ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގެ ގޮތުގައި ޖަޕާންގެ ޓޯކިޔޯ ގައި ކުރިއަށް ދިޔަ އޮލިމްޕިކްސް ރޭ ނިންމާލައިފި އެވެ.
މި މުބާރާތުގައި އެންމެ ގިނަ މެޑަލް ކާމިޔާބު ކުރީ އެމެރިކާއިންނެވެ. އެގޮތުން 39 ރަން މެޑަލް، 41 ރިހި މެޑަލްގެ އިތުރުން 33 ލޯ މެޑަލްއާއި އެކު ޖުމްލަ 113 މެޑަލް އެމެރިކާ ކާމިޔާބު ކޮށްފައިވެ އެވެ. ދެވަނައިގައި 88 މެޑަލްއާއި އެކު އޮތީ ޗައިނާ އެވެ. މި ލިސްޓުން މުބާރާތް ބޭއްވި ޖަޕާނަށް ތިންވަނަ ލިބުނީ 58 މެޑަލް ހޯދައިގެންނެވެ.
ފިރިހެން އަދި އަންހެން ޑިވިޝަނުގެ އެންމެ ގިނަ މެޑަލް ވެސް ކާމިޔާބު ކުރީ އެމެރިކާ އިންނެވެ. އެމެރިކާގެ އަންހެން ޑިވިޝަނުން 66 މެޑަލް ކާމިޔާބު ކުރިއިރު، ފިރިހެން ޑިވިޝަނުން ކާމިޔާބު ކޮށްފައި ވަނީ 41 މެޑަލް އެވެ.
ޓޯކިޔޯ އޮލިމްޕިކްސްގެ ރޭންކިން
- އެމެރިކާ - 39 ރަން މެޑަލް / 41 ރިހި މެޑަލް / 33 ލޯ މެޑަލް (ޖުމަލް 113)
- ޗައިނާ - 38 ރަން މެޑަލް / 32 ރިހި މެޑަލް / 18 ލޯ މެޑަލް (ޖުމަލް 88)
- ޖަޕާން - 27 ރަން މެޑަލް / 14 ރިހި މެޑަލް / 17 ލޯ މެޑަލް (ޖުމަލް 58)
- އިނގިރޭސި ވިލާތް - 22 ރަން މެޑަލް / 21 ރިހި މެޑަލް / 22 ލޯ މެޑަލް (ޖުމަލް 65)
- ރަޝިޔާ - 20 ރަން މެޑަލް / 28 ރިހި މެޑަލް / 23 ލޯ މެޑަލް (ޖުމަލް 71)
- އޮސްޓްރޭލިއާ - 17 ރަން މެޑަލް / 7 ރިހި މެޑަލް / 22 ލޯ މެޑަލް (ޖުމަލް 46)
- ނެދަލެންޑްސް - 10 ރަން މެޑަލް / 12 ރިހި މެޑަލް / 14 ލޯ މެޑަލް (ޖުމަލް 36)
- ފްރާންސް - 10 ރަން މެޑަލް / 12 ރިހި މެޑަލް / 11 ލޯ މެޑަލް (ޖުމަލް 33)
- ޖަރުމަނު - 10 ރަން މެޑަލް / 11 ރިހި މެޑަލް / 16 ލޯ މެޑަލް (ޖުމަލް 36)
- އިޓަލީ - 10 ރަން މެޑަލް / 10 ރިހި މެޑަލް / 20 ލޯ މެޑަލް (ޖުމަލް 40)
ގައުމުތައް ރޭންކް ކުރުމުގައި އެންމެ އިސްކަމެއް ދެނީ ރަން މެޑަލް އަށެވެ. އެގޮތުން ކޮންމެ ރަން މެޑަލް އަކަށް ފަސް ޕޮއިންޓް، ރިހި މެޑަލް އަކަށް ތިން ޕޮއިންޓް އަދި ލޯ މެޑަލް އަކަށް ލިބޭނީ އެއް ޕޮއިންޓެވެ. ޖަޕާނަށް ވުރެ ގިނަ މެޑަލް ރަޝިޔާ އަށް ލިބިފައިވީ ނަމަވެސް ރަޝިޔާ އަށް މެޑަލް ލިސްޓުގެ ފަސްވަނަ ލިބެނީ ޖަޕާނަށް ވުރެ ރަޝިޔާ އަށް ލިބުނު ރަން މެޑަލްގެ އަދަދު ދަށްވުމުންނެވެ.
މިދިޔަ ޖުލައި މަހުގެ 23 ވަނަ ދުވަހު ފެށި މިމުބާރާތުގައި ޖުމްލަ 205 ގައުމަކުން 11،090 އެތުލީޓަކު ބައިވެރިވި އެވެ. އަދި 33 ކުޅިވަރެއްގެ 339 އިވެންޓެއް ވަނީ ބައްވާފަ އެވެ.
މިފަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭގެ ހަތަރު އެތުލީޓަކު ބައިވެރިވި އެވެ. އެއީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާއި، ދެ ފެތުންތެރިން ކަމަށްވާ މުބާލް އައްޒާމް އިބްރާހީމް އާއި އައިޝަތު ސާޖިނާގެ އިތުރުން ބެންޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަބްދުއްރައްޒާގް އެވެ.
މެޑަލްއެއް ކާމިޔާބު ނުކުރެވި މުބާރާތް ނިންމާލަން ޖެހުނު ނަމަވެސް ދިވެހި އެތުލީޓުންނަށް ވަނީ ރަނގަޅު ތަޖުރިބާ ތަކެއް ލިބިފަ އެވެ.