ފްރާންސްގެ ފުޓްބޯޅަ މަޖައްލާއިން ދޭ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު، މެންޗެސްޓާ ސިޓީއަށް ކުޅެމުންދާ ސްޕެއިންގެ ރޮޑްރީއަށް ލިބިއްޖެ އެވެ.
މިއީ ފުޓުބޯޅައިގެ ޝަރަފުވެރި ބެލޮންޑިއޯ އެވޯޑް ދީފައިވާ 67 ވަނަ އަހަރެވެ.
އުމުރުން 28 އަހަރުގެ ރޮޑްރީ މި މަގާމަށް ހޮވުނު މިއީ ފުރަތަމަ ފަހަރަށެވެ. އޭނާއާ އެންމެ ގާތުން ވާދަކޮށްފައިވަނީ ރެއާލް މެޑްރިޑަށް ކުޅޭ ބްރެޒިލްގެ ވިނިޝިއަސް ޖޫނިއަ އެވެ. ތިންވަނައަށް ދިޔައީ ހަމަ ރެއާލް މެޑްރިޑްގެ ޖޫޑް ބެލިންގް ހަމެވެ.
މިދިޔަ ސީޒަނުގައި ރޮޑްރީ ވަނީ އެއް މެޗް ފިޔަވައި ހުރިހާ މެޗެއްގައި މެންޗެސްޓާ ސިޓީ އާއި ސްޕެއިންގެ ގައުމީ ޓީމަށް ކުޅެފަ އެވެ.
އޭނާގެ މުހިއްމު ދައުރާއެކު ސްޕެއިން ވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ. އަދި މެންޗެސްޓާ ސިޓީން ޕްރިމިއާ ލީގާއި، ޔޫއެފާ ޗެމްޕިއަންސް ލީގް، ޔޫއެފާ ސުޕާ ކަޕް އަދި ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައި ވެއެވެ.
ރޮޑްރީއަށް މި މަގާމު ލިބުމާއެކު މިއީ މެންޗެސްޓާ ސިޓީގެ ކުޅުންތެރިއަކަށް ބެލޮންޑިއޯ އެވޯޑް ލިބުނު ފުރަތަމަ ފަހަރަށްވެސް ވަނީ ވެފަ އެވެ. އަދި ތިންވަނައަށް ދިޔަ އިނގިރޭސިވިލާތުގެ ޖޫޑް ބެލިންގްހަމަކީ 2005 ވަނަ އަހަރު ޗެލްސީގެ ފްރޭންކް ލެމްޕާޑް ދެވަނައަށް ދިޔަފަހުން، އިނގިރޭސި ކުޅުންތެރިއަކު ގަދަ ތިނެއްގައި ހިމެނުނު ފުރަތަމަ ފަހަރެވެ.
މި އަހަރުގެ އެވޯޑް ވެފައިވަނީ 2003 ވަނަ އަހަރަށްފަހު އާޖެންޓީނާގެ ލިއޮނެލް މެސީ އާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ ނަން ނޮމިނޭޓް ނުވެ ދިޔަ ފުރަތަމަ ފަހަރަށެވެ.
އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިއަކަށް ސްޕެއިން އާއި ބާސެލޯނާގެ އައިޓާނާ ބޮންމަޓީ ހޮވިފައިވާއިރު އެންމެ މޮޅު ގޯލުކީޕަރަކަށް ހޮވިފައިވަނީ މިދިޔަ އަހަރުވެސް މި މަގާމު ހޯދި އެސްޓަންވިލާއަށް ކުޅެމުންދާ އާޖެންޓީނާގެ އެމިލިއާނޯ މާޓިނޭޓް އެވެ. އަދި އަހަރުގެ އެންމެ މޮޅު ޓީމަކަށް ސްޕެއިންގެ ރެއާލް މެޑްރިޑް ހޮވިފައިވާއިރު އެންމެ ގިނަ ލަނޑު ޖަހައިގެން ދޭ ރަން ބޫޓް ހޯދާފައިވަނީ އިނގިރޭސިވިލާތުގެ ހެރީ ކޭން އާއި ފްރާންސްގެ ކިލިއަން އެމްބާޕޭ އަށެވެ.