު އޭނާ ވެގެންގޮސްފައިވަނީ ޖައްސަޖައްސައިގެން ދުނިޔޭގެ ޗެމްޕިއަންކަން ހަ ފަހަރަށް ފެތުމުގެ މި ރޭހުގައި ހޯދި ފުރަތަމަ ފެތުންތެރިޔާ އަށެވެ.
އެމެރިކާގެ 26 އަހަރުގެ ފެތުންތެރިޔާ ފްރީސްޓައިލް 800 މީޓަރުގެ މި ރޭސް ކާމިޔާބުކޮށް ދުނިޔޭގެ ޗެމްޕިއަންކަން 16 ވަނަ ފަހަރަށް ހޯދާފައިވަނީ އެންމެ 8:08.87ގެ ވަގުތުކޮޅެއްގެ ތެރޭގަ އެވެ. އެއީ ރޭހުން ދެވަނައަށް ދިޔަ ޗައިނާގެ ލީ ބިންޖީ އަށް ވުރެ 4.44 ސިކުންތު އަވަސް ވަގުތެކެވެ.
"ވަރަށް ޚާއްސަ ކާމިޔާބެއް މިއީ. އަހަންނަށް ނުވެސް އެނގޭ މީހުން އައިސް ބުނަން ފެށުމުގެ ކުރިން އަހަންނަށް މި ކާމިޔާބު ހާސިލްކުރެވިއްޖެކަން. ވަރަށް އުފާވޭ،" ރޭސް ކާމިޔާބް ކުރުމަށްފަހު، ދުނިޔޭގެ އޮލިމްޕިކްސްގައި ހަތް ރަން މެޑަލް ހޯދާފައިވާ ފެތުންތެރިޔާ ބުނެފައިވެ އެވެ.
"ވަރަށް އުފާވެފައި މިހިރީ ފެތުނު ގޮތާއި ދޭތެރެ. މިއަށްވުރެވެސް ރަނގަޅަށް ފަތަން އުޅުނީ. މިވެސް ރަނގަޅު. ވަރަށް އުފާވޭ ހަފްތާ ނިމިގެންދިޔަ ގޮތުން،" ކޭޓީ ބުނެފައިވެ އެވެ.
ކޭޓީ ވަނީ 1،500 މީޓަރު ފްރީސްޓައިލް ރޭސް ވެސް މިދިޔަ އަންގާރަ ދުވަހު ކާމިޔާބުކޮށް ދުނިޔޭގެ އެއްވަނަ މި ރޭހުގައި 5 ފަހަރަށް ހޯދައި ފެތުމުގެ ރަސްގެފާނު އެމެރިކާގެ މައިކަލް ފެލްޕްސް ދުނިޔޭގެ އެއްވަނަ ހޯދާފައިވާ އަދަދާއި އެއްވަރުވެސް ކޮށްފަ އެވެ.