ފްރާންސް ލީގުގެ ފުރަތަމަ މެޗު ޕީއެސްޖީން ހަނިގޮތަކަށް ކާމިޔާބު ކޮށްފި އެވެ.
ލީގު 1 ގެ އާސީޒަން ހުޅުވަން ކުޅުނު މެޗުގައި ޓުއާ އާއި ވާދަކޮށް ޕީއެސްޖީ މޮޅުވީ 2-1 ގެ ނަތީޖާ އަކުންނެވެ.
ޓުއާގެ ދަނޑުގައި ކުޅުނު މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ޓުއާއިންނެވެ. ފުރަތަމަ ހާފުގެ ނުވަވަނަ މިނެޓުގައި ޑިލާން ޝޯމްބޯސްޓް ނަގައިދިން ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވާލިދު އެލް ހަޖަމް އެވެ.
ބައިކޮޅަށް ވަން ގޯލާއި އެކު ޕީއެސްޖީން ވަނީ ކުޅން ރަނގަޅު ކޮށްފަ އެވެ. ޕީއެސްޖީ މޮޅުވީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ. ފުރަތަމަ ލަނޑު ޕީއެސްޖީއަށް ކާމިޔާބު ކޮށްދިނީ އެންޑާ ހެރޭރާ ދިން ޕާހަކުން ޕީއެސްޖީ އާއި އަލަށް ގުޅުނު އަޝްރަފް ހަކީމީ އެވެ. ދެވަނަ ގޯލު އާޖެންޓީނާގެ އިކާޑީ ކާމިޔާބު ކުރިއިރު މި ގޯލުގައިވެސް ހެރޭރާގެ ހިއްސާ ބޮޑެވެ. މި ގޯލަކީ ހެރޭރާ އެމްބާޕޭއަށް ދިން ބޯޅައެއް އޭނަ އިކާޑީ އަށް ޕާސް ކޮށްގެން ޖެހި ގޯލެކެވެ. ފައިގެ ބޭރު ފުށުން އިކާޑީ ކާމިޔާބު ކުރި މި ލަނޑު ވަރަށް ރީއްޗެވެ.
ޓީމާއި އަލަށް ގުޅުނު ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސް ޕީއެސްޖީގައި އޭނާގެ ޑިބަޓް އަދި ނުހަދަ އެވެ. ޕީއެސްޖީން ލައިނަލް މެސީ ގެންނަން މަސައްކަތް ކުރަމުން ދާއިރު، ބެލެވޭ ގޮތުގައި ސާޖިއޯ ރާމޯސްގެ ފުރަތަމަ ޑިބަޓް ޕީއެސްޖީގައި ފެންނާނީ މެސީ އެޓީމާއި ގުޅިއްޖެ ނަމަ އެދެކުޅުންތެރިން އެކުގަ އެވެ.