މިހާރު ކުރިއަށްދާ ޓޮކިޔޯ އޮލިމްޕިކްސް 2020، ބާސްކެޓް ބޯޅައިގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން އެމެރިކާއިން ކާމިޔާބު ކޮށްފި އެވެ.
ފްރާންސާއި ބައްދަލުކުރި ފޯރިގަދަ ފައިންލް މެޗު އެމެރިކާއިން ކާމިޔާބު ކުރީ 87-82 އިންނެވެ. މިއީ އެމެރިކާގެ ފިރިހެން ބާސްކެޓް ޓީމު އޮލިމްޕިކްސްގެ ބާސްކެޓް ބޯޅަ މުބާރާތް ޖެހިޖެހިގެން ކާމިޔާބު ކުރި ހަތަރުވަނަ ފަހަރެވެ.
ފައިނަލު މެޗުގެ ފަހު ކުއާޓާގައި އެމެރިކާ ޓީމުގެ ކުޅުން ފެނުނީ ތަންކޮޅެއް ދަށް ކޮށެވެ. އެގޮތުން ފުރަތަމަ ކުއާޓާގައި އެމެރިކާއިން 22-18 އިން އެމެރިކާ ލީޑު ނަގާފައި ވާއިރު ދެވަނަ ކުއާޓާގައި 44-39 އިން އެމެރިކާ ވަނީ ލީޑު ދަމަހައްޓާފަ އެވެ. ތިންވަނަ ކުއާޓާގައި އެމެރިކާއަށް ހޯދުނީ 27 ޕޮއިންޓެވެ. ފްރާންސުން ކާމިޔާބު ކުރީ 24 ޕޮއިންޓެވެ.
ހަތަރުވަނަ ހާފަށް ދެޓީމުން ކުރިމަތިލީ 63-71ގެ ލީޑަކުން އެމެރިކާ ކުރީގައި އޮވެގެންނެވެ. ފަހު ކުއާޓާގައި އެމެރިކާއަށް 16 ޕޮއިންޓު ކާމިޔާބު ކުރެވުނު އިރު، ފްރާންސުން ވަނީ 19 ޕޮއިންޓު ހޯދާފަ އެވެ. ނަމަވެސް ފަހަތުން އަރައި މޮޅުވަން ފްރާންސް ޓީމުން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފަ އެވެ.
އެމެރިކާއިން މުބާރާތް ކާމިޔާބު ކުރިއިރު އެޓީމުގެ ކެވިން ޑުރަންޓްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފަ އެވެ. ކެވިން ވަނީ އެމެރިކާގެ 87 ޕޮއިންޓުގެ ތެރެއިން 29 ޕޮއިންޓް އެޓީމަށް ކާމިޔާބު ކޮށްދީފަ އެވެ.
މުބާރާތުގެ ބްރޯންޒް މެޑައްޔަށް ވާދަކުރާ މެޗު އޮންނާނީ ހޮނިހިރު ދުވަހުގެ ރޭގަ އެވެ. ތިންވަނަ ހޮވާ މެޗުގައި ބައްދަލުކުރާނީ އެމެރިކާ އަތުން ސެމީ ފައިނަލުގައި ބަލިވި އޮސްޓްރޭލިއާ އާއި ފްރާންސާއި އެކު ސެމީ ފައިނަލުގައި ވާދަ ކުރި ސްލޮވޭނިއާ އެވެ.