ފުޓްބޯޅައިގެ ދުނިޔޭގައި މިހާތަނަށް ދުނިޔެ ދުށް އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނަލް މެސީގެ އާ ރެކޯޑެއް ޔޫރަޕިއަން ފުޓްބޯޅައިގައި އަނެއްކާވެސް ހާސިލްކޮށްފި އެވެ.
ފްރެންޗް ލީގު އެކެއްގައި ޕީއެސްޖީ އާއި ސްތްޚާސްބޫޒް ރޭ ކުޅުނު މެޗްގެ 59 ވަނަ މިނެޓްގައި އެމްބާޕޭގެ ޕާހަކުން މެސީ ވަނީ ގޯލް ޖަހާފަ އެވެ.
މެސީގެ މި ގޯލާއެކު ޔޫރަޕްގެ އެންމެ ބޮޑު ފަސް ލީގުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް މެސީ ވަނީ ވެގެންގޮސްފަ އެވެ. މީގެ ކުރިން މި ރިކޯޑް އޮތީ މެސީއާ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯ އަތުގަ އެވެ. ރޭ މެސީ ޖެހި ގޯލާއެކު އޭނާ ވަނީ ޔޫރަޕްގެ ލީގެއްގައި މިހާތަނަށް އެންމެ ގިނަ ގޯލް ޖަހުމުގެ ރެކޯޑް އަދަދު ކަމުގައިވާ 496 ގޯލް ޖަހާފަ އެވެ.
ރޭގެ މެޗްގައި ޕީއެސްޖީ ގޯލް ޖެހިތާ 20 މިނެޓް ފަހުން ސްތްޚާޒްބޫޒްގެ ކެވިން ގަމޭރޯ ވަނީ ލަނޑު ޖަހައި މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ނަމަވެސް ޕީއެސްޖީން ވަނީ މި ނަތީޖާގައި އޮވެ މެޗް ނިންމައި ފެރެންޗް ލީގް ޓައިޓްލް 11 ވަނަ ފަހަރަށް ހޯދައި ފްރާންސްގެ ރެކޯޑް ހަދާފަ އެވެ. މީގެ ކުރިން 10 ފަހަރު ލީގު ހޯދައިގެން އެންމެ ކުރީގައި އޮތީ ސަންތަތިއާން އެވެ.
ޕީއެސްޖީން ފްރެންޗް ލީގު 11 ވަނަ ފަހަރަށް ހޯދާފައި މިވަނީ އިތުރު ރެކޯޑަކާއެކު ޓޭބަލްގެ އެއްވަނަ ދަމަހައްޓަމުންނެވެ.
މެސީ އާއި ޕީއެސްޖީގެ މިކާމިޔާބު އެކުއެކީގައި އައި ނަމަވެސް މެސީއާއި ކްލަބާ ދެމެދު ވަނީ ނުކިއްސަރުކަމެއް މިފަހަކުން އުފެދިފަ އެވެ. އެއީ މެސީ ކްލަބްގެ ހުއްދަ ނެތި ސައުދީ އަރަބިއާ އަށް ކުރި ދަތުރަކާއި ހެދި އެވެ. މެސީ ފަހުން ބުނެފައިވަނީ އޭނާ ހީކޮށްގެން ހުރީ އެ ދުވަހަކީ ހަމަ ހަގީގަތުގައިވެސް ހުސް ދުވަހެއް ކަމަށެވެ. އަދި ފަހުން ކްލަބްގައި މައާފަށް އެދިފައިވެ އެވެ.
މެސީގެ މެނޭޖަރު ވަނީ މިފަހަކުން ސައުދީގެ ކްލަބަކަށް މެސީ ބަދަލުވާން އުޅޭ ވާހަކަ ދޮގުކޮށްފަ އެވެ.
ޕީއެސްޖީއަށް މިސީޒަނުގައިވެސް ޗެމްޕިއަންސް ލީގުގައި ނާކާމިޔާބުވެފައިވާއިރު ކްލަބްގައި އަންނަ ސީޒަންގައި މެސީ ދެމިހުންނާނެ ކަމާމެދު ޔޫރަޕްގެ ބޮޑެތި ކުޅިވަރު ނޫސްތަކުން ވަނީ ސުވާލު އުފައްދާފަ އެވެ.