ފުޓްބޯޅައިގައި އެންމެ ގިނަ ކާޑު ހޯދި ކުޅުންތެރިއާގެ ލަގަބު މިވަގުތު އޮތީ ސްޕެއިންގެ ޑިފެންޑަރު ސާޖިއޯ ރާމޯސް އަތުގަ އެވެ.
ދާދި ފަހުން ޕީއެސްޖީއާއި ގުޅުނު ރާމޯސް ވަނީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި 26 ރަތް ކާޑު ހޯދާފަ އެވެ. އަދި 2000 ވަނަ އަހަރުގެ ފަހުން އޭނާއަށް 250 އަށް ވުރެ ގިނަ ރީންދޫ ކާޑު ދައްކާފައިވެ އެވެ.
ގިނަ އަދަދެއްގެ ރަތް ކާޑު ހޯދާފައިވާ ރާމޯސް އޭނާގެ ގައުމީ ޓީމު، ސްޕެއިންއަށް 150 އަށްވުރެ ގިނަ މެޗު ކުޅެދިނެވެ. ނަމަވެސް މިއިން އެއްވެސް މެޗެއްގައި އޭނާއަށް ރަތް ކާޑު ދައްކާފައެއް ނުވެ އެވެ. ނަމަވެސް ސްޕެއިން ޓީމުގައި އޭނާ ވަނީ 24 ރީންދޫ ކާޑު ހޯދާފަ އެވެ. މިއާއި އެކު އޭނާ ވެގެން ގޮސްފައިވަނީ ސްޕެއިންގެ އެންމެ ގިނަ ކާޑު ހޯދި ކުޅުންތެރިޔާ އަށެވެ.
ރާމޯސްގެ ހުރިހާ ރަތްކާޑަކީވެސް ކްލަބް ފުޓްބޯޅައިގާ ހޯދާފައިވާ ކާޑު ތަކެވެ. އޭގެ ތެރެއިން އެންމެ ގިނަ ކާޑު ލިބިފައި ވަނީ އޭނާ ރެއާލް މެޑްރިޑަށް ކުޅުނު އިރު އެވެ. އެހެން ކަމުން ލަލީގާގައި އެންމެ ގިނަ ރަތް ކާޑު ދައްކާފައިވާ ކުޅުންތެރިއަކަށް ވެސް ވެފައި ވަނީ ރާމޯސް އެވެ. އަދި ޗެމްޕިއަންސް ލީގުގައި ހޯދި 40 ރީންދޫ ކާޑާއި ހަތް ރަތް ކާޑާއެކު ރާމޯސް ވަނީ އެމުބާރާތުގެ ވެސް އެންމެ ގިނަ ކާޑު ހޯދި ކުޅުންތެރިޔާއަށް ވެފަ އެވެ. ރެއާލް މެޑްރިޑްގައި ރާމޯސް 13 ސީޒަން ކުޅުނެވެ.
ރެއާލް މެޑްރިޑުން ރާމޯސް ވަނީ މިހާރު ޕީއެސްޖީއަށް ބަދަލު ވެފަ އެވެ. އެހެން ކަމުން ރާމޯސްގެ މި ރެކޯޑު ފޮތުގައި ޕީއެސްޖީ އަދި ލީގު އެކެއްގެ އެންމެ ގިނަ ކާޑު ހޯދި ކުޅުންތެރިޔާގެ މަގާމު ހިމަނާލުމުގެ ފުރުސަތުވެސް އެބައޮތެވެ.
ރާމޯސް ފިޔަވާ އެންމެ ގިނަ އަދަދަކަށް ރަތް ކާޑު ހޯދާފައި ވަނީ މެކްސިކޯގެ ރަފައެލް މާކުއެޒް އެވެ. އޭނާ ވަނީ 21 ރަތް ކާޑު ހޯދާފަ އެވެ.