ކުޅިވަރު

ފޯރިގަދަ ކުޅުމަކަށްފަހު ރަން މެޑަލް ހޯދީ ސްޕެއިން

ޕެރިސް އޮލިމްޕިކްސްގެ ފިރިހެނުންގެ ފުޓުބޯޅައިގެ ފައިނަލްގައި ފްރާންސްގެ މައްޗަށް ކުރި ހޯދައި، ސްޕެއިން ރަން މެޑަލް ހޯދައިފި އެވެ.

މި އަހަރުގެ ޔޫރޯ ވެސް ކާމިޔާބުކުރި ސްޕެއިން އިން ރޭ ކުޅުނު އޮލިމްޕިކްސް ފައިނަލްގައި، ގޭމްސް ބާއްވާ ގައުމު ކަމަށްވާ ފްރާންސް ބަލިކުރީ 5-3 ނެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ފްރާންސުންނެވެ. ފުރަތަމަ ހާފުގެ 12 ވަނަ މިނެޓްގައި މި ލަނޑު ޖެހީ ފްރާންސްގެ މެދުތެރެއަށް ކުޅޭ އެންޒޯ މިލޮޓް އެވެ.

ނަމަވެސް އެ ލަނޑު ޖެހިތާ ހަ މިނެޓް ފަހުން، މެޗުގެ 18 ވަނަ މިނެޓުގައި ސްޕެއިންއަށް ނަތީޖާ ހަމަހަމަކޮށްދިނީ ފާމިން ލޮޕޭޒް އެވެ. އަދި 25 ވަނަ މިނެޓްގައި ފާމިން އިތުރު ގޯލެއް ކާމިޔާބުކޮށް ސްޕެއިން ލީޑު ނަގައިދިނެވެ. އޭގެ ތިން މިނެޓު ފަހުން ސްޕެއިންގެ އަލެކްސް ބައެނާ ވަނީ ހިލޭ ޖެހުމަކުން ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފަ އެވެ

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 79 ވަނަ މިނެޓުގައި ފްރާންސް އިން އަނެއްކާވެސް ލަނޑެއް ޖެހި އެވެ. މިއީ އެޓީމުގެ މެގްނަސް އަކްލިއޫޝް ޖަހައިދިން ލަނޑެކެވެ. އަދި މެޗުގެ 90 މިނެޓު ހަމަވެގެން ކުޅުވި އިތުރު ވަގުތުގެ ތެރޭގައި ފްރާންސަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، ނަތީޖާ އެއްވަރުކޮށްދިނީ ޕިލިޕް މަޓޭޓާ އެވެ.

މެޗުގެ އިތުރު ވަގުތުގެ ދެ ހާފުގައި ދެ ލަނޑު ޖަހައި ސްޕެއިން މޮޅުކޮށްދިނީ ސާޖިއޯ ކަމޭޔޯ އެވެ. އެގޮތުން އޭނާ ލަނޑުތައް ޖެހީ 100 ވަނަ މިނެޓާއި 121 ވަނަ މިނެޓުގަ އެވެ.

މި މޮޅާއެކު ސްޕެއިން އިން އޮލިމްޕިކްސް ފުޓުބޯޅައިގެ ރަން މެޑަލް ހޯދިއިރު، އެ ގައުމަކީ އެންމެ ފަހުގެ ފިރިހެނުންގެ ޔޫރޯ، އަންހެނުންގެ ވޯލްޑް ކަޕް، ދެ ޖިންސުގެ ނޭޝަންސް ލީގު އަދި ދެ ޖިންސުގެ 19 އަހަރުން ދަށުގެ ޔޫރޯގެ ވެސް ޗެމްޕިއަނުންނެވެ.