ލަލީގާގައި ވެލެންސިއާ އާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗުން ފަހަތުން އަރައި ރެއާލް މޮޅުވެއްޖެ އެވެ.
ވެލެންސިއާނެގ ދަނޑުގައި ރޭ ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާ އަކުންނެވެ. ފޯރިގަދަ މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވުނެވެ. ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް ގިނަ ހަމަލާ ތަކެއް އުފެއްދި ނަމަވެސް އެ ހަމަލާތައް ގޯލަކަށް ބަދަލު ކުރުމުގައި ދެ ޓީމުވެސް ވަނީ ނާކާމިޔާބު ވެފަ އެވެ.
ދެވަނަ ހާފު ފެށިގެން ވެލެންސިއާއިން ވަނީ ވަރަށް ބޮޑަށް ގޯލެއް ޖަހަން މަސައްކަތް ކޮށްފަ އެވެ. އެގޮތުން ދެފަޅިން އެތެރެއަށް ވަދެ ޕާސް ޖަހައިގެން ގޯލު ޖެހުމަށް އެޓީމުން ގިނަ ފުރުސަތު ތަކެއް ތަނަވަސްކުރި އެވެ. އެކަމަކު އެ ފުރުސަތު ތަކުގެ ބޭނުން އެންމެ ރަނގަޅަށް ނުހިފުނެވެ. މެޗުގެ 66 ވަނަ މިނެޓުގައި ވެލެންސިއާއަށް ލީޑު ނަގައި ދިނީ އެޓީމުގެ އަރިމަތިން ކުޅެމުން އަންނަ ހުގޯ ޑުރޯ އެވެ. މި ގޯލަކީ މަތިމަތިން އައި ހުރަހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބު ކޮށްދިން ގޯލެކެވެ.
މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ރެއާލްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެޓީމުގެ ޒުވާން ތަރި ވިނީީޝިއަސް ޖޫނިއާ އެވެ. މި ގޯލަކީ އަރިމަތިން އޭނާ ފޮނުވާލި ބޯޅައެއް އިދިކޮޅު ޑިފެންޑަރުގެ ފައިގައި ޖެހިފައި މިސްރާބު ބަދަލުވެގެން ގޮސް ވަން ގޯލެކެވެ. އޭގެ ފަހުން މެޗުގެ 88 ވަނަ މިނެޓުގައި އޭރިއާ ތެރެއަށް ވިނީޝިއަސް ނަގައިދިން ބޯޅައެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ރެއާލްއަށް ލީޑު ނަގައި ދިނީ ކެޕްޓަން ކަރިމް ބެންޒެމާ އެވެ.
މި ނަތީޖާއާއެކު ރެއާލް ވަނީ ތާވަލުގެ އެއްވަނައަށް އަރާފަ އެވެ. ކުޅުނު ހަތަރު މެޗުން މޮޅުވެ އެއް މެޗުން އެއްވަރު ވެގެން ރެއާލް އެއް ވަނައިގައި އޮތީ 13 ޕޮއިންޓާއެކު އެވެ.
ލަލީގާގައި ރޭ ކުޅުނު އެހެން މެޗު ތަކަށް ބަލާއިރު، ރެއާލް ސޮސެއިޑާ އާއި ސެވިއްޔާގެ އިތުރުން މަލޯކާ އާއި ވިޔަރެއާލް ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރު ވެގެންނެވެ. ރެއާލް ބެޓިސް އާއި އެސްޕާންޔޯލް ކުޅުނު މެޗު އެއްވަރުވީ 2-2 ގެ ނަތީޖާ އަކުންނެވެ. އަލާވޭސްގެ މައްޗަށް އޮސަސޫނާ ކުރިހޯދީ 2-0 އިންނެވެ. އަލާވޭސް އޮތީ ކުޅުނު ހުރިހާ މެޗަކުން ބަލިވެ ތާވަލުގެ ފުލުގަ އެވެ.