ފްރާންސްގެ އެންމެ ބޮޑު އެއް ފުޓުބޯޅަ ކްލަބް ޕީއެސްޖީ އިން ސްޕެއިންގެ އުއްމީދީ ކުޅުންތެރިޔާ ލަމީން ޔަމާލް ގަންނަން ބާސެލޯނާއަށް 268 މިލިއަން އެމެރިކާ ޑޮލަރު ހުށަހަޅައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕީއެސްޖީގެ އެންމެ މުހިއްމު ކުޅުންތެރިޔާ އެމްބާޕޭ އެކްލަބް ދޫކޮށް ރިއާލް މެޑްރިޑަށް ބަދަލުވެފައިވާތީ އެތަން ފޫބެއްދުމަށް ޕީއެސްޖީ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ބާސެލޯނާގެ ފޯވަޑް އުމުރުން އެންމެ 16 އަހަރުގެ ޔަމާލް ގަތުމަށްޓަކައި ޕީއެސްޖީ އިން ވަނީ ރެކޯޑް އަދަދެއްގެ ޓްރާންސްފަ ފީ އެއް ބާސެލޯނާއަށް ހުށަހަޅާފަ އެވެ.
މީގެ ކުރިން އެ ރެކޯޑު އޮންނަނީ ނޭމާ އަތުގަ އެވެ. އެއީ ވެސް ބާސާއިން އުފުރާލައިގެން ގެންދިޔަ ކުޅުންތެރިޔެކެވެ.
އުމުރުން އެންމެ 15 އަހަރުގައި ބާސެލޯނާއަށް ކުޅެން ފަށާފައިވާ ޔަމާލް މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުވާއަންނަނީ ތަފާތު ކުޅުމެއް ދައްކަމުން ނެވެ. މިފަހަރުގެ ޔޫރޯގައި މީޑިއާގެ ސަމާލުކަން އެންމެ ބޮޑަށް ލިބެމުންދާ އެއް ކުޅުންތެރިޔަކަށްވެސް ޔަމާލް ވާނެ އެވެ.
ޔޫރޯގައި ކުޅޭ އެންމެ ޒުވާން ކުޅުންތެރިޔާ ޔަމާލް އަކީ ސްޕެއިން ޓީމުގައިވެސް އެންމެ މުހިއްމު އެއް ތަނބެވެ.
ޕީއެސްޖީގެ ކޯޗު ލުއިސް އެންރިކޭ ކޮންމެ އަގެއް ދީގެން ނަމަވެސް ޔަމާލް އެކްލަބަށް ގެނައުމަށް ކްލަބުގެ ވެރިޔާ ނާސިރު އަލް ހަލީފާއަށް ޕްރެޝަރު ކުރަމުންދާ ކަމަށް ފްރާންސްގެ މީޑިއާތަކުގައި ފެންމަތިވެފައި ވެއެވެ.
ޕީއެސްޖީގެ މި ހުށަހެޅުން ބާސެލޯނާ އިން ބަލައިނުގަންނަ ކަމަށާއި ޔަމާލް އަކީ އެއްވެސް ހާލެއްގައި ވިއްކާނެ ކުޅުންތެރިޔެއް ނޫން ކަމަށް ބާސެލޯނާގެ ރައީސް ލަޕޯޓާ ބުނެފައިވާ ކަމަށް ސްޕެއިންގެ މަޝްހޫރު ނޫހެއް ކަމަށްވާ މުންޑޯ ޑިޕޯޓީވޯގައި ބުނެފައިވެ އެވެ.
މިވަގުތު މާލީގޮތުން ވަރަށް ދަށް ހާލަތެއްގައި އޮތް ބާސެލޯނާ އިން ޔަމާލް ނުވިއްކާނެ ކަމަށް ބުނި ނަމަވެސް މަޖުބޫރުވެގެން ޔަމާލް ވިއްކާލުމަކީވެސް ހަމަ އެކަށީގެންވާ ކަމެކެވެ. ޔަމާލް ފަދަ ކުޅުންތެރިއެއް ވިއްކައިފިނަމަ އެޓީމަށް އެ އަނދަވަޅުން އަރައިގަނެވޭނެ އެވެ.