ޕީއެސްޖީ

އޮފިޝަލް: ސާޖިއޯ ރާމޯސް ޕީއެސްޖީއާއި ގުޅިއްޖެ

ރިއަލް މެޑްރިޑާއި ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެ، ސާޖިއޯ ރާމޯސް ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އާއި ގުޅިއްޖެ އެވެ.

އުމުރުން 35 އަހަރުގެ ސާޖިއޯ ރާމޯސް ޕީއެސްޖީއާއި ގުޅުނީ ދެ އަހަރުގެ މުއްދަތަކަށެވެ. ކުރިން ރިއަލް މެޑްރިޑްގައި އޭނާ އާއި އެއްކޮށް ކުޅުނު ނަވާސް، ޑިމާރިއާ، އަޝްރަފް ހަކީމީގެ އިތުރުން ސްޕެއިންގެ ބާނެޓް، ސާޖިއޯ ރިކޯ، ސަރާވިއާ އަދި ހެރޭރާ އާއި އެއް ޓީމަކަށް ބަދަލު ވުމަކީ ރާމޯސްއަށް ކުޅުމުގައި ލިބޭނެ ވަރަށް ބޮޑު ފަސޭހަ އެކެވެ.

ޕިއެސްޖީގައި ވެސް ރާމޯސް ކުޅޭނީ ޖާޒީ ނަންބަރު ހަތަރަކަށެވެ. ރާމޯސް ބުނީ ދަނޑުމަތީގެ އިތުރުން ވެސް ނަންބަރު ހަތަރަކާއި އޭނާ އާއި މިހާރު އޮތީ ވަރަށް ބޮޑަށް ގުޅިފައި ކަމަށެވެ.

ހަތަރު ފަހަރެއްގެ މަތިން ޔުއެފާ ޗެމްޕިއަންސް ލީގު ނަގާފައިވާ ރާމޯސް އަކީ ޕީއެސްޖީން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ލިބޭ ވަރަށް ހިތްވަރަކަށް ވާނެ އެވެ. ނޭމާ އާއި އެމްބާޕޭ ހިމެނޭ ގޮތަށް އަތުރާލެވިފައިވާ ޕީއެސްޖީގެ ހިފަހައްޓާ ނުލެވޭ ވަރުގެ ވަރުގަދަ އެޓޭކް ލައިނާއެކު ސާޖިއޯ ރާމޯސް ޓީމާއި ގުޅުމަކީ ޑިފެންސް ލައިނު ވަރުގަދަ ވާނެ ކަމުގެ ހެއްކެކެވެ.

ބުދަ ދުވަހު ރާމޯސް ފްރާންސަށް ދަތުރުކޮށް، ރަސްމީ ސިފައެއްގައި ޕީއެސްޖީ އާއި ގުޅިފައި ވާއިރު، ސަޕޯޓަރުން ހުރީ 16 އަހަރުގެ ދިގު ތާރީހަކަށް ފަހު ރިއަލް މެޑްރިޑާއި ވަކިވި ރާމޯސް ޕީއެސްޖީއަށް ކުޅޭތަން ބަލާލާން ކެތްމަދުވެފަ އެވެ.

ޔޫރޯ 2020 ގައި ސްޕެއިން ޓީމުން ރާމޯސްއަށް ޖާގަ ނުލިބުމުން އޭނާ ޖެހުނީ ޕީއެސްޖީ އާއެކު އެއްބަސް ވުމަކަށް އާދެވެންދެން ރިއަލް މެޑްރިޑްގައި މަޑު ކުރާށެވެ. ރާމޯސް ނެތް ކަމުގެ ފަޅުކަން މިފަހަރުގެ ސްޕެއިން ޓީމުގެ ޑިފެންސް ލައިނުން ވަރަށް ބޮޑަށް ދެއްކި އެވެ.

ސްޕެއިންގެ ޓީމަށް ނުނެގުނު ނަމަވެސް އޭނާ ވަނީ އެ ދުވަސްތަކުގެ ބޭނުން ހިފައި ވަރަށް ރަނގަޅަށް ފަރިތަކޮށްފަ އެވެ. އެއީ އޭނާގެ އާ ޓީމާއެކު ކާމިޔާބު ހޯދަން ރަނގަޅު ކުޅުމެއް ދެއްކުމަށްޓަކަ އެވެ.