ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޓޯކިއޯ އޮލިމްޕިކްސް 2020

އޮލިމްޕިކްސް: ހަލައްކަ ޓެސްޓުން 151 ޕޮސިޓިވް

ނިމިގެންދިޔަ ޓޯކިއޯ އޮލިމްޕިކްސްގައި ހަލައްކަ އަށް ވުރެ ގިނަ ޓެސްޓު ހަދައިގެން ކޮވިޑް-19 އަށް ޕޮޒިޓިވްވީ އެންމެ 151 މީހުންނެވެ.

މުޅި ދުނިޔޭގައި ކޮވިޑްގެ ހާލަތު ގޯސްވުމުގެ ސަބަބުން މިދިޔަ އަހަރު ބާއްވަން ހަމަޖެހިފައިވާ އޮލިމްޕިކްސް މުބާރާތް ބާއްވާފައި ވަނީ މިއަހަރު އެވެ. ކޮވިޑްގެ ހާލަތު މުޅިން ހަމަޔަކަށް ނޭޅެނީސް މުބާރާތް ކުރިއަށް ގެންދިއުމާ ގުޅިގެން ޖަޕާނުގައި ވަނީ އެކަމާ ދެކޮޅަށް މުޒާހަރާ ވެސް ކޮށްފަ އެވެ.

މިފަހަރުގެ އޮލިމްޕިކްސް ތެރޭގައި ޖަޕާނުން ވަނީ އޮލިމްޕިކްސްގައި ބައިވެރިވި ޓީމުތަކުގެ މެމްބަރުންގެ 651،296 ކޮވިޑް ސާމްޕަލް ނަގާފަ އެވެ. އޭގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވީ 151 މީހުންނެވެ. މިއީ ޓެސްޓު ކުރި އަދަދުގެ 0.02 ޕަސެންޓެވެ.

މީގެ އިތުރުން އެއާޕޯޓުގައި އޮލިމްޕިކްސް މެމްބަރުންގެ 42،711 ސާމްޕަލް ނަގާފައި ވާއިރު އޭގެތެރެއިން ޕޮޒިޓިވްވީ 37 މީހުންނެވެ. މިއީ ޓެސްޓް ކުރި އަދަދުގެ 0.09 ޕަސެންޓެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިފަހަރުގެ މުބާރާތް ބަލަން މީހުން ވަނުން މަނާ ކޮށްފައި ވުމުން ޖަޕާނުގެ 115 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ޓީވީއިން މުބާރާތް ބަލާފަ އެވެ. އެއީ ޖަޕާނުގެ އާބާދީގެ 91 ޕަސެންޓް މީހުންނެވެ.

މުބާރާތް ނިމުނު އިރު އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ އާއި ޓޯކިއޯ 2020 އަށް ވަނީ ސޯޝަލް މީޑިއާގައި 4.7 ބިލިއަން އިންޓަރެކްޝަން ލިބިފަ އެވެ.

ޓޯކިއޯ އޮލިމްޕިކްސްގައި 93 ގައުމު މެޑަލް ކާމިޔާބު ކޮށްފައި ވާއިރު، އެންމެ ގިނަ މެޑަލް ކާމިޔާބު ކުރީ އެމެރިކާ އިންނެވެ. އެމެރިކާއިން ވަނީ 113 މެޑަލް މި މުބާރާތުގައި ކާމިޔާބު ކޮށްފަ އެވެ.