ޓޯކިއޯ އޮލިމްޕިކްސް 2020

އަންހެން ބާސްކެޓްގެ ޗެމްޕިއަންކަން އެމެރިކާއަށް

ޓޯކިޔޯ އޮލިމްޕިކްސް 2020، ބާސްކެޓް ބޯޅަ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން އެމެރިކާއިން ކާމިޔާބު ކޮށްފި އެވެ.

އާދީއްތަ ދުވަހު ކުޅުނު ފައިނަލް މެޗު އެމެރިކާއިން ކާމިޔާބު ކުރީ މުބާރާތް ބާއްވާ ޖަޕާނާއި ވާދަކޮށް 90-75 އިންނެވެ.

މިއީ އެމެރިކާގެ އަންހެން ބާސްކެޓް ޓީމު އޮލިމްޕިކްސްގެ ރަން މެޑަލް ޖެހިޖެހިގެން ކާމިޔާބު ކުރި ހަތްވަނަ ފަހަރެވެ. 1996 ވަނަ އަހަރުގެ ފަހުން އޮލިމްޕިކްސް ބާސްކެޓްގެ ހުރިހާ މުބާރާތެއް ކާމިޔާބު ކޮށްފައި ވަނީ އެމެރިކާއިންނެވެ. އެންމެ ފަހުން ކުޅުނު 10 އޮލިމްޕިކްސްގެ ތެރެއިން ނުވަ އޮލިމްޕިކްސް އެމެރިކާގެ އަންހެން ޓީމުން ވަނީ ކާމިޔާބު ކޮށްފަ އެވެ.

ފައިނަލުގެ މޮޅާއި އެކު އެމެރިކާއިން ވަނީ ބަލި ނުވެ ޖެހިޖެހިގެން 55 މެޗުން މޮޅުވެފަ އެވެ.

ފޯރިގަދަ ފައިނަލް މެޗުގެ ކުރީ ކޮޅުގައި ޖަޕާނުން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް އެމެރިކާއިން ވަނީ ކުޅުން ރަނގަޅުކޮށް ފަހަތުން އަރާ މޮޅުވެފަ އެވެ.

ކުޅުންތެރިންގެ ބިޔަ އިސްކޮޅުގެ ބޭނުން އެޓޭކް ކުރުމުގެ އިތުރުން ޑިފެންސް ކުރުމުގައި އެމެރިކާގެ ޓީމުން ވަރަށް ރަނގަޅަށް ހިފި އެވެ.

އެމެރިކާ ޓީމުގެ ވެޓެރެންސް ދެ ކުޅުންތެރިން ކަމަށްވާ ޑަޔާނާ ޓައުރާސީ އާއި ސިއުބާޑް ވަނީ އޮލިމްޕިކްސްގެ ތާރީހުގައި ފުރަތަމަ ފަހަރަަށް ފަސް އޮލިމްޕިކް ރަން މެޑަލް ހޯދައި ރިކޯޑު ފޮތުން ޖާގަ ހޯދާފަ އެވެ. މި ދެކުޅުންތެރިން ރިކޯޑު ހެދިއިރު، މީގެ ކުރިން އަންހެން އަދި ފިރިހެން ބާސްކެޓް ކުޅުންތެރިއަކަށް އޮލިމްޕިކްސް ބާސްކެޓްގައި ފަސް މުބާރާތުން ފަސް ރަން މެޑަލް ހޯދިފައެއް ނުވެ އެވެ.