ލަ ލީގާ

އެސްޕަންޔޯލް އަތުން ރެއާލް ބަލިވެއްޖެ

މި ފަހަރުގެ ލަލީގާގައި ރެއާލް މެޑްރިޑް ފުރަތަމަ ފަހަރަށް ބަލި ވެއްޖެ އެވެ.

ލަލީގާ 2021/22 ސީޒަނުގައި އެސްޕާންޔޯލް އާއި ބައްދަލު ކުރި މެޗުން ރެއާލް ބަލިވީ 2-1 ގެ ނަތީޖާ އަކުންނެވެ. މިއީ މި ސީޒަނުގައި ރެއާލް މެޑްރިޑް ލަލީގާގެ މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ.

މެޗުގެ 17 ވަނަ މިނެޓުގައި އަރިމަތިން އައި ހުރަހެއް ގޯލުގެ ތެރެއަށް ފޮނުވަލައިގެން އެސްޕާންޔޯލްއަށް ލީޑު ނަގައިދިނީ ރައުލް ޑި ތޯމަސް އެވެ. ފުރަތަމަ ހާފު ނިމުނީ 1-0 އިން އެސްޕަންޔޯލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި އެސްޕަންޔޯލްއަށް ލީޑު ފުޅާ ކޮށްދިނީ އަލެއިކްސް ވިޑާލް އެވެ. މި ގޯލަކީ ދެ ކުޅުންތެރިން ކައިރިން ނައްޓާލުަށް ފަހު ރެއާލްގެ އޭރިއާ ތެރެއަށް ވަދެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ވިޑާލް ކާމިޔާބު ކުރި ގޯލެކެވެ. ރެއާލުން ގޯލެއް ޖަހައި ފަރަގު ކުޑަ ކުރީ މެޗުގެ 71 ވަނަ މިނެޓުގަ އެވެ.

މި ލަނޑުގެ ކުރިން ލުކާ ޔޯވިކް ދިން ޕާހަކުން ބެންޒެމާ ގޯލެއް ޖެހި އެވެ. އެކަމަކު ޔޯވިކްއަށް ބޯޅަ ލިބުނު އިރު އޭނާ ހުރީ އޮފްސައީދް ޕޮސިޝަނެއްގައި ކަމުން ރެފްރީ އެ ގޯލު ބަލައެއް ނުގަތެވެ.

ރޭގެ ބައްޔާއެކު މި ސީޒަނުގައި ރެއާލުން އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް އެޓީމަށް މޮޅެއް ނުލިބެ އެވެ. ލަލީގާގައި ވިޔަރެއާލް އާއި ބައްދަލުކުރި މެޗުން އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވި އިރު، ޗެމްޕިއަންސް ލީގުގައި ޝެރިފް އަތުން ރެއާލް ބަލިވީ 2-1 ގެ ނަތީޖާ އަކުންނެވެ. އޭގެ ފަހުން ލަލީގާގައި ރޭ ކުޅުނު މެޗުން ވެސް އެ ޓީމް ބަލިވީ އެވެ.

މި ބައްޔާއެކު ވެސް ލީގުގެ އެއްވަނައިގައި 17 ޕޮއިންޓާއި އެކު އަދިވެސް އޮތީ ރެއާލް އެވެ. އެތުލެޓިކޯ މެޑްރިޑާއި ރެއާލް ސޮސެއިޑާއަށް ވެސް 17 ޕޮއިންޓް ލިބުނު ނަމަވެސް ރެއާލް އެއް ވަނައިގައި އޮތީ ފައިދާ ގޯލުންނެވެ. އެތުލެޓިކޯ ދެ ވަނައިގައި އޮތް އިރު ރެއާލް ސޮސެއިޑާ އޮތީ ތިން ވަނައިގަ އެވެ.

ލަލީގާގައި ރޭ ކުޅުނު އެހެން މެޗު ތަކަށް ބަލާއިރު، ރެއާލް ބެޓިސް އަތުން ވިޔަރެއާލް މޮޅުވީ 2-0 ގެ ނަތީޖާ އަކުންނެވެ. ސެވިޔާ އަތުން ގްރަނާޑާ 1-0 އިން މޮޅުވި އިރު، ގެޓާފޭ އާއި ރެއާލް ސޮސެއިޑާ ކުޅުނު މެޗު ނިމުނީ ކޮންމެ ޓީމަކުން ވެސް ގޯލެއް ޖަހައި އެއްވަރު ވެގެންނެވެ.